ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިންގެ ހެކިބަސްތަކުގެ ބަޔާންތައް މީސް މީޑިއާއަށް ލީކުކޮށްލީ ދިފާއީ ވަކީލުންތަކެއް ކަމަށް ދައުލަތުގެ ވަކީލު މިއަދުގެ ޝަރީއަތުގައި ތުހުމަތު ކުރައްވައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމެވެ. ދައުލަތުގެ ވަކީލު ޚުލާސާ ބަޔާން އިއްވުމަށް ފަހު، ތުހުމަތު ކުރެއްވި ކަމަކީ ދާދި ފަހަކުން ދެ ސިއްރު ހެކިވެރިއެއްގެ ބަޔާންތައް މީސްމީޑިއާއަށް ލީކު ކޮށްލީ ދިފާއީ ތިން ވަކީލެއް ކަމުގައެވެ.

އެއީ މި މައްސާލަގައި ދައުވާ އުފުލިފައިވާ އިސްމާއިލް ހައިޝަމް ރަޝީދާއި އަހުމަދު ޒިހާން އިސްމާއިލްއާއި ހަސަން ޝިފާޒް ތަމްސީލު ކުރައްވާ ވަކީލް އަހްމަދު ޔާމީން އަދި އިސްމާއިލް ރަޝީދު ތަމްސީލް ކުރައްވާ ދެ ވަކީލުން ކަމުގައިވާ ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދާއި ވަކީލު އަހްމަދު ޝަފީގެވެ.

ދައުލަތުން ވިދާޅުވީ މި ތުހުމަތު މި ގޮތަށް ކުރަން ޖެހެނީ ލީކުވި ބަޔާނުގައި އެ ދިފާއީ ވަކީލުންގެ ސޮއި ހިމެނޭ ކަމަށާއި، އެ ނޫން ފަރާތަކަށް ކްރިމިނަލް ކޯޓުން އެ ލިޔުން ދޫކޮށްފައި ނުވާ ކަމަށެވެ.

މި ތުހުމަތާ ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން އިސްމާއީލް ރަޝީދުގެ ވަކީލު މައުމޫން ހަމީދު ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވީ ދައުލަތުން އެއްވެސް ހަގީގަތެއް ނެތް އެ ވާހަކަ އެހެން ދެއްކުމަކީ "ކޯޓުގެ ހުރުމަތް ކެނޑުން" ކަމުގައި ވެސް ކޯޓުން ކަނޑައަޅައިދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

ހައިޝަމް، ޒިހާން، އަދި ޝިފާޒްގެ ވަކީލު ޔާމީން ވެސް އެ ކަމާ ނުރުހުންވެ ވާޙަކަ ދައްކަވަމުން ވިދާޅުވީ ޕީޖީ އޮފީހަކީ ދައުލަތް ތަމްސީލް ކުރައްވާ ފަރާތް ކަމުން އެންމެންގެ މަސްލަހަތަށް ވިސްނަން ޖެހޭ އިދާރާއަކަށްވާތީ ގޮތެއް ނިންމަން ވާނީ ތަހުގީގަކުން ކަމަށެވެ. އަދި ޕީޖީ އޮފީސް ތެރެއިން ވެސް އެ ލީކު ވެދާނެ ފުރުސަތު އޮންނާނެ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މި ނުކުތާތަކާ ގުޅޭ ގޮތުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އޭގެ މައްޗަށް ތަހުގީގެއް ހިންގުމުން އެކަމުގައި ކުރިއަށް ދައުލަތުން ވަޑައިގަންނަވަންވީ ކަމަށެވެ. އެ މައްސަލައަކާ ގުޅިގެން އެއްވެސް ދިފާއީ ވަކީލަކަށް ތަހުގީގީ އިދާރާއަކުން ތުހުމަތު ނުކުރައްވާ ކަން ވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

މައްސަލައާ ދާދި ފަހަކުން ހަވާލުވެވަޑައިގެންނެވި ގާޒީ އަލީ އާދަމް ވިދާޅުވީ 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވާނެއެވެ. މި ގޮތުން ހުކުމް އިިއްވުމުގެ އަޑުއެހުން އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އިއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. ޚުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް ލާޒިމު ކުރެއެވެ.