ފެބްރުއަރީ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕީޕީއެމް އާއި ޕީއެންސީގެ އެތެރޭގެ ޕްރައިމަރީ އެއް ބޭއްވުމަށް ނިންމައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ނަމުގައި ވާދަ ކުރަން އެދޭ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީގެ ވޯޓު ނެގުން ޑިސެމްބަރު 26 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އިން 5:00 އަށް ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ށ.ކޮމަންޑޫ، ށ.މަރޮށި، ށ.ފޯކައިދޫގެ އިތުރުން މާލޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ޑިސެމްބަރު 21 އިން ގެ ފެށިގެން ޑިސެމްބަރު 23 ވަނަ ދުވަހުގެ ހަވީރު 3:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް ވެސް ޕީޕީއެމް އިން ބުނެއެވެ.

އެހެންކަމުން މަޖިލިސް މެންބަރެއްގެ ޝަރުތު ފުރިހަމަވާ މިކޯލިޝަނަށް ނިސްބަތްވާ ޕީޕީއެމް އަދި ޕީއެންސީގެ ޑިސެމްބަރު 20 އާއި ހަމައަށް ރަޖިސްޓްރީ ވެފައިވާ މެންބަރުންގެ ތެރެއިން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބައި އިލެކްޝަންގައި ޕާޓީ ޓިކެޓްގައި ވާދަކުރުމަށް އެދި ހުށަހަޅާ ފޯމު ޕާޓީ އޮފީހަށް ހުށަހެޅުއްވުމަށް އިއުލާންގައި އެދިފައި ވެއެވެ.

ފޯމާއިއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއި ތަކެތި ފުރިހަމަ ކުރެއްވުމަށްފަހު އެ ތަކެތިވެސް ހުށަހެޅުމަށް އިއުލާންގައިވެއެވެ. މި ޕްރައިމަރީގައި ވޯޓު ލެވޭނީ ޑިސެމްބަރު 20 އާއި ހަމައަށް ޕީޕީއެމް އާއި ޕީއެންސީން ކުރެ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ޕީޕީއެމް އިން ބުނެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާނެކަން މިހާތަނަށް އިއުލާން ކޮށްފައި ވަނީ ތިން ޕާޓީއަކުންނެވެ. އެއީ ޕީޕީއެމްގެ އިތުރުން އެމްޑީޕީ އާއި އެމްއެންޕީއެވެ.