ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވާ އޮފިސަރުންނާއި، އަދި ވަކިކުރަން ނިންމާފައިވާ އޮފިސަރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެ އޮފިސަރުން ވަކިކުރުން ފަސްކޮށްދެވެން ނެތް ކަމަށް ސިވިލް ކޯޓުން، ނިންމި ނިންމުމުގެ އިސްތިއުނާފް މައްސަލަ މާދަމާ ހައިކޯޓުގައި ފަށަން ތައްޔާރުވެއްޖެއެވެ.

މި އޮފިސަރުން ތަމްސީލްކުރަނީ ދިވެހި ޗެމްބާސްއިންނެވެ.

އޮފިސަރުންގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އެ އޮފިސަރުން ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާ ކަމަށް ތުހުމަތުކޮށެވެ. ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަންކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އޮފިސަރުން ވިދާޅުވެއެވެ.

ޖުމްލަ ހަތް އޮފިސަރަކު ވަޒީފާއިން ވަކި ކުރަން ނިންމާފައިވާއިރު ވަޒީފާ އިން ވަކިކުރާ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ފަސް އޮފިސަރެކެވެ. އެއީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް، ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްއެވެ. މީގެ ތެރެއިން ޖަމްދީޝާއި އަހުމަދު ވަޒީފާއިން ވަނީ ވަކިކޮށްފައެވެ.

އެ މައްސަލަ ސިވިލް ކޯޓުން ނިމެންދެން އެ އޮފިސަރުން ވަޒީފާއިން ވަކި ކުރުން ފަސްކޮށްދިނުމަށް އެދުން ނަމަވެސް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ވިދާޅުވެފައެވެ. މިއާއެކު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައިކޯޓު ޝެޑިއުލްގައިވާގޮތުން އެ މައްސަލަ އޮތީ މާދަމާ ހަވީރު 16:30 އަށެވެ.

ފުލުހުންގެ ވަޒީފާ އިން ވަކިކުރި ބައެއް އޮފިސަރުން ފުލުހުންގެ ވަޒީފާ އަދާކުރަމުން ގެންދަވާތާ ތިރީހަކަށް އަހަރު ވެއްޖެއެވެ. ރިޓަޔާ ވުމަށް ފުރުސަތު ނުދީ އެބޭފުޅުން ފުލުހުންގެ ވަޒީފާ އިން ވަކިކުރަނީ އަލަށް އަމަލުކުރަން ފެށި ފުލުހުންގެ ގާނޫނަށް ފަހުވަގުތު ގެނައި އިސްލާހެއްގެ ދަށުންނެވެ.

އެއިސްލާހްގައި ބުނެފައި އޮންނަނީ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝާނަރ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ފުލުހުންގެ ބޯޑުން ބެލުމަށް ފަހު އެފަދަ އޮފިސަރުން ވަކިކުރަން ޖެހޭނެ ކަމަށެވެ.

ގާނޫނުގައި ބުނާ ރޭންކްގެ 52 އޮފިސަރުން ފުލުހުންގެ ތެރޭގައި ތިއްބަވައެވެ. އޭގެތެރެއިން ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ބޯޑަށް ފެނުނީ ހަތް އޮފިސަރެކެވެ. މީގެތެރެއިން ބައެއް ބޭފުޅުންނަކީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މަގާމާއި ހަވާލުވެ ވަޑައިގެންނެވި ހިސާބުން އެއްވެސް ޒިންމާއެއް ހަވާލުނުކޮށް ތިއްބެވި އޮފިސަރުން ކަމަށް ވެއެވެ.