ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށް ރާއްޖެ ގެންނަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިނގިރޭސި ތަޖުރަމާއެއް ދޭން އެދި ފުލުހުން ފޮނުވި ސިޓީ ކްރިމިނަލް ކޯޓަށް ލިބިފައިވާ ކަމަށް އެ ކޯޓުން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރު އަމާން މުހައްމަދު ނަޖީބް "ވަގުތު" އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 15:55 ގައި ކްރިމިނަލް ކޯޓަށް އެ ސިޓީ ލިބިފައިވާ ކަމަށެވެ.

ނަމަވެސް ކޯޓުގައި އޮންނަ މައްސަލަ ބަލާ ސެކްޝަނަށް ސިޓީ ލިބުނީ އިއްޔެ ހެނދުނު 11:05 ހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ސިޓީގައި ހިމެނޭ ކަންކަން ބަލައި ކުރަން ޖެހޭ ކަންކަން ސެކްޝަނުން ކުރިއަށް އެބަ ގެންދޭ،" އަމާން ވިދާޅުވިއެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑް އޮފް ޕޮލިސް ޔޫނުސް ސަބާހު "ވަގުތު" އަށް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ އަލީ ވަހީދު ހައްޔަރު ކުރަން ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުން ލަސްވެގެންދާ ސަބަބަކީ އިނގިރޭސި ބަހުން ކޯޓު އަމުރު ނުލިބުން ކަމަށެވެ.

"ވަގުތު" އަށް މި މައުލޫމާތު ފުލުހުން ދެއްވި ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ފުލުހުންގެ ފަރާތުން އެ ސިޓީ ފޮނުވައިފައެވެ. އެހެންވެ، އެ ދުވަހު ކްރިމިނަލް ކޯޓުން އެ ކަން ސާފު ކުރުމުން އެ ކޯޓުން މައުލޫމާތު ދެއްވީ، އޭރު އެފަދަ ސިޓީއެއް ލިބިފައި ނުވާ ކަމުގައެވެ.

އަލީ ވަހީދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރުން ރާއްޖެ ގެނެވޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އިންޓަޕޯލް ވެސް ހިނގާނީ އެކި ގައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އެކި ގޮތަށް ކަމަށެވެ.

އިނގިރޭސިވިލާތަކީ ވެސް އިންޓަޕޯލްގެ 194 މެންބަރު ގައުމުގެ ތެރެއިން ގައުމެކެވެ. އިންޓަޕޯލްގެ ރެޑް ނޯޓިސް އާއި ގުޅިގެން އިނގިރޭސިވިލާތުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދަނީ އެގައުމުގެ ނޭޝަނަލް ސެންޓްރަލް ބިއުރޯއިންނެވެ.

އިނގިރޭސިވިލާތުގައި އާންމު އުސޫލުން އަމަލު ކުރާ ގޮތަކީ، ރެޑް ނޯޓިސް ނެރެފައިވާ މީހަކު ހައްޔަރުގައި ބަހައްޓަން ނޯޓިސްއަށް އެދުނު ގައުމުގެ މެދުވެރިކޮށް އިތުރު ކޯޓު އަމުރެއް ހޯދަން އިނގިރޭސިވިލާތުން އެދުމެވެ. އެ އަމުރު ލިބިގެން އެ މީހަކު އިމިގްރޭޝަން ސެންޓަރެއްގައި ބަންދުގައި ވެސް ބަހައްޓައެވެ.

އިނގިރޭސިވިލާތުގެ ގާނޫނުތައް ބުނާ ގޮތުން ރެޑް ނޯޓިސް ނެރެފައިވާ މީހަކު ހައްޔަރު ކުރަން އެ ގައުމެއްގެ ކޯޓަކުން އަމުރެއް ނެރެފައި ވާނަމަ، އެ މީހަކު ހައްޔަރުކޮށް، ނޯޓިސް ނެރެފައިވާ ގައުމަށް މީހަކު ފޮނުވާލުމަށް އެއްވެސް ހުރަހެއް ނޯވެއެވެ.

އެހެން ކަމުން އަލީ ވަހީދު ހޯދަން ރެޑް ނޯޓިސް ނެރެފިނަމަ އިނގިރޭސިވިލާތުން އޭނާ ރާއްޖެ ފޮނުވަން އެއްވެސް ގާނޫނީ ހުރަހެއް ނޯންނާނެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހަ ދައުވާއެއް އުފުލުނެވެ. އަލީ ވަހީދުގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފަހައްޓާފައިވަނިކޮށް ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފުރާވަޑައިގަންނަވަން ހުއްދަ ދެއްވީ ކްރިމިނަލް ކޯޓުންނެވެ. އެއީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ. ހަތަރު މަހުގެ އެ އެއްބަސްވުން ހަމަވިއިރު ވެސް އަލީ ރާއްޖެ ވަޑައެއްނުގަންނަވައެވެ.

އޭގެ ފަހުން އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ވިސާގެ މައްސަލައެއް އަލީ ވަހީދު އެ ގައުމުގެ ފުލުހުން ގޮސް ހައްޔަރު ވެސް ކުރިއެވެ. އަދި 16 ދުވަހު ޖަލުގައި ހޭދަކުރެއްވުމަށް މިނިވަންވެ ވަޑައިގެން ސަރުކާރާއި ދެކޮޅަށް ގިނަ ޓްވީޓްތަކެއް ވެސް ގެންދަވަނީ ކުރައްވަމުންނެވެ. އޭގެ ފަހުން އެއް ފަހަރު ނޫސްވެރިންނާއި ބައްދަލު ކުރައްވައި އޭނާ "ފްރޭމްކުރީ" ކަމުގައި ވިދާޅުވެ ގިނަ ވާހަކަތަކެއް ދެއްކެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަލީ

  ވޯޓަށް ކައިރިވާތީ ދައްކާ ދަޅަ.

 2. ތި އް ތި

  އޭއި ޔޫ ކަމް!

  6
  1
 3. ދޮންބަކުރު

  ތިޔަ ސިޓީ އެއް ފޮނުވަންވެސް އެހާދުވަސް ނެގީ ޢިބާރާތް ކޮށްލާނެ ފެންވަރުގެ މީހަކު ފުލުސް އޮފީހަކު ނެތިގެން އަދި މިޤައުމުންވެސް ނުލިބުނީތީ ތޯ!!!؟

  10
 4. ހަސަން އާދަމް

  މިސަރުކާރު ހިންގާލެއް ހާދަ ފާސްޓޭ!!

  8
  1
 5. ބަބުރު

  ސުލޯލިހު ކިޔަނީ ކަމެއްވެގެންނޯ އެއީ ހަމަތެދެއްދީ.