ވެއްޓާއި ކަނޑުފަޅަށް ޕްލާސްޓިކް ދިއުން ހުއްޓުވުމާ ގުޅޭ އެއްބަސްވުމެއްގައި އިސްލާމިކް މިނިސްޓްރީ އާއި ޕާލޭ މޯލްޑިވްސްއާއެކު ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގެ ދަށުން ވެއްޓާއި ކަނޑުފަޅަށް ޕްލާސްޓިކް ދިޔަ ނުދީ ހުޓުވުމަށްޓަކައި މިނިސްޓްރީގެ ބެލެހެއްޓުމުގައިވާ މިސްކިތްތަކާއި ބިނާތަކާއި އިދާރާތަކުގައި ޕާލޭ އެއާ ސްޓްރެޓަޖީ ހިންގުމުގައި އެއްބާރުލުންދީ މަސައްކަތް ކުރެވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ވެއްޓާއި ކަނޑުފަޅަށް ޕްލާސްޓިކް ދިއުން ހުއްޓުވުމަށް މިނިސްޓްރީން އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި އެފަދަ ކަމެއްގައި އިސް ނެންގެވީތީ ޕާލޭ މޯލްޑިވްސްއަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ޕާލޭ މޯލްޑިވްސްގެ ފައުންޑާ ހަމްދޫން ހަމީދު ވަނީ ކަނޑުތަކަށް ޕްލާސްޓިކް އެޅުމަކީ ވަރަށް ގިނަ ގައުމުތަކުން ކުރާ ނޭދެވޭ ކަމެއްކަން ފާހަގަކުރައްވައިފައެވެ.

"ކަނޑުފަޅު ހިމާޔަތްކުރުމާގުޅޭ މިފަދަ އެއްބަސްވުމެއްގައި އިސްލާމިކް މިނިސްޓްރީން ސޮއިކުރުމުން އެކަމަށް ޝުކުރު އަދާކުރަން. އެފަދަ ކަންކަމުގައި ދީނީ އަދި އިޖުތިމާއީ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް މިނިސްޓްރީން މަސައްކަތްކުރެއްވުމުން ރައްޔިތުންނަށް ރަނގަޅު ނަމޫނާއަކަށް ވާނެ. އަދި ކަނޑުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމަށް ވަރަށް ބޮޑު ހިތްވަރަކަށް ވާނެ." ހަމްދޫން ވިދާޅުވިއެވެ.

އެ އެއްބަސްވުމުގެ ދަށުން އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، އިސްލާމީ މަރުކަޒު އަދި މަސްޖިދުލް މަލިކި ސަލްމާންގައި ޕާލޭ އެއާ ސްޓްރެޓަޖީ ހިންގުމުގައި އެއްބާރުލުންދީ މަސައްކަތް ކުރާނެއެވެ.

އަދި މިނިސްޓްރީގެ ފަރާތުން ހާއްސަ ދުވަސް ދުވަހު އިންތިޒާމުކުރާ ބޮޑު ޖަމާއަތް ނަމާދުތަކާއި އާންމު ދަރުސްތައް ބާއްވާ ސަރަހައްދުތަކުގައި ބޭނުންކުރެވޭ ޕްލާސްޓިކް މަދުކުރުމާއި ބޭނުންކުރާ ޕްލާސްޓިކް ނުއުކައި، އެއްކުރުމަށްޓަކައި ނެޓުވަށިތައް ބެހެއްޓުމާއި، މޫސުމީ ބަދަލުތަކާއި، މާކަނޑުތައް ހިމާޔަތްކޮށް ދެމެހެއްޓުމުގެ މުހިންމުކަމާއި، ޕްލާސްޓިކްގެ ނުރައްކާތަކާބެހޭ މައުލޫމާތު އަންގައިދީ ހެޔޮ މިސްރާބަށް ފަރުދީ ޖަމާއަތީ އާދަތައް ބަދަލުކުރުމަށްޓަކައި، ކަމާގުޅޭ ޝިއާރުތަކާއި ހޭލުންތެރިކުރުމުގެ މެސެޖުތަކާއި ދަރުސްތަކާއި ހުތުބާތަކުގައި ހިމެނުމަށްވެސް ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމުގެ ދަށުން ޕާލޭ މޯލްޑިވްސްއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކާއި ބިނާތަކާއި މިސްކިތްތަކުން، ވެއްޓާއި ކަނޑަށް ދިޔަ ނުދީ އޮބަހައްޓައި ހަވާލުކުރާ ޕްލާސްޓިކްގެ ހިސާބު ބަލަހައްޓައި، އައު ބޭނުންތަކާއި ރައްކާތެރި ނެއްތުމަށް ދުވަހުން ދުވަހަށް ގެންދިއުމާއި ޕާލޭ އެއާ ސްޓްރެޓަޖީ އަންގައިދޭ މެސެޖް ބޯޑުތައް ބެހެއްޓުމާއި ވަސީލަތްތައް ފޯރުކޮށްދިނުން އަދި ހޭލުންތެރިކުރުމުގެ މެސެޖްތަކާއި ހުތުބާތަކުގައި ހިމެނުމަށް ބޭނުންވާ ވަސީލަތްތަކާއި މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.