ގޯ އެއާއިން ރާއްޖެ-އިންޑިއާ ފްލައިޓްތައް ހުއްޓާލިކަމަށް މީސް މީޑިއާގައި ދެކެވޭ ވާހަކަތަށް ފޮރިން މިނިސްޓްރީން ދޮގުކޮށްފި އެވެ.

ރާއްޖެ- އިންޑިއާ ދަތުރުކުރާ ގޯ އެއާގެ ތިން ފްލައިޓެއް މިއަދު ކެންސަލްވުމުން އެމަކާއި ގުޅިގެން ބައެއް ފަރާތްތަކުން މީސް މީޑިއާގައި ދަނީ ރާއްޖެ-އިންޑިއާ ފްލައިޓްތައް ހުއްޓާލީ ކަމަށް ބުނަމުންނެވެ.

މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއާ އިންޑިއާއާ ދެމެދު ވައިގެ ދަތުރުފަތުރު މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.

"އެއް އެއާލައިންގެ މިއަދުގެ ފްލައިޓްތައް ކެންސަލްކުރިނަމަވެސް، އެ އެއާލައިންގެ ފްލައިޓްތައްވެސް ޝެޑިއުލްކޮށް އުދުހޭނެ. ގޯ އެއާގެ ފްލައިޓް މިއަދު ކެންސަލްވީ، ކޮވިޑްގެ ހާލަތާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކުރި އިރު ރާއްޖެއާ އިންޑިއާ ދެމެދު އެކުލަވާލި އެއާ ބަބްލް މުއްދަތު ހަމަވެފައިވުމާއި، އިންޑިއާގެ ބޯޑަރު ހުޅުވާލާފައިވާތީ އާއްމު އުސޫލުން އަނެއްކާވެސް ފްލައިޓްތައް ފެށުމާ ގުޅިގެން. އިންޑިއާގެ ސިވިލް އޭވިއޭޝަން މުއައްސަސާތަކުގެ އުސޫލުތަކާ އެއްގޮތަށް ފްލައިޓްތައް ޝެޑިއުލްކުރުމަށް. " ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ ގޯ އެއާއިން ރާއްޖެ އުދުހުން ހުއްޓާލާފައި ނުވާ ކަމަށެވެ.

މިކަމާއި ގުޅިގެން އެމްއޭސީއެލްއިން ބުނީ ގޯ އެއާގެ ތިން ފްލައިޓެއް މިއަދު ކެންސަލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާނުލާ ކަމަށެވެ.