ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އާދަޔާއި ހިލާފު އަމުރުގައި މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ބައި ބާތިލް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އަންނަ ބުރާސްފަތި ދުވަހު އިއްވުމަށް ހަމަޖައްސައިފިއެވެ.

މި މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރަށެވެ.

ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އަމުރުގައި ވަނީ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މެމްބަރުކަމުން ވަކިވާ ގޮތަށް މިދިޔަ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލް ކުރާ ކަމަށެވެ.

12 މެންބަރުން ވަކި ނުވާކަމަށް ނިންމި ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން ކުރިން ވަނީ ވަގުތީ އަމުރެއް ނެރެ، ކުރީގެ އަމުރުގެ އެ ބަޔަށް އަމަލު ކުރުން މަޑުޖައްސުވާފައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މި މަހުގެ ފަސްވަނަ ދުވަހު ނިންމާލާފައިވާއިރު އެ އަޑުއެހުމުގައި ވަނީ މި މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އިއުލާންކޮށްފައެވެ.

މި މައްސަލަ ބައްލަވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ، ފަނޑިޔާރު ޢަބްދުﷲ ދީދީ އަދި ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ތިޔަ މައްސަލައަކީ، މިރާއްޖޭގެ ޢާންމު މަޞްލަޙަތާއި އަމަން އަމާންކަމާއި ގުޅިފައިވާ ވަރަށްބޮޑު މައްސަލައަކަށްވާއިރު، ތިޔަ މައްސަލާގައި އިންޞާފު ލިބުމަށް ވަރަށްގިނަ ބަޔަކު އެދެއެވެ. މިއީ ތިޔަ މައްސަލާގައި ނިޔާކަނޑައަޅާ ތިންވަނަފަހަރެވެ. މީގެ ކުރިން ނިޔާ ކަނޑައަޅަފައިވަނީ، ޢަދުލު އިންޞާފުގެ ހަމަތަކުގެ މަތިން ކަމަށްވާނަމަ، މިފަހަރުވެސް ވަކިތަފާތު ޙުކުމެއް ނެރޭނޭ ކަމަށް ޤަބޫލު ނުކުރެވެއެވެ.

  2. މަލަކުރި

    ހުކުން ކުރެވިގެން ދިއުން ގާތީ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް
    މިނޫން ހުކުމެއް މި ދަނޑިވަޅުގައި އަތުވެދާނެ ކަމަށް ނުބެލެވޭ. ވެރިކަމުން މުއްދަތު 11/11 އިން 17/11 އަށް އެވަނީ ބަދަލުވެފައި 1 ދުވަސް އިތުރުވުމަށްވެސް އެދޭނެ.