ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީން ފުރިހަމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތްތައް ނިންމާލީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ނެރު ފުންކުރުމާއި، 130 މީޓަރު ބޭރުތޮށިލުމާއި، 214 މީޓަރު އެއްގަމު ތޮށިލުމާއި 317 މީޓަރުގެ ރިވެޓްްމެންޓް ޖެހުމާއި، ބަނދަރު ސަރަހައްދުގައި 908 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމުގެ މަސައްކަތް ކުރިއެވެ.

ބ. ފެހެންދޫ ބަނދަރު. --- ފޮޓޯ: އެމްޓީސީސީ

އަދި ބަނދަރާއި ރަށާ ގުޅާލުމަށް 812 އަކަމީޓަރުގެ ވޯކްވޭ ބްރިޖެއް ހެދުމާއި ނެރު ބައްތި ހަރުކުރުމާއި ސެޓްލްމެންޓް ޓޭންކް ހެދުމުގެ މަސައްކަތް ފުރިހަމަ ކުރިއެވެ.

އެ މަޝްރޫއު ހިންގުމަށް އެމްޓީސީސީން ފެހެންދޫގައި ހޭދުކުރި މުއްދަތުގައި އެރަށަށް ބޭނުންވެފައިވާ ގިނަ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އެގޮތުން، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެރަށު ދޯނި އެހެލާ ސަރަހައްދު ފުންކޮށްފިނުމާއި، ވިއްސާރަވެ، ފެންހެދޭ ސަރަހައްދުތަކަށް ވެލިއަޅައި އެއްވަރުކޮށްދީފައި ވެއެވެ.

އަދި ފެހެންދޫ ރައްޔިތުން މޫދަށް އެރޭ ސަރަހައްދު ވެލިއަޅައި ސްލޯޕެއް ގާއިމުކޮށްދިނުމާއި، ހިއްކާފައިވާ ސަރަހައްދުގައި ރުށް އިންދުމާއި ކުނި މެނޭޖްކުރާ ސަހަރައްދު ސާފުކޮށްދީފައި ވެއެވެ.

އެމްޓީސީސީން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 62 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރަމުންދާއިރު، އޭގެ ތެރެއިން 34 މަޝްރޫއަކީ ބަނދަރު ހެދުމުގެ މަޝްރޫތަކެވެ. އަދި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ ކުންފުނިން ބަނދަރު ހެދުމުގެ 23 މަޝްރޫއެއް ވަނީ ނިންމާފައެވެ.

އެމްޓީސީސީ 1980 ވަނަ އަހަރު އުފެދުނީއްސުރެ އެ ކުންފުންޏަކީ އްޖޭގެ އުމްރާނީ އަދި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަދުރޭ

    ސަތޭކަ މީހުން ހަމަ ނުވާ ރަށެއް މީ . އެމްޑީޕީ ސަރުކާރުން މިކަހަލަ ކަންތައް މި ކުރަނީ މާލޭ މީހުންނަށް ޖެއްސުމަށް . މާލޭ މީހުން ދަތުރު ދާން އޮތް ރައްގަނޑު ވަހިއްދީން އަށް ރިސޯޓް ހަދަން ދީފަ ކަނޑު މެދުގައި ބަނޑެއް ބާއްވައިގެން އޭގެ މަތީ އޮތް ކެރޭނެއް ދައްކާފަ ހައުސިންގް މިނިސްޓަރ އަސްލަމް މި ބުނަނީ މިއޮއް ހިއްކަނީޔޯ މާލޭ މީހުން ދަތުރު ދާ ރަށް.