ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ބަދަލުވާ އާއިލާތަކުގެ ދަރިވަރުންގެ ތެރެއިން ހުޅުމާލޭގެ ސްކޫލްތަކުން ޖާގަ ނުލިބޭ ދަރިވަރުންނަށް މިހާރު ވެސް ތިބި ސްކޫލްތަކަށް ދެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކުގައި ސްކޫލެއް ނެތުމުން އެތަނުގައި ތިބި ސްކޫލުތަކުގެ ދަރިވަރުންނަށް ފުރަތަމަ ފިޔަވަހީގެ ސްކޫލުތަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމާ ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒު (ނިޔާ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އައިޝަތު އަލީ ވިދާޅުވީ ހުޅުމާލޭ ހުރަވީ ސްކޫލުން 1500 ކުދިންގެ ޖާގައެއް ހަމަޖެހިގެން ދާނެ ކަމަށެވެ. އެ ޖާގާ އިތުރުކުރެވޭނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ހުރަވީ ސްކޫލު ދެ ދަންފަޅިއަށް ބަދަލުކޮށްގެންނެވެ. އޭނާ ވިދާޅުވި ގޮތުގައިމިހާރު ދެވަނަ ފިޔަވަހީގެ ސްކޫލުތައް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އެކަމަކު އެ ސްކޫލުތައް އެޅެންދެން އިންޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

"ވިސްނުމަކީ މާލެ ސްކޫލުތަކުގެ އެކޮޅަށްދާ ކުދިންނަށް މިނީ ބަސް ބާއްވައިގެން ބަހުގެ ޒަރީއްޔާއިން އެ ކުދިން އުޅޭ ސްކޫލުތަކަށް އައުމުގެ ފުރުސަތު ދިނުން" މިނިސްޓަރު ވިދާޅުވިއެވެ.

ދެ ވަނަ ފިޔަވަހީގައި އެޅުމަށް ހަވާލުކޮށްފައިވާ ސްކޫލްތަކުގެ މަސައްކަތް ނިމޭނީ އަންނަ އަހަރު ފަހުކޮޅު ކަމަށް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މީގެ ކުރިން ބުނެފައެވެ. ރިއަށް އޮތް ތަނުގައި އަލަށް ބޮޑު ބައެއް އާބާދުވަމުން އަންނާނެ ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އެޅުމަށް އެޑިއުކޭޝަނުން ވަނީ ނިންމާފައެވެ. އެ ސްކޫލުތައް އަޅާނެ ބިން އެޗްޑީސީން ހަވާލުކުރުމުން މިހާރު ބައެއް ސްކޫލްތައް އަޅަން ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި އަމިއްލަ ސްކޫލްތައްވެސް ހިމެނެއެވެ.

އެތަނުގައި ހަ ބުރީގެ ޕްރައިވެޓް ސްކޫލެއް އަޅަން ވިލާ ކުންފުންޏާ ވަނީ ދާދި ފަހުން ހަވާލުކޮށްފައެވެ. ދެވަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ސްކޫލެއް އަޅަން އައިލެންޑާޒް އެޑިޔުކޭޝަން މޯލްޑިވްސްއާ ވަނީ މި މަހުގެ ދެވަނަ ދުވަހު ހަވާލުކޮށްފައެވެ.