ވިލިމާލޭގައި ޓެކްސީގެ ގޮތުގައި ބެޓެރީ 10 ކާރު ދުއްވަން މާލޭ ސިޓީ ކައުންސިލުން ހުއްދަ ދޭން ނިންމައިފިއެވެ.
ވިލިމާލެއަކީ ބެޓްރީ އުޅަނދުތައް ފިޔަވައި އެހެނިހެން އުޅަނދުތައް ދުއްވުން މަނާ އަވަށެކެވެ. އެ ތަނުގައި އެންމެ ގިނަ ބަޔަކު ދުއްވަނީ ބެޓްރީ ސައިކަލެވެ. ބެޓްރީ ސައިކަލްގެ އިތުރުން އެ އަވަށުގައި ބަގީގެ ހިދުމަތް ވެސް ކުރިން ދީފައިވެއެވެ. އެކަމަކު، މިހާރު ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ އާންމުން ކުރެއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބަގީގެ ހިދުމަތް އެންމެ އެދެވޭ ގޮތުގައި ދެމުން ނުދާތީ، ބަގީ ދުއްވާނެ ފަރާތެއް ހޯދުމަށާއި އެ ކަން ކުރާ ފަރާތާ މަޝްވަރާކޮށް، ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް އިތުރު ލުޔެއް ހޯދައި ދިނުމުގެ ގޮތުން ޓެކްސީގެ ގޮތުގައި ބެޓެރީ ކާރު ދުއްވަން ހުއްދަ ދޭން ކައުންސިލުން ފާސްކޮށްފައިވާ ކަމަށްއޭނާ ވިދާޅުވިއެވެ. އަދި މި ހަފްތާގައި ޝައުގުވެރިވާ ބަޔަކު ހޯދަން އިއުލާން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެއީ ބަގީގައި ނުގެންދެވޭ އެއްޗިއްސާއި ބަގީ އަށް ނޭރޭ ކަހަލަ ހާލަތްތަކުގައި ކާރު ބޭނުންކުރުމަކީ ބޭނުން ޖެހިފައި އޮތް ކަމެއް ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ. ކާރު ވިޔަސް ވޭން ވިޔަސް. ފައިވް ސީޓާ، ސެވަން ސީޓާ ވޭން ވިޔަސް އިލެކްޓްރިކަލް ނުވަތަ ބެޓްރީ އޮޕަރޭޓަޑް ޓެކްސީ އަށް 10 ޓެކްސީ މި ބަލަނީ،" މުއިއްޒު ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ވިލިމާލޭގެ ތިމާވެއްޓަށް ގެއްލުމެއް ނުވެ ކޮންސެޕްޓް ދެމެހެއްޓި ރައްޔިތުންނަށް ފައިދާވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ ވިލިމާލޭގައި ދުއްވާ ބެޓެރީ އުޅަނދުތައް އެ ކައުންސިލުގައި ރަޖިސްޓަރީކުރަން ޖެހޭ ގޮތަށް ވެސް ހަދައިފައެވެ. އެގޮތަށް ނިންމީ ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ އަދަދު އިތުރުވެ، ބެޓެރި ވެހިކަލްތަކުގެ ދަފްތަރެއް އެކުލަވާލުމަށެވެ.
އެކަމަކު، ސިޓީ ކައުންސިލުން ވަނީ އުޅަނދުތައް ރަޖިސްޓްރީ ކުރުން ފަސް ކުރަން ނިންމައިފައެވެ.
ޱެސްލާ ގެ ކާރެ ގަނުން ރަނގަޅުވާނެ😅
ދެން ވިލިނގިލީ ގަރާޖު ކުރިމަތީގަ ހުންނާނީ ހަލާކުވެފަހުރި ކާރުތައް. ހަލާކުވެފަ ހުރި ވަރަށް ގިނަ ބަގީތަކާއި ބެޓެރި ސައިކަލުތައް ވެސް މުޅި މަގުގައި. ސަރުކާރުން ކީއްވެތޯ މިކަމަށް ހައްލެއް ނުގެންނަނީ؟
ރަނގަޅު ކަމެއް