ރ. ދުވާފަރަށް ކަރަންޓު ނުލިބި އޮންނަތާ އަށް ގަޑިއިރު ފަހުން އެ ރަށަށް އަލުން ކަރަންޓު ދޭން ފަށައިފިއެވެ.

އެ ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ އެމްޑަބްލިއުއެސްސީ އިން ބުނީ ދުވާފަރުގެ މައި ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޭބަލްތަކަށް ދިމާވި މައްސަލަ ހައްލުކޮށް، ދުވާފަރުގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.

ކަރަންޓު ދިއުމުގެ ސަބަބުން ދުވާފަރު ރަށްޔިތުންނަށް ދިމާވި ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން އެމްޑަބްލިއުއެސްސީން ވަނީ މާފަށް އެދިފައެވެ.

ދުވާފަރު ކައުންސިލަރ މުހައްމަދު ޝާމް "ވަގުތު" އަށް ވިދާޅުވީ، އެރަށުން ކަރަންޓު ކެނޑިފައި ވަނީ ގާތްގަނޑަކަށް ރޭ އެކެއް ޖެހި ފަހުން ކަމަށެވެ.

ޝާމް ވިދާޅުވީ މި ރަމަޟާން މަހުގެ ފަހު ފަނަރައަށް އެޅިފަހުން ކޮންމެވެސް ވަރަކަށް ކަރަންޓު ކެނޑޭ ކަމަށާއި، މި ހަފްތާ ފެށުނު ފަހުން ވަރަށް ގިނައިން ކަރަންޓު ދާ ކަމަށެވެ.

މީގެ ކުރިން ކަރަންޓު ކެނޑުނު ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ އަނބުރާ ލިބޭއެވެ. ރޭ ކަރަންޓު ކެނޑުމުން ރައްޔިތުންވެސް ވަނީ ނިކުމެ ކަންބޮޑުވުން ފާޅުކޮށްފައެެވެ. ޝާމް ވިދާޅުވީ އަންގާލުމަކާ ނުލާ ކަރަންޓު ކެނޑޭ ހާލަތްތައް ގިނަވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެެ.

ގިނައިން ކަރަންޓު ދިއުމުގެެ ސަބަބުން ބައެއް އިލެކްޓްރޯނިކް ތަކެއްޗަށް ގެއްލުންވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ޝާމް ވިދާޅުވިއެވެ. ޝާމް ވިދާޅުވީ، ބައެއް ގެތަކުގެ އޭސީ އަދި ޓީވީ ފަދަ ތަކެއްޗަށް ގެއްލުންވި ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.