އިތުރަށް ފައިސާ ޗާޕް ކުރުމަކީ ބޮޑު ނުރައްކަލެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އިގްތިސާދީ ތަދުމަޑުކަން ދިމާވުމާއެކު ސަރުކާރުން އެދިގެން ރައްޔިތުންގެ މަޖިލީހުން ވަނީ ދެ ފަހަރެއް މަތިން އަހަރު ދުވަހަށް ފައިސާ ޗާޕު ކުރުމުގެ ހުއްދަ ދީފައެވެ. އަދި ތިން ވަނަ ފަހަރަށް ފައިސާ ޗާޕު ކުރަން މަޖިލިހުގެ ހުއްދައަކަށް މިހާރު ވަނީ އެދިފައެވެ.

ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ކުރިއަށްދާ ފައިސާ ޗާޕު ކުރުމުގެ މައްސަލައަކީ ބޮޑު ނުރައްކަލެއް ކަމަށެވެ. މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީ އަށް އޮތީމަ ގާނޫނު "ލޮކް" ކުރުމަށް ފަހު މޮޑޭ ފުއްގަނޑެއް ހެން ހިތު ހުރި ވަރަކަށް ފައިސާ ޗާޕުކޮށް ލޯނު ނަގާ އިރު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ހައްގު ބަސް ބުނުމަށް ވެސް ސައީދު ވަނީ ގޮވާލައްވައިފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވަނީ އޭޕްރީލް 25، 2022 އާ ހަމައަށް މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުން އެމްއެމްއޭއިން ފައިސާ އޯވަޑްރޯކޮށް އެ ފައިސާ ދެއްކުމުގެ މުއްދަތު އިތުރު އެއް އަހަރުގެ ދުވަހުގެ މުއްދަތަށް އިތުރުކޮށްދެއްވުމަށެވެ.

އެއީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާ ކުރުމަށް ހަމަ އެ ގާނޫނުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރެކެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ޗާޕް ކޮށްފައިވާ ފައިސާގެ އަދަދު މިހާރު ވެސް ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރައެވެ. ފައިސާ ޗާޕް ކުރުމަކީ ޑޮލަރުގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވެގެން ދާނެ ކަމެއް ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ އިތުރަށް ފައިސާ ޗާޕްނުކޮށްފިނަމަ، ބަޖެޓް ކުޑަވެ އިގްތިސާދު ހުއްޓޭނެ ކަމަށެވެ.

އެހެންވެ މާލިއްޔަތު ކޮމިޓީން ފާސް ކޮށްފައި ވަނީ އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކޮށް، އޯވަޑްރޯގެ ލިމިޓް 2.5 ބިލިއަން ރުފިޔާ އަށް ކުޑަކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފްރާޑާ އައިނު

    ދައުލަތުން ވައްކަން ކުރުމަކީ އަދި މާބޮަޑު ނުރައްކަލެއްދޯ ؟؟؟؟؟

    3
    3
  2. އަލްޖިބްރާ

    އާނ! ފައިސާ ޗާޕްކުރަންވާނީވެސް އަދި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަން ވާނީވެސް ވަކިމީހަކު ! އެމީހަކު ކޮންމެ ކަމެއްކުރިއަސް ހަމަ ހުދުކާފޫރު !

  3. ސޭކު

    ފައިސާ ޗާޕުކުރަނީ ވަށްކަންކުރަން މިއޮތީވާސަރުކާރެއް ހުރިހާގޮތަކުންވެސް ކެވޭތޯ ބަލަނީ ވެރިކަން ނިމުނީމަ ސޯލިހުޖަލަށް 2023 ޔަގީން.

  4. ރަން ރީނދޫ

    އިގްތިސާދު ގެ އަލިފުބާ ނޭނގޭ މީހުން ފައިސާ ޗާޕުކޮށް އިގްތިސާދު ހިންގަން އުޅެނީ. މިއީ ވަރަށްބޮޑު ނުރައްކަލެއް. ދިވެހި ރުފިޔާ ގެ އަގު ވެއްޓި ،އިންފްލޭޝަން އަތުނުޖެހޭ ހިސާބަށް ހިނގަން ހުޅުވޭ ދޮރެއް.

  5. ލަކްނައު

    މިއީ ރައްޔިތުންގެ ލާރިން ވައްކަން ކުރުމަކީ. ކުރިން 20 ރުފިޔާ އަށް ލިބުނު އޭތި މިހާރު25 ރުފިޔާއަށް ގަންނަން ޖެހޭ ސަބަބު.ދޮންކަޅުވެސް ނާންގާ އެއޮތީ ޖީބުން 5 ރ ވަގަށް ނަގާފައި.