ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުން ގެންދާ ގައިދީންގެ ތެރެއިން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ އެކު ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ސީއީއޯ މުޙައްމަދު ރަމީޒެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަޙްމަދު ނަސީމާއި، ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުالله ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާނީ، އެކަމަށް ހާއްސަކޮށް ތަމްރީނުކުރާ އެމްސީއެސްގެ ޑޮކްޓަރުންނާއި، ނަރުހުންނާއި، ކައުންސެލަރުންނާއި، ކޭސް ވޯކަރުންނާއި، ޕްރިޒަން އޮފިސަރުންނެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާގޮތުން، ފަރުވާ ހޯދަން ޑްރަގް ކޯޓުން އަމުރު ނެރޭ ހިސާބުން އެ އަމުރެއް ހިނގަން ފަށާނެ އެވެ. ނަމަވެސް ފަރުވާ ނުފެށި ލަސްވާ ނަމަ، ތިން އަހަރުގެ ޓާމިނޭޓް ހުކުމް ތަންފީޒުކުރެއެވެ.

ޖަލުގައި ރެސިޑެންޝަލް ފަރުވާ ފުރިހަމަކުރުމަށް ފަހު ގައިދީން އާފްޓަކެއާ ޕްރޮގްރާމުގައި ބައިވެރިކުރާނެއެވެ. ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދޭތޯ ބެލުމަށް ޑޭޓާ އެއްކުރުމާއި، އެ ޑޭޓާތަކުގެ މައްޗަށް ބިނާކޮށް ޕްރޮގްރާމް މުރާޖައާކޮށް، ހުކުމް ތަންފީޒުކޮށް ނިމުމަށްފަހު އަނބުރާ މުޖުތަމައަށް ދޫކޮށްލުމަށް ފަހު ޕްރޮގްރާމްގެ ގައިދީން މޮނިޓާ ކުރާނެ ޕްރޮސީޖާއެއް އެކުލަވާލުމަށް ވެސް އެމްއޯޔޫގައި ބާރު އަޅާފައިވެއެވެ.

ޖަލުތަކުގައި މިހާރު ވެސް އެންމެ ގިނައީ މަސްތުވާތަކެއްޗާއި ގުޅުންހުރި ކުށްތަކުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އެގޮތުން، މިދިޔަ ޖެނުއަރީން ފެށިގެން މިދިޔަ މަހާ ހަމައަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަލަށް ހުކުމްކޮށްގެން 184 މީހަކު ޖަލުގައި ބަންދުކޮށްފައިވެއެވެ.