އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ

މިތަކެތި ނައްތާލާފައިވަނީ މި މާރިޗު މަހުގެ ފަސް ވަނަ ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަނުގައެވެ.

އެގޮތުން، ނައްތާލާފައިވަނީ 381 ފުޅި ބަނގުރައާއި 219 ދަޅު ބިޔަރެވެ. މި ތަކެއްޗަކީ 2021 އޮކްޓޯބަރ 26 އިން ޑިސެމްބަރ 15 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

އެކިއެކި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި މަސްތުވާތަކެތި އޮންނަ ވަކި އުސޫލެއްގެ ދަށުން ނައްތާލުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ދިވެހި ފުލުހުންގެ ހިދުމަތުންނެވެ. އާއްމު އުސޫލުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މަސްތުވާތަކެތީގެ ސާމަނުތައް މަހެއްގެ ތެރޭގައި ނައްތާލެވެއެވެ.

ފުލުހުން ވިދާޅެފައިވާ ގޮތުން މާލެއަށް އެންމެ ގިނައިން ބަނގުރާ އެތެރެކޮށް އުޅެނީ އަހަރުގެ ފަހުކޮޅުއެވެ. ސަފާރީތަކުންނާއި ރިސޯޓުތަކުން ބަނގުރާ އެތެރެކުރުން ވަނީ އާއްމުވެފައެވެ. އެކަން ހުއްޓުވުމަށްޓަކައި ފުލުހުން ދަނީ ދޭތެރެ ދޭތެރެއިން އެކި ކަހަލަ އޮޕަރޭޝަންތައް ހިންގަމުންނެވެ.