ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް އަންނަ އަހަރުގެ ތެރޭގައި އިޔާދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.

ވޯލްޑް ބޭންކުން އިއްޔެ ނެރުނު "ސައުތު އޭޝިޔާ އެކޮނޮމިކް ފޯކަސް ރީޝޭޕިން ނޯމްސް: އަނިއުވޭ ފޯވާޑް"އާ އެކު ނެރެފައިވާ "މޯލްޑިވްސް ޑިިވެލޮޕްމެންޓް އަޕްޑޭޓް"ގައި ވަނީ ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އައި ނަމަވެސް ރާއްޖޭގެ ދަރަނި ބޮޑުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

އަދި މި އަހަރު ރާއްޖޭގެ އިގްތިސާދު 7.6 ޕަސެންޓުގައި ކުރިއަރާނެ ކަމަށް އެ ބޭންކުން ލަފާކޮށްފައިވާ އިރު ރާއްޖޭގެ ފަތުރުވެރިކަން އިއާދަވަމުން ދިޔުމާ ގުޅިގެން އިގްތިސާދު ކުރިއަރަމުން އަންނަ މިންވަރު ދައްކުވައި ދިނުމުގެ އިތުރުން، އިގްތިސާދީ ކުރިއެރުމަށް ކުރިމަތިވެދާނެ ނުރައްކާތައް ވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރުގަދަވާނެ ކަމަށް ލަފާކުރެވޭއިރު، އަންނަ އަހަރާއި ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ނަމަވެސް ޖީޑީޕީގެ ނިސްބަތުން ރާއްޖެއިން ގިނަ އަދަދަކަށް ތެޔޮ އެތެރެކުރުމާއި ރަޝިޔާއާއި ޔޫކްރެއިންއިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމާއި ދަރަނީގެ ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ސަބަބުން ރާއްޖެއަށް ނާޒުކު ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ ހަކަތައިގެ އަގުތައް އިތުރަށް އުފުލިގެން ދިޔުމަކީ ރާއްޖެއަށް އިތުރު މާލީ ބުރައެއް އުފުލަން ޖެހިދާނެ ކަމެއްކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައިވަނީ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ރަޝިޔާއާއި ޔޫކްރެއިންގެ ފަތުރުވެރިންގެ އަދަދު ދިގު މުއްދަތަކަށް މަދުވެގެން ދިޔަ ނަމަވެސް ރާާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޒަމާނުއްސުރެ ހިއްސާވާ ގައުމުތަކުންނާއި އާ މާކެޓުތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ އުންމީދު އޮތް ކަމަށެވެ.

"ފަތުރުވެރިކަން ބާރަށް ކުރިއެރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އިއާދަވާ މިންވަރު މައްޗަށް ދާނެކަމަށް ބެލެވޭއިރު، 2023 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިގްތިސާދު ކޮވިޑުގެ ކުރިން ހުރި މިންވަރަށް ދާނެކަމަށް ލަފާކުރެވޭ. ނަމަވެސް، މާލީ ހާލަތު ދެމެހެއްޓެނިވި މިނަވަރެއްގައި ދެމެހެއްޓުމަށްޓަކައި ވަރަށް ބޮޑަށް ދަރަނި މެނޭޖުކުރުން ކޮންމެހެންވެސް މުހިއްމު،" ވޯލްޑް ބޭންކުން ރާއްޖެ ހިމެނޭ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަކީ ކާރިސާތަކަށް ތައްޔާރުވެފައިވާ ގައުމަކަށް ހެދުމަށް ވޯލްޑް ބޭންކުން އަބަދުވެސް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރާއްޖެއަށް އެއްބާރުލުންދީ، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓުކޮށް، ފެހި، ކާރިސާތަކަށް ތައްޔާރުވެފައި އޮންނަ އަދި އެއްމެންގެ ބައިވެރިވުން އޮންނަ ތަރައްގީގެ މަގެއް ހޯދުމަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ އިގްތިސާދު މި އަހަރު 6.6 އިންސައްތަ އަދި އަންނަ އަހަރު 6.3 އިންސައްތަ ކުރިއަރާނެ ކަމަށް މީގެ ކުރިން ވޯލްޑް ބޭންކުން ލަފާކުރި ނަމަވެސް ޔޫކްރޭން-ރަޝިއާ ހަނގުރާމައިގެ ސަބަބުން ވޯލްޑް ބޭންކުން މި ސަރަހައްދަށް ކުރި އަންދާޒާ ވަނީ ޖެނުއަރީ މަހުގެ އަންދާޒާއާ އަޅާބަލާއިރު 1.0 އިންސައްތަ ދަށްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަދދދ

    އިންތިހާބާ ދިމާކޮށް ކުއްލިއަކަށް،، ލޮލް، ރައްޔިތުން އެހާ ވެސް ގަޅި ކަމައްތަ މީނަ ހީކުރަނީ

    6
    2
  2. އިބްރާހިމް

    ދޮގާއި މަކަރާއި ހީލަތުން ހޯދިވެރިކަން. 5 އަހަރު ބޭކާރަށް ދުއްވާލިވާހަކަ މީނާ މިވިދާޅުވީ.

    4
    2
  3. ކޮއްޔާ

    ހަގީގަތް އޮޅުވާލުމެއް //

    5
    2
  4. ރާއްޖެތެރެ

    ކަޑަ ސަރުކާރެއް