ޕީއެސްއެމްގެ މޭނޭޖިން ޑިރެކްޓަރު އަލީ ހާލިދު މުސާރައިގެ އިތުރަށް ނަންގަވާފައިވާ އެލަވެންސް އެ މީޑިއާއާ ހަވާލުކޮށްފައިވާ ކަަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ އެމްޑީ އަލީ ހާލިދުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަ މުހައްމަދު ޝަމީމު އެއް އަހަރު ވަންދެން މުސާރައިގެ އިތުރަށް 7،500 ރުފިޔާގެ އެލަވެންސެއް ނަގަމުން އައި މައްސަލަ ފެންމަތިވެފައި ވަނީ އިއްޔެއެވެ. އެއާ ގުޅިގެން ޕީސީބީން ވަނީ އެ ދެބޭފުޅުން އިތުރަށް ނަގާފައިވާ ފައިސާ އެ ކުންފުންނާއި ހަވާލު ކުރުމަށް އަންގާފައެވެ.

އެކަމާއި ގުޅިގެން އަލީ ހާލިދު ވިދާޅުވީ، އޭނާއަށް ކަނޑައެޅިފައިވާ މުސާރައިގެ ބޭރުން އޭނާގެ އެކައުންޓަށް ޖަމާވެފައިވާ 105،000 ރުފިޔާ މިއަދު ޕީއެސްއެމް އާ ހަވާލު ކޮށްފައިވާ ކަމަށެވެ.

އަލީ ހާލިދު ވިދާޅުވީ، އިތުރު އެލަވަންސެއް އޭނާއަށް ނެގުނީ ފިނޭންސް މިނިސްޓްރީން ފޮނުވި ސާކިއުލާއެއް މާނަކުރުމުގައި އޭނާއަށް އެރި އޮޅުމެއްގެ ސަބަބުން ކަމަށެވެ. އަދި އެ އޮޅުން އެރުމާއެކު ބެލި ބެލުމުން ބޯޑު އެލަވަންސް އުނިކުުރަން ޖެހޭކަން ފާހަގަވީ މާ ފަހުންކަމަށް އަލީ ހާލިދު ވިދާޅުވިއެވެ.

"ނަމަވެސް އެކަން އަޅުގަނޑަށް ކުރިން ފާހަގަކުރެވިފައި ނުވަނީ. އަޅުގަނޑުގެ މުސާރައަށް އެއްވެސް ބަދަލެއް ނައިސް ކުރިން ވެސް ޖަމާވަމުން އައި އަދަދަށް (އިތުރުވުމެއް ނެތި) ފައިސާގެ އަދަދު ޖަމާވަމުން އައުމުން" އަލީ ހާލިދު ބުންޏެވެ.

ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަމަށް ސަމާލުވާނެކަމާއި، މިކަން މިހެން ދިމާނުވާނެ ގޮތަކަށް އިޖުރާއަތުތައް ވަރުގަދަކުރުމަށް މަސައްކަތްކުރުމަށް ގެންދާ ވާހަކަ އަލީ ހާލިދު ވަނީ ވިދާޅުވެފައެވެ. އަދި އެކަން އެގޮތަށް ހިނގައިދިޔައިތީ ހުރިހާ ބޭފުޅުންގެ ފަރާތުން މާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޕީސީބީން އެދުނު ގޮތަށް އަލީ ހާލިދު ފައިސާ ހަވާލު ކޮށްފައިވާއިރު، މުހައްމަދު ޝަމީމު ފައިސާ ހަވާލު ކޮށްފައިވާ ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ފައިސާ އަނބުރާދެއްކިޔަސް ވާނީ ކަރަޕުސަނާ ވައްކަމަށް

  2. ކޮރަލް

    ބޭނުންވަނީ އާ މޫނެކެވެ.

  3. ރަން ރީނދޫ

    ބަލަ މާފަށް އެދިފަ އިސްތިއުފާ ދޭނީ. ނަޒާހަތްތެރިކަން ގެއްލުނީމަ.

  4. ހައްޕު

    ފައިސާ ދެއްކިއަސް ކުރި ކުށަށް އަދަބު ލިބެންޖެހޭނެ.

  5. ކޮްއްޔާ

    ވަރަށް ސަޅި // ވަރަށް ރަނގަޅު ،.

  6. ބަކުރު

    ފިނޭންސު މިނިސްޓަރު ވަކިކޮށްފަ ތިތަނަށް ފިނޭންސު ކެޔޮޅެއް ލިއްޔާ މާރަނގަޅަށް ކަންތަށްތަށް ބަލަހަށްޓާނެ މިއޮތީ ހަމަ ލިޔަންކިޔަންނުދަންނަ ސަރުކާރެއް އައިސްފަ ވާނުވާ ނޭނގޭ (ބަޔަކު ބުނީމަ ބަޔަކު ލިޔުނީމަ ކިޔަން ބުނަން އެނގޭ ނާގާބިލް ސަރުކާރެއް)