ސްޓްރޯކް ޖެހޭ މީހުންނަށް އެންމެ ފުރިހަމައަށް ފަރުވާދެވޭނެ އިންތިޒާމް އޭޑީކޭ ހޮސްޕިޓަލުގައި ހަމަޖައްސައިފިއެވެ.

އެ ހޮސްޕިޓަލުގައި ވަނީ މުޅިން އަލަށް ސްޓްރޯކް އަށް މެކޭނިކަލް ތްރޮމްބެކްޓޮމީ ހެދޭނެ އިންތިޒާމް ހަމަޖައްސާފައެވެ. މިއީ ސިކުނޑީގައި ލޭހޮޅިއެއް ބްލޮކްވުމަށް މެދުވެރިކުރުވާ ލޭހޮޅިއެއް ވަކިކުރުމަށް ކުރިޔަށް ގެންދާ ޕްރޮސީޖާއެކެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރ އަދި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުގެ ރައީސް ރާއްޖޭގެ މަޝްހޫރު ނާރުގެ ޑޮކްޓަރު އަލީ ނިޔާފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ސްޓްރޯކްއަށް ފަރުވާކުރުމުގެ ގޮތުން މެކޭނިކަލް ތްރޮމްބެކްޓޮމީ ޕްރޮސީޖާ ރާއްޖެއަށް ތައަާރަފްކުރި ފުރަތަމަ ފަހަރު ކަމަށެވެ.

މެކޭނިކަލް ތްރޮމްބެކްޓޮމީ ތައާރަފްވުމާއެކު އޭޑީކޭ ހޮސްޕިޓަލަކީ ސްޓްރޯކް ޖެހޭ މީހުންނަށް އެންމެ ފުރިހަމައަށް ފަރުވާ ދެވޭނެ ހޮސްޕިޓަލް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސްޓްރޯކަކީ ސިކުނޑީގައި އުފެދޭ ޒަހަމަކަށް ކިޔާނަމެކެވެ. މި ބައްޔަކީ ސިކުނޑިއަށް، ލޮލުގެ ރެޓީނާއަށް، މައިބަދައަށް ވެސް ޖެހޭ ބައްޔަކެވެ. ސްޓްރޯކެއް ހަށިގަނޑު ކޮންމެ ގުނަވަނަކަށް ޖެހުމުގެ ފުރުސަތު އޮތް ނަމަވެސް ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނަ ބަޔަކަށް ސްޓްރޯކް ޖެހިފައި ވަނީ ސިކުނޑިއަށެވެ. ރާއްޖޭގައި ވެސް މިބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މި އަހަރު އޮކްޓޯބަރ މަހު އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ހަމައެކަނި އައިޖީއެމްއެޗްގެ ސްޓްރޯކް ސެންޓަރުން ވެސް 2020 ވަނަ އަހަރުގެ އޮކްޓޯބަރު 17 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 291 މީހަކަށް ހިދުމަތް ދީފައިވެއެވެ.