ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރުސެޓް އދ. ހަންނާމީދޫއަށް ގެންގޮސްފިއެވެ.

މިޖަނަރޭޓަރު ސެޓަކީ 300kVA ގެ STW300 މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ. ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން ވަނީ STW ގެ ތިން މޮޑެލްއެއްގެ ޖަނަރޭޓަރުސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައެވެ. އެއީ STW600، STW300، އަދި STW800 އެވެ.

މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށްވެސް، ލޯކަލް ވޮރަންޓީއާއި، އާފްޓަރސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހާލާތެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ސްޓެވޯއިން ފޯރުކޮށްދޭނެއެވެ.

ހިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް ސްޓެލްކޯގެ އިންޖިނިއަރުންނަކީ މި ރާއްޖޭގައި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންނަށް ވެފައި، ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯކަން މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ވޯކްޝޮޕް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފާހަގަ ކުރައްވާފައެވެ.

އަދި އެ ޖެނެރޭޓަރަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާ އެއް ފެންވަރުގެ ޖެނެރޭޓަރެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ޖެނެރޭޓަރެއް ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ސްޓެލްކޯގެ ވޯކްޝޮޕުން އާފްޓާ ސޭލްސް ސާވިސް ލިބިގެންދާނެ ކަމަށާއި، ދިމާވާ ކޮންމެ މައްސަލައެއް ހައްލުކޮށްދީ، ބަދަލުކުރަން ޖެހޭ ސްޕެއާ އެއް ހުރިނަމަ ސްޓެލްކޯގެ އިންޖިނިއަރުން ގޮސް ބަދަލު ކޮށްދޭނެ ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފަ އެވެ.