ށ.ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޕްލޭނިން މިނިސްޓްރީގެ އެދިލެއްވުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަމުންދާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އެ ކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

އެ ބީލަމުގައި ބައިވެރިވެވޭނީ ފްލޭނިން މިނިސްޓްރީގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން(އެ ން.ސީ.ބީ) އުސޫލުގެ މަތިން ކަމަށެވެ.

އެ ބީލަމުގައި ބައިވެރިވުމަށް  500 ރުފިޔާ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން މެއި މަހުގެ 19 ވަނަ ދުވަހަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ

އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ މިނިސްޓްރީއަށް އީމެއިލް ކުރުމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

އެ ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 150،000 ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހަށެވެ.

މިނިސްޓްރީން ބުނީ ބީލަން ހުޅުވުން އޮންނާނީ މެއި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.