ބައެއް ސިޔާސީ ޕާޓީތަކުން މީހުންގެ އައިޑީ ކާޑު ބޭނުންކޮށްގެން އެމީހުންނަށް ނޭނގި ޕާޓީ ބަދަލު ކުރާ ކަމަށާއި ނަމަވެސް އެއީ އިލެކްޝަންސް ކޮމިޝަނަށް (އީސީ) އެނގިގެން އެ ކޮމިޝަނާ ގުޅިގެން ކުރާ ކަމެއް ނޫން ކަމަށް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް، އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވައްދާފައިވާ ކަމަށް ބުނެ ކޮށްފައިވާ ޝަކުވާތައް ބެލުމަށް އީސީގެ ރަޖިސްޓްރޭޝަން ސެކްޝަންގެ އޮޑިޓެއް ހަދަން ނިންމުމާ ގުޅިގެން "ވަގުތު" އާ ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ "ވަގު" ފޯމުތަކެއް ކޮންމެވެސް މިންވަރަކަށް އުޅޭ ކަމަށެވެ.

ނަމަވެސް ބައެއް ސިޔާސީ ފަރާތްތަކުން އެއީ އީސީން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރާކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެ ތުހުމަތުތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން އެއީ އެއްވެސް މިންވަރަކަށް އީސީގެ މުވައްޒަފެއްގެ ނުވަތަ ކޮމިޝަންގެ މެންބަރެއްގެ ވެސް ބައިވެރިވުން އޮވެގެން ހިނގާ ކަމެއް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

"މިފަދަ ބޮޑު ކަމެއް މިގޮތަށް ހިނގާ ސަބަބު ދެނެގަތުމަށް މަސައްކަތްތަކެއް އެބަކުރަން. ބޮޑަށް ބެލެވެނީ ޕާޓީތަކަށް ތާއީދުކުރާ ފަރާތްތަކުން އެޕާޓީތަކުގެ އިސްވެރިންނަށް ވެސް ނޭނގި އައިޑީ ކާޑުތަކެއް ހޯދައިގެން ފޯމުތަކެއް ފުރާލަނީ މި. އެއީ ކިހިނެއް ފުރާ ފޯމުތަކެއް ކަމެއް ގިނަ ފަހަރަށް ޕާޓީތަކަކަށް ވެސް ނޭނގޭ" ފުއާދު ވިދާޅުވިއެވެ.

މީގެ އިތުރުން ކުދިކުދި ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަނީ ޕާޓީ އުވުނަ ނުދީ 3000 މެންބަރުން ހަމަކުރަން ކަމަށާއި އަދި އެއަށްވުރެ ބޮޑެތި ޕާޓީތަކުން މަސައްކަތް ކުރަނީ 10،000 މެންބަރުން ހަމަކޮށް ސަރުކާރުން ދޭ ފައިސާ ހޯދަންކަން ފާހަގަ ކުރައްވާ ފުއާދު ވިދާޅުވީ މީގެ ފަހުން "ވަގު" ފޯމު ފުރާ ޕާޓީތަކާއި މެދު އީސީން އަޅާނެ ފިޔަވަޅަކާއި ބެހޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި އަދި ކުރިޔަށް އޮތް ތަނުގައި އެކަން ވިޔަ ނުދިނުމަށްޓަކައި ފުރާ ފޯމުތައް އީސީގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިގެންދަނީ ބަލަމުން އެހެންނަމަވެސް އެފަދަ ފޯމުތައް އެބަހުރި. ހަމަ ޔަގީންވާ ކަމެއް އެއީ ވަގު ފޯމުތައް އުޅޭކަން. ގިނަ ފަހަރަށް ބައެއް ރައްޓެހިން އަތުންވެސް އަދި އެކި ގޮތްގޮތުން އައިޑީކާޑު ކޮޕީ ހޯދައިގެން ޕާޓީ ބަދަލު ކުރޭ. ރައްޓެއްސެއް ބުނީމާ އަޅުގަނޑުމެންނަށް ވެސް ގިނަ ފަހަރަށް އައިޑީކާޑު ދެވެނީ. ކުޑަކުޑަ ކަމަކު. ނަމަވެސް ހަގީގަތުގައި ވަރަށް ބޮޑު ކަމެއް މިއީ" ފުއާދު ވިދާޅުވިއެވެ.

މިފަދަ މައްސަލައެއް ފެންމަތިވެއްޖެ ނަމަ އެ މީހަކަށް ފުލުހުންގެ އިދާރާގައި މައްސަލަ ޖެއްސުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ވަގު ލިޔުމެއް ތައްޔާރު ކުރުމަކީ ގާނޫނީ ކުށެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކުރެވޭނެ ކަންކަމާއި ގުޅޭ ގޮތުން މިހާރުވެސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުން ޕާޓީ ބަދަލު ކުރުމަށް ފޯމު ލާފައި، ފަހުން ފޯމު ނުލާކަމަށް ބުނެ އޮޅުވާލާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިގޮތުން ބައެއް ކުރީގެ މަޖިލީސް މެންބަރުން ވެސް ޕާޓީގެ ވެރިންގެ ކުރިމަތީ ޕާޓީ ބަދަލުކޮށްފައި ފަހުން ޕާޓީ ބަދަލު ނުކުރާ ކަމަށް ބުނެ އޮޅުވާލާ ކަމަށް ފުއާދު ވިދާޅުވިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އެ ޕާޓީގެ 5،000 މެމްބަރުން އެހެން ޕާޓީތަކަށް ވައްދާފައިވާ ކަމަށެވެ.

ޕާޓީގެ މެމްބަރުންގެ އަދަދު މަދުވުމުން އެކަން ހިނގައިދިޔަ ގޮތް އެ މެމްބަރުންނަށް ގުޅައިގެން ބަލާފައިވާ ކަމަށާއި އޭގެތެރެއިން 90 އިންސައްތަ މީހުން އެހެން ޕާޓީއަކަށް ސޮއިނުކުރާ ކަމަށް ބުނެފައިވާ ކަމަށް ތޮލާލް ވިދާޅުވިއެވެ.

ނަމަވެސް ފުއާދު ވިދާޅުވީ އެއްފަހަރާ 5،000 މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވެފައިނުވާ ކަމަށެވެ. ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން، ވެރިކަންކުރާ ޕާޓީ ނުވަތަ ކޯލިޝަން ޕާޓީއަށް ބަދަލުވާ ބަޔަކު ވެސް އުޅޭތީ އެގޮތަށް މެމްބަރުން ބަދަލުވުމަކީ ނުވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބަގްދާދީ

    ބަލަ މިއޮއްހުރިހާދުވަހުވެސް ތިކަން ހުއްޓުވަން ފިޔަވަޅެއް ނާޅާހުރެގެން މިހެންހަދަޔޭ އެހެންހަދަޔޭ ކީމާ އަނެއްކަވެސް ދޯ؟؟؟

    17
  2. ނަން

    އަޅުގަނޑުގެ އަންހެނުންގެ ނަން އެމްޑީޕީގެ ދަފްތަރުގަ އެބަ އޮތް އޭނައަށް ނުވެސް އެނގި. މިކަހަލަ ވަގު ޕާޓީތަށް އުވާލަންވީނު. މިދެން ކިހާބޮޑު ނޮހޮ......ނެއްތަ.

    16
  3. ދެބޯގެރި

    ތިޔައީވެސް ވޯޓުން ވައްކަންކޮށް ވޯޓު އޮޅުވާލާފައިވާ މުޖުރިމެއް އަނެއްކާ އެކަން ތަކުރާރުކުރަން ހަވާކުކޮށްފަ ތީނީ މިފަހަރު މާމޮޅަށް އެކަން ކޮށްދޭނެ

    15
  4. ޙައްގުބަސް

    މީސްމީހުންގެ އައިޑީ ކާޑުތައް އެކިގޮތްގޮތުން ހޯދައިގެން ޕާޓީތަކުން އޮޅުވާލައިގެން ޕާޓީތަކުގެ ދަފްތަރުގައި ރައްޔިތުންގެ ނަން ހިމެނުމަކީ ބޮޑު ޖަރީމާއެއް!! މިކަން ޙައްލުކޮށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އަދިވެސް އީސީންނާއި ކަމާ ގުޅުންހުރި ފަރާތްތަކުން މިދައްކާ ވާހަކައަކީ މިކަންކުރާވާހަކަ!! މިކަން ކުރާ ވާހަކަ ރައްޔިތުން ދައްކާތާ އެތައް އަހަރެއްވީ އިނގޭތޯ! މީހުންނަށް އޮޅުވާލައިގެން ބައެއްފަހަރު އެމީހަކަށް އެކަން ފަޅާއަރައިގެން އީސީއަށްވެސް އެފަދަ މީހުން ކިތައް ސިޓީތޯ ލީ؟ ކޮބާ އީސީން އެޅި ފިޔަވަޅަކީ؟ އަދިވެސް ހަމަ ވަގުންނަށް ވައްކަންކޮށްގެން ޕާޓީތަކުގެ ދަފްތަރު އިތުރުކުރެވޭ މަގުނޫންތޯ އީސީން ތިގެންގުޅެނީ؟ އަދިވެސް އީސީއަށް މިވަަަރުގެ ކަމެއް ޙައްލެއް ގެނެވޭނެ މަގެއް ހަމަ ނުފެންނަނީތޯ؟ ނޫނީ ހަމަ ގަސްތުގަ ޕާޓީތަކަށް ޖަރީމާ ހިންގޭނެ މަގުފަހިކޮށްދީގެން ތިބެ އިރުއިރުކޮޅުން ނޫސްބަޔާން ނެރުންނޫންކަމެއް އީސީއަކަށް އެބަކުރެވޭތޯ؟ ދިވެހިރައްޔިތުންނަކީ ކުޅޭކުޅޭ ބަޔަކަށް ހަމަ ހަދަނީތޯ؟ ރައްޔިތުންގެ މަޢުލޫމާތުތައް ހޯދާހޮތަކަށް ހޯދައިގެން ރައްޔިތުންގެ ރުހުންނެތި ފޯމްތަކުގައި ވަގު ސޮއިކޮށްގެން އަދި އީސީއަށް އެފޯމްތައް ހުށަހަޅައިގެން މިހިންގާ ބޮޑު ޖަރީމާއަށް ނިމުމެއް ގެންނަންޖެހޭ!! ކޮބާ ކޯޓްތައް؟ ކިހާ ބޮޑުކަމެއް މިއީ!!

    10
  5. ައާންމުން

    ތީ އީސީން ކުރުވާކަމެއް. ވަގު ފޯމު ހުށައެޅި މީހާއަށް އަދަބު ނުދެވެނީ ކީއްވެ. ޢެޕްރޫވްކުރަން ފޯނަށް ކޯޑެއް ނުފޮނުވެންވީ ކީއްވެ

    14
    1
  6. ސަރާ

    ޢަދާލަތު ޕާޓީ އާއި އެމްއެންޕީ ތިޔަ ކުޅިވަރުގައި އެންމެ ކުރީގައި އުޅެނީ!..... އަޅުގަނޑު މަންމަ އުމުރު ފުރާ އުމުރުން ދުވަސްވީ މީހުންގެ އައިޑީ ކާޑު ޢަދާލަތު ޕާޓީ އަށް ލިބޭގޮތް ހަމަ ހައިރާންވެ އަންތަރީސްވެއްޖެ.

    11
    1
  7. ޖުރީ

    ބަލަ އަނގަ ފުޅާނުކޮށް ތިކަމާ ކަމެއް ކޮއްބަލަ!

    10
  8. ޖެން

    އަލުން ހުރިހާ ޕާޓީ އެއް އުވާލާފަ ޕާޓީ އުފައްދަން އަންގަބަލަ ނިކަން ބޮޑަތި ޕާޓީ ތަކުގެ ލީޑަރުންގެ ފަޔަށް ހިނި އަރައިގެން އުޅޭތަން ބަލަން މިހާރު ރައްޔިތުން ތި ޕާޓީ ތަށް ބޭނުމެއް ނުވޭ

  9. ލީލީ

    ފުއާދު ތީ އ ޑ ޕ އުފައްދަން އުޅުނު މީހެއް

    13