ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސަކަށް އައްޔަން ކުރި އާސިމް މުހައްމަދަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފޮނުއްވަވާފައިވާ ސިޓީ އިއްވަވައިދެއްވައިފައެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ މައްސަލަ ދިރާސާކުރަން ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ފޮނުއްވަވާފައިވާ ކަމަށެވެ.

ޕީސީބީގެ ރައީސްގެ މަގާމަށް އާސިމް އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގައެވެ. އެއީ އެ މަގާމު ހުސްކޮށް އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

ޕީސީބީގެ ރައީސްގެ މަގާމު ހުސްވެގެން ދިޔައީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ވަހީދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެއީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އޭގެ ފަހުން ޕީސީބީގެ ރައީސްގެ މަގާމަށް އަލަށް ހަމަޖެއްސެވި އާސިމަކީ މީގެ ކުރިން އެ ތަނުގެ ނައިބު ރައީސްއެވެ.

ކުންފުނިތައް ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރުން މަތިކޮށްފައިވާ މިނިވަން ވުޒާރާއެއްގެ ގޮތުގައި މަސައްކަތް ކުރާ ޕީސީބީ އަށް ރައީސެއް ހަމަޖައްސަވާފައި މިވަނީ ކުރިން އެ ތަނުގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ވަހީދު އިސްތިއުފާ ދެއްވުމުންނެވެ.

ޕީސީބީގެ ބޯޑުގައި މިހާރު ތިއްބަވަނީ އައިޝަތު ޝާޒްލީ އާއި އަލީ ޝަފީއު އާއި އަހްމަދު ޝަރީފް ޔޫސުފުގެ އިތުރުން ރުޝާހާ އަހަމްދު ޝަރީފް އާއި އަލީ ސުޖާއު އެވެ.