ގދ. ވާދޫ ފުޓްސަލް ދަނޑުގެ ހާލަތު ގޯސްވެ، އެތަނަށް ދާ ކުދިންނަށް އެކި ކަހަލަ އަނިޔާވާތީ ކައުންސިލުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

ވާދޫ ކައުންސިލްގެ ނައިބު ރައީސް ހާޝިރު މުހައްމަދު "ވަގުތަށް" މިއަދު ވިދާޅުވީ، ފުޓްސަލް ދަނޑު ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި ފަހަކަށް އައިސް އެތަނަށް ކުޅެންދާ ކުދިންނަށް ބޮޑެތި އަނިޔާ ލިބޭ ކަމަށެވެ.

"މިމަހު ހަތަރު ވަނަ ދުވަހު އެތަނަށް ކުޅެން ދިޔަ ކުއްޖަކު ވެއްޓި އަތުގެ ތިން ތަނެއް ބިންދައިގެން ދިޔައީ. އެކުއްޖާ ވެއްޓުނީ ދެ ޓާފު ގުޅުވާ ތަންކޮޅު މައްޗަށް އަރާފައި ހުރީމަ އެތަނުގައި އަޅާފައި" ހާޝިރު ވިދާޅުވިއެވެ.

ވާދޫ ފުޓްސަލް ދަނޑަށް ވެއްޓި އަށް ބިންދައިގެން ދިޔަ ކުއްޖާ-- ފޮޓީޯ؛ ވާދޫ ކައުންސިލް

ހާޝިރު ވިދާޅުވީ، ދަނޑުގެ މައްސަލައިގައި ރަށުގެ ގިނަ ޒުވާނުން ކައުންސިލަށް ޝަކުވާ ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް މިއަދާއި ހަމައަށް އެކަމަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.

"އެތަން މަރާމާތު ކުރުމަށް ޔޫތު މިނިސްޓްރީއަށް މިދިޔަ މަހު 13 ވަނަ ދުވަހު ސިޓީއެއް ހުށަހެޅިން. އެކަމަކު މިއަދާއި ހަމައަށް ޖަވާބެއް ނުލިބޭ" ހާޝިރު ވިދާޅުވިއެވެ.

ހާޝިރު ވިދާޅުވީ، ކައުންސިލްގައި މިދިޔަ ދައުރުގައި ހުންނެވި ރައީސް 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ޔޫތު މިނިސްޓަރު މަހުލޫފާއި ބައްދަލުކޮށް ބައެއް ކަހަލަ މަސައްކަތް ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުޓްސަލް ދަނޑުގެ ޓާފް ބަދަލު ކުރުމާއި ފެންސް ބަދަލު ކުރުން، ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުން ބޭނުންވާ ތަކެތި ދިނުމަށް ނިންމުން، ޒަމާނީ ފެންވަރުގެ އައުޓްޑޯ ޓާފް ވޮޅި ކޯޓެއް އެޅުމަށް ނިންމުން، އައުޓްޑޯ ޖިމެއް ތަރައްގީ ކުރުމަށް ނިންމުމުގެ އިތުރުން ފުޓްސަލް ދަނޑުގެ ލައިޓްތައް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ވާދޫ ވޮލީ ކޯޓުގެ ފެންސް-- ފޮޓޯ؛ ވާދޫ ކައުންސިލް

ޙާޝިރު ވިދާޅުވީ، އެކަންކަމުގެ ތެރެއިން ހަމަ އެކަނި މިއަދާއި ހަމައަށް ކުރެވެނު ކަމަކީ ލައިޓްތައް ހަވާލު ކުރުމާއި ކުޑަކުދިންގެ ޕާކު ނިންމާލުން ކަމަށެވެ.

"އާބާދީ މަދުވުމަކީ ކަންކަން ކުރުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ. އިންތިހާބާއި ދިމާކޮށް ނޫން ކަންކަން ކުރަންވާނީ" ހާޝިރު ވިދާޅުވިއެވެ.

ފުޓްސަލް ދަނޑުގެ އިތުރުން ވޮލީ ކޯޓުގެ ހާލަތު ވެސް ވަރަށް ގޯސް ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި ސިއްހީ މަރުކަޒު 24 ގަޑިއިރަށް ހިދުމަތް ދޭ ގޮތަށް ބަދަލު ކުރިނަމަސް ހިދުމަތް ދެވެނީ 16 ގަޑިއިރަށް ކަމަށާއި ފެނާއި ނަރުދަމާގެ ނިޒާމް ލަސްވާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގައްދަޑު ލަތީފް

    ކޮބާ ވާދޫ ދާދާ. ފެނަކަ ކަރަޕްޝަން އެމްޑީ އައްޕަ. ދޮންކަލޯ ކަލެއަކަށް ގައްދޫ ދާއިރާ ގޮނޑިއެއް ނުލިބޭނެ. އަތޮޅުވެރިކަން ގެއްލުނު ގޮތަށް ދާއިރާގެ ގޮނޑި ގައްދޫއިން ބޭރަށް ދެވުނަކަ ނުދޭނެ ގައްދޫ ރައްޔިތުން.

    2
    1