ދުނިޔޭގައި ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނާ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

މިއީ އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހައި ކޯޓުން ބާތިލް ކުރި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށް އެ މައްސަލަތައް ބެލޭނެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުގެ ޝަރީއަތް ގެންދަން އެންގެވި ފަހުން ތާވަލު ކުރި ފުރަތަމަ އަޑުއެހުމެވެ.

އަމީންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ޖަމާއަތެއްގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:00 ޖަހާއިރުއެވެ.

ކްރިމިނަލް ކޯޓުގައި އަމީންގެ ޝަރީއަތް ކުރިއަށް ދަނިކޮށް، ހައި ކޯޓުގެ އެ ހުކުމާ އެކު އަމީން މިނިވަން ކުރަން ހައި ކޯޓުން ހުކުމް ކުރިއެވެ. އެކަމަކު މޮނިކޮން އަމުރެއްގެ ދަށުން އޭނާ މާލެއިން ބޭރަށް ދިއުމާއި ވަކި ވަގުތެއްގައި ގެއިން ބޭރަށް ދިއުން މަނާ ކުރިއެވެ. އެހެންވެ ހައި ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީއެވެ. ސުޕްރީމް ކޯޓުން ނިންމީ މައްސަލަ ގެންދެވޭނެ ކަމާއި ހައި ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމުގައެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ވަނީ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހަކު ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރިޔަސް، އެ މީހެއްގެ މައްޗަށް ދައުވާ ކުރުމުގައި ހިނގާނީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މުއްދަތުގެ ކަމަށެވެ.

ޓެރަރިޒަމްގެ ތުހުމަތުގައިވާ މީހުން ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރެވޭނެ ކަމަށް ގާނޫނުގައި އޮތީ ހަމައެކަނި ބަންދާ ގުޅޭ ކަންކަމުގައި އެކަނި ކަމަށް ހުކުމްގައިވެއެވެ. އެހެންވެ ދައުވާ ކުރުމުގެ މުއްދަތަށް ޖިނާއީ އިޖްރައާތުގެ ގާނޫނު ނުހިނގާނެ ކަމަށް އެ ހުކުމުގައިވެއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ ގާނޫނެއްގެ މާއްދާތައް މާނަކުރަން ޖެހޭނީ އެ ގާނޫނުގެ ހުރިހާ މާއްދާތަކަށާއި ގާނޫނުގެ މަގްސަދަށް ބަލައިގެން ކަމަށް ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށާއި އަމީންގެ މައްސަލާގައި ހައި ކޯޓުން ގާނޫނު މާނަކުރީ އެ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

އެހެންކަމުން ހައި ކޯޓުން ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ހުކުމް ކުރި ހިސާބުންނާއި ކްރިމިނަލް ކޯޓުގައި އެ ދައުވާތައް ބަލަމުން ގޮސްފައިވާ ހިސާބުން، ކުރިއަށް ގެންދަން ސުޕްރީމް ކޯޓުގެ ހުކުމްގައިވެއެވެ.

އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރެވެ.

އަމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.