ބ. ކުޑަރިކިލު އިން ނުވަ މީހަކު ކޮވިޑަށް ފައްސިވެ، ރަށަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާން އައްބާސް "ވަގުތު" އަށް ވިދާޅުވީ، އެރަށުން މިހާތަނަށް ނުވަ މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި އަދި ވެސް ގިނަ އަދަދެއްގެ ސުންކުތަކުގެ ނަތީޖާ ނުލިބި އެބަހުރި ކަމަށެވެ.

ކުޑަރިކިލު އިން އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވެފައިވަނީ އެރަށު މީހަކާއި ކައިވެނި ކޮށްގެން އުޅޭ ރިސޯޓެއްގައި މަސައްކަތް ކުރާ ފިރިހެނެކެވެ. އޭނާ ފައްސިވެފައިވަނީ އެރަށުގައި ދެވަނަ ފަހަރަށް ނެގި ސުންކުން ކަމަށް އައްބާސް ވިދާޅުވިއެވެ. އޭނާ އަކީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހެކެވެ.

"އެންމެ ފުރަތަމަ ރިލީސް ސާމްޕަލް ނެގިއިރު ނައްސި ކަމަށް ދެއްކީ. އޭގެ ދުވަސްކޮޅެއް ފަހުން އޭނާ އެދިގެން ސުންކު ނެގިއިރު ފައްސިކަން މި އެނގުނީ. ދެން ގާތުން އެއްތާވި މީހުން ހޯދައި ނެގި ސުންކުއިން މިހާތަނަށް ނުވަ މީހަކު މިވަނީ ފައްސިވެފައި" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ، އެރަށުގައި މިވަގުތު ކޮވިޑްގެ ބޮޑު އިހާއެއް އުޅޭ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެހެން ނަމަވެސް ބަލި ފެތުރެން ފަށާފައިވަނީ ސީދާ އެމީހާގެ ފަރާތުން ކަން ބުނެދޭން ނޭނގޭ ކަމަށެވެ.

"ބަލި ފެތުރިފައިވާ ވަރު ބެލުމަށް މިހާތަނަށް ގިނަ ސުންކު ވަނީ ނެގިފައި. އަދި 63 ސުންކުގެ ނަތީޖާ ނުލިބޭ: އައްބާސް ވިދާޅުވިއެވެ.

ކަރަންޓިނުގައި ނެތް ބަޔަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

އައްބާސް ވިދާޅުވީ، ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ މިދަނޑިވަޅުގައި ރަށުގެ ރައްޔިތުން ކަމާއި ބެހޭ އިދާރާތަކުގެ ވެރިން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބާ ކަމަށެވެ.