ކުޑަކުދިންގެ ހިޔާގައި ބައިތިއްބާގައި ތިބި ކުދިންތަކަކަށް 2017 ވަނަ އަހަރު ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދިން މައްސަލައިގެ ތަހުގީގު ކޮށްފައިވަނީ އެއްވެސް ބަޔަކާއި ޒާތީވެގެން ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ވިދާޅުވެއްޖެއެވެ.

ކުރީގެ ޖެންޑާ މިނިސްޓަރ ޒެނީޝާ ޝަހީދު އަލީ ޒަކީ މިނިސްޓަރު ކަމުގައި ހުންނެވިއިރު ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ ކުދިންތަކަކަށް އަނިޔާކުރި މައްސަލައެއްގައި އޭނާ އާއި ފުލުހުން ވެސް ހިމެނޭ ގޮތައް 30 މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެޗްއާރުސީއެމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް އިއްޔެ ވަނީ މައްސަލަ ހުށަހަޅާފައެވެ.

ތުހުމަތުތަކާއި ގުޅިގެން ޒެނީޝާ ސޮއިކުރައްވައި އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެއްވެސް ޖިނާއީ ކުށެއް ކޮށްފައި ނުވާނެ ކަމަށެވެ. އޭނާ ވަނީ، އެފަދަ އަމަލެއް ކުރުމަށް އެހީތެރިވެ، ބައިވެރިވެފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.

ޒެނީޝާގެ ބަޔާނުގައި ވިދާޅުވީ އޭނާއާ މެދު ތުހުމަތު ކުރާ މައްސަލައަކީ ޒާތީ ތައައްސުބުން އުފަންކުރި މައްސަލައެއް ކަމަށެވެ. މުޅި މައްސަލަ ބިނާކޮށްފައިވަނީ ސައްހަ ނޫން އަސާސްތަކެއްގެ މައްޗަށް ކަމަށާއި ތަހުގީގު ހިންގީ އެ ކަމަށް އޮންނަ ހަމަތަކާ ކަނޑައެޅިގެން ހިލާފަށް ކަމަށް ވެސް ޒެނީޝާގެ ބަޔާނުގައި ވިދާޅުވިއެވެ.

ޒެނީޝާގެ މި ވާހަކަތަކަށް ރައްދުދެއްވަމުން އެޗްއާރްސީއެމް އިން ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަނުން“ އެކޮމިޝަނަށް ފޮނުވާފައިވާ މައްސަލަ ތަކަކީ 2017 ވަނަ އަހަރު ކުދަކުދިންގެ ހިޔާގައި ބައިތިއްބާފައި ތިބި ކުދިންތަކަކަށް ފުލުހުންނާއި އެމްއެންޑީއެފް އާއި ގުޅިގެން ޖެންޑާގެ ފަރާތުން ހިންގި ހަރާކާތްތަކެއްގައި އެމުއައްސަސާތަކުގެ ބައެއް މުވައްޒަފުން އެކުދިންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ކުދިން ބިޑިއަޅުވައި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާ ކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށެވެ.

އެންޓި ޓޯޗާ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) އިން އަނިޔާ ކުރުމާއި ރަހުމްކުޑަ އަމަލު ހިންގުމާއި ލާއިންސާނީ އަމަލު ހިންގުމާއި އިހާނެތި އަމަލު ހިންގުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބު ދިނުމާ ދެކޮޅަށް މަސައްކަތް ކުރުމާއި އެކަންކަން ރާއްޖޭގައި ހިނގާ ނުދިނުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމާއި އެގާނޫނުގެ ދަށުން ކުށްކަމުގައި ކަނޑައަޅާފައިވާ އަމަލުތައް ރާއްޖޭގައި ހިނގައި ނުދިނުމަށްޓަކައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ގާނޫނީ ޒިންމާވަނީ އެގާނޫނުގެ ދަށުން އެޗްއާރުސީއެމްގެ މައްޗަށް މަތިކޮށްފައިވެއެވެ.

އަދި އެކަންކަން ތަންފީޒު ކުރުމަށް ފަހިވާނެ އެންމެހައި ކަންކަން ކުރުމުގެ އިހްތިސޯސް ވެސް އެކޮމިޝަނަށް ލިބިގެންވެއެވެ.

އެޒިންމާ އަދާ ކުރުމުގައި ހުށަހެޅޭ މައްސަލަތައް ތަހުގީގު ކުރުމުގައި އެއްވެސް ފަރާތަކާމެދު ޒާތީ ތައްސުބެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަން ހާމަކޮށް އެކޮމިޝަނުން ވިދާޅުވީ، މައްސަލަތަކުގައި ގޮތް ނިންމަނީ ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ބުރަވެ، އިންސާފުވެރިކަމާއި، އަދުލުވެރިކަމާ އަދި ނަޒާހަތްތެރިކަމާއި އެކީ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފާޑުކިޔުންވެސް އެޗްއާރްސީއެމްއަށް އަމާޒުވެފައި ވެއެވެ.

ނަޝީދު ކުރެއްވި ޓްވީޓްގައި ވަނީ ދައުވާ އަނބުރާ ގެންދިއުމަކީ ބުއްދިވެރި ގޮތްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ޒެނީޝާއަކީ މިނިސްޓަރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރަން އަމިއްލަ ޖަމިއްޔާއެއް އުފައްދަވައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވެވި އަދި އޭގެ ފަހުން ވެސް ޖަމިއްޔާ ހިންގެވުމުގައި އުޅުއްވާ ބޭކަނބަލެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޅުވިސް

    ހިޔާގެ ކުދިން ބެލެހެއްޓުމަށް 1 ދުވަހަށް ނަމަވެސް އެޗް އާރުސީއެމް އިން ހަވާލުވެލަން ފެނޭ

    22
    • ޏަޖަނ

      އެކުދިން މިމީހުންނާ ހަވާލުކޮޮށްފަ އެންމެން ތިބެމާ ބަލަން. އެޗް.އާރ.ސީ.އެމް ތީހަމަ ތަނެއްދޮރެއް އެނގޭ ބަޔެއްނޫން. ފުރަތަމަ ތަޙްގީގު އެއީ ކޯއްޗެއްކަން ވެސް އޭން މީހާކަ ނޭނގޭނެ.

  2. ޢިބްރާހީމް

    ހަމަ ވަރަށް ޒާތީ ތަނެއްގައި ކަމެއްހިގާއިރަށް ޖެހޭބާ އެތަނެއްގެ ވަޒީރު ކޯޓަށް ގެންދަން. ތިބުނާ ކުދިންގެ މައިން ބަފައިންނަށް އަދަބުދީބަލަ. އެކުދިންނަށް އިހުމާަލުވާތީ.

  3. ޒާތީ ކޮމިޝަން

    ޒެނީޝާ ދެކެ ޖޭ ވިޔަސް ބޮޑުވަރު. ދެން ތިތާ ބޮޑުމުސާރަ ނަގައިގެން ސިޔާސީ އައްޑާއަކަށް ތިތަން ހަދައިގެން ދުނިޔެ އުމުރަށް އުޅެވޭނެބާ؟ ދެން އަންނަ ވެރިކަމެއްގައިވެސް ތިޔަ ކުރާ ސިޔާސީ ޒާތީ ކަންތައްވެސް ބެލޭނެ.ވައްސަލާމް

  4. އަދުހަމް

    އެޗްއާރްސީއެމްއަކުންވެސް ނުކެރުނު މި ސަރުކާރު އައިފަހުން ހިނގާދިޔަ ރޭޕުކުރުމުގެ މައްސަލަތައް ތަހުގީގުކުރުމުގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ދައުވާކުރަން ފޮނުވާކަށް. ރޯޔަލް ރޭޕު މައްސަލަ ކޮބާ؟ އެޗްއާރްސީއެމް ވެސް ކުޅެނީ މި ސަރުކާރުން ކުޅޭ ސިޔާސީ ޗަރުކޭސް. ރައްޔިތުންގެ ޓެކްސްފައިސާއިން ބިޔަ މުސާރަ ނަގައިގެން ޒިންމާ އަދާނުކޮށް ތާކުންތާކުނުޖެހޭ ކަންކަން ކުރަނީ.

  5. ށަވިޔަނި

    ތަމެން ކުރާ ކޮން ކަމެއްގަ ޒާތީ ކަމެއްނެތީ؟ ތަމެންގެ ފެންވަރު މުޅި ގައުމަށް އެނގޭ.

  6. ޢަލިބެ

    ޒާތީކަމެއްނެތް ހަމަނޮޅާލައިގެން ކާލަނީ.

  7. ޢަހު

    އުމުރުން ހަތަރު އަހަރުގެ ކުޑަ ކުދިން ރޭޕް އަރުވާއިރު ކޮބައިތޯ؟ތިޔަ ހިއުމަން ރައިޓްަްސް ކޮމިޝަން ނިދާފަތޯ؟ކުޑަކިދިންގެ ހިޔާގަ މިހާރު ހިންގާ ޖަރީމާތަށް ނުފެންނަނީތޯ؟އަބަދު ކުރީސަރުކާރު ގަހަތުން ދުވަން ހަދައިގެން ގައުމު ހަލާކުވެ ވީރާނާވަނީ ނޯންތޯ؟ކޮންމެ ސަރުކާރެއް އަޔަސް ކުށެއް ކޮއްފިއްޔާ ބަލަންޖެހޭނެ އެކަން މާބޮޑަށް ޒާތީވެ ސޯޓް ބާލަން އުޅެންނާ އަމިއްލަޔަށް އޮރިޔާންވާނީ މިސާލު ކުރީގެ ޖެންޑާ މިނިސްޓަރ ޝިދާތާ ކަމުނުގޮސްގެން ބަދަލުކުރި އައިޝަތު ދީދީ އަށް ވީ ކިހާވަރެއް ކިތައްރޭޕް ކިތަށް ޕްރެގް 18 އަހަރުން ދަށުގެ ކިތަށް ކުދިން މާބަނޑުވި އަދިވެސް މާމޮޅުމީހަކަށްވާން އެހެރީ އިސްތިއުފާ ނުދީ

  8. އައްޑޫ މީހާ

    މޮޅެތި ވާހަކަދައްކާނެ ކަމެއްނެތް ރައްމެދަށް ދަރިން ވިހަން ފުރުސަތު ދީފަ ދަރި ވިހާފަ އެއްލާލީމަ ދެން ގޮސް ކުޑަކުދިންގެ ހިޔާއޭ ކިޔާ ތަނަކަށް އެއްލާލާނެ ދެން އޭގެން ކުއްޖަކު ރޯލިޔަސް އެއީ އަނިޔާކުރީ އެޗް އާރު.ސީ.އެމް އިން 1 ގަޑި އިރަށް ތިޔަބުނާ ކުޑަކުދިންގެ ހިޔާގައި މަޑުކޮށްލައިގެން އެތާ ތިބޭ މީހުން އުޅޭ ހާލު ބަލާލަން އެބަޖެހޭ މިހާރުވެސް އައްޑޫގައި ހުރި ޖެންޑަރ ގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަހައްޓާ ތަނަށް ވަދެލަން ދައުވަތު އަރުވަން ތަކުރާރުކޮށް ދަރިން ވިހާފަ ޖެންޑަރ އާއި ހަވާލުކުރާ މީހުންނަށް ނެތްތަ ފިޔަވަޅެއް އެޅެން އެއީ ދެއްތޯ ހިއުމަން ރައިޓްސްގެ އެންމެ ފުރިހަމަ ވާޝަނަކީ ؟

  9. ޒާތީ

    މުވައްޒަފުންނަށް އިންތިހާއަށް ޒާތީވެފަ ތިބި ބައަކު މައްސަލަތަކުގަ ޒާތީނުވާނެތަ؟

  10. Anonymous

    އެޒިންމާ އަދާ ކުރުމުގައި ހުށަހެޅޭ މައްސަލަތައް ތަހުގީގު ކުރުމުގައި އެއްވެސް ފަރާތަކާމެދު ޒާތީ ތައްސުބެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަން ހާމަކޮށް އެކޮމިޝަނުން ވިދާޅުވީ، މައްސަލަތަކުގައި ގޮތް ނިންމަނީ ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ބުރަވެ، އިންސާފުވެރިކަމާއި، އަދުލުވެރިކަމާ އަދި ނަޒާހަތްތެރިކަމާއި އެކީ ކަމަށެވެ.

  11. ދަންޑަހެލުުު

    ޒާތީވެގެން ބޭއިންސާފުން ވަޒީފާއިން ކަނޑާލައިގެން އެޗުއާރުސީއެމުއާ ދެކޮޅަށް އެތޭ މަސައްކަތްކުރި މުވައްޒަފުންތަކެން ހުށަހަޅާފަ އޮތް މައްސަލަ މިހަރުވެސް ޓުރައިބިއުނަލްގައި ކުރިއަށް އެބަދޭ.