ހޭންޑް ލަގެޖް އުފުލުމުގެ ގަވައިދަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ އެއާލައިން މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކުން އެއާޕޯޓަށް ގެންދާ ހޭންޑް ލަގެޖްގެ މިންގަނޑަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

އެގޮތުން ހޭންޑް ލަގެޖްގެ ގޮތުގާ ކަނޑައަޅާފައި ވާނީ ފަސް ކިލޯ ކަމަށާއި، ދަތުރުކުރާއިރު ހޭންޑް ލަގެޖްގެ ގޮތުގާ ގެންދިއުމަށް ހުއްދަ ނުދެވޭނީ ފަސް ކިލޯއަށްވުރެ ބަރުވާ ހާލަތުގައި ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މޯލްޑިވިއަން އިން މިހެން ބުނެފައި ވަނީ އިއްޔެ އެ އެއާލައިން މެދުވެރިކޮށް ދަތުރުކުރި ބައެއް ފަރާތްތަކުގެ އަތުން ހޭންޑް ލަގެޖް ބަރުވެގެން ފައިސާ ނެގި މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ. އިއްޔެ މޯލްޑިވިއަން މެދުވެރިކޮށް ދަތުރުކުރި ބައެއް ފަރާތްތަކުން ވަނީ އެކަން "ވަގުތު"އާ ހިއްސާކޮށްފައެވެ.

އެގޮތުން އެކި ފަހަރުމަތިން ފުރަން ދިޔައިރު ގެންގޮސްފައި ހޭންޑް ލަގެޖަކުން މީގެ ކުރިން އެއްވެސް މައްސަލައެއް ދިމާވެފައި ނުވާއިރު އިއްޔެެ ހަމަ އެ ލަގެޖަށް ޗާޖުކޮށްފައިވާކަމަށް "ވަގުތު" އަށް މައުލޫމާތު ހިއްސާކުުރި އާންމު ފަރާތަކުން ވަނީ ބުނެފައެވެ.

"މިއޮތް ހާ ދުވަހު މި ދަތުރު ކުރަނީ މި އެއާލައިނުން. އިތުރު ގޮތެއް ނެތްތާ. އެކަމަކު މީގެ ކުރިން ހަމަ މި ހޭންޑު ލަގެޖު ހިފައިގެން އަބަދުވެސް ދަނީ. ކިރިޔާ ލެޕްޓޮޕެއް ލެވޭނީ މިއަށް. އެކަމު މިއަދު މި ފޮށި ނޭރުވުން ހޭންޑު ލަގެޖެއް ގޮތަކަށް. އިތުރަށް ފައިސާ ދައްކާފަ ލަގެޖަށް ދޫކޮށްލަން ޖެހުނީ." ފްލައިޓުން ދަތުރު ކުރި މީހަކު ބުނެފައިވެއެވެ.

އެ ފްލައިޓުން ދަތުރު ކުރި އެހެން މީހަކު "ވަގުތު"ގެ ފޭސްބުކް ޕޭޖަށް ކުރި މެސެޖެއްގައި ބުނެފައި ވަނީ ޗެކިން ކައުންޓަރަށް އެކަނި ދިޔަ ހުރިހާ އަންހެނުން އަތުން އިތުރަށް ފައިސާ ނެގި ކަމަށާއި އެކަމަކު ތަންކޮޅެއް ހަށިހެޔޮ ފިރިހެނެއް ދިއުމުން އިތުރު ފައިސާ އެއް ނުނަގައި ހޭންޑު ލަގެޖުވެސް އަރުވަން ފުރުސަތު ދިން ކަމަށެވެ.

"ހޭންޑު ލަގެޖަށް ފައިސާ ނަގަން ވަރަށް މަސައްކަތް ކުރި. އެކަމާ ދެކޮޅަށް ވާހަކަ ދައްކަން ފެށުމުން ކައުންޓަރުގަ ހުރި ކުއްޖާ ބުނި ނުފުރޭ ގޮތް ހަދާލަފާނަމޭ. އެތައް އަހަރެއް ވެއްޖެ ޑޮމެސްޓިކް ދަތުރުތައް ކުރާތާ. ދުވަހަކު ވެސް މިވަރުގެ ކަމަކާ ދިމަލެއް ނުވޭ" މައުލޫމާތު ދިން އިތުރު ފަރާތަކުން ކިޔައިދިނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙައްގުބަސް

    ހެންޑް ލަގެޖްގެ ގޮތުގައި ފަސް ކިލޯއޭ؟ މިއީ ކޮންއިރަކު ހެދި ގަވާއިދެއް؟ މިހާތަނަށް ހަތް ކިލޯ ގެންދެވޭ ހެންޑް ލަގެޖްގެ ގޮތުގައި!! މިއޮތީ އޮޅުވާލާފަ ގަވާާއިދު ބަދަލުނުވެޔޭ ކިޔާފަ!! 7 ކިލޯއިން 5 ކިލޯއަށް ބަދަލުކުރީ ކޮންއިރަކު؟ އަޅުގަނޑަކީ ތިއެއަރ ލައިންއިން މިފާއިތުވެދިޔަ ދެ އަހަރު 17 ފަހަރު ދަތުރުކުރި މީހެއް! ހެންޑް ލަގެޖްގެ ގޮތުން 7 ނުވަތަ 8 ކިލޯ ކޮންމެ ފަހަރަކު ގެންދަން!! އަދި މިކުރި ދަތުރު ތަކުގައި ދުވަހަކުވެސް ޗެކިންގް ކައުންޓަރުން ހެންޑް ލަގެޖާ އަޅައިގަނެގެން އެކިރާ އެއިން ނުނެއްޓިގެން ކައުންޓަރުގައި ތިބޭ މުވައްޒަފުން އުޅެފައިނުވޭ!! މިހާރު 5 ކިލޯއޭ ކިޔާ ހެންޑު ލަގެޖުންވެސް ހަމަ ރައްޔިތުން ފެލަން ތިޔަ ދިމާކުރީ!! ވަރަށް ދެރަވަރުކަމެއް މިއީ!! އަޅުގަނޑު ހިތައްއަރާ އަޅެ މިރާއްޖޭގައި އެހެން އެއަރ ލައިނަކަށް އެތެރޭގެ ހުރިހާ މަންޒިލަކަށް ދަތުރުތައް ފެށޭނީ ކޮންދުވަހަކުންބާއޭ!! އެހެން އެއަރ ލައިންތަކަށްވެސް ފިއްތއިގެން މިމީހުން އުޅޭތީ އެފަރާތްތަކުން އަގުހެޔޮކޮށް ރައްޔިތުންނަށްވެސް ލުއި ފަސޭހަވާނޭހެން ދަތުރުކުރަން އުޅުނަސް އެފުރަތު މީގެކުރިން އޮތީ ފަހިކޮށްނުދީފަ!! މިހާރުވެސް ހަދަނީ ހަމައެހެން!!

  2. ލލ

    އައިލޭންޑު އޭވިއޭޝަން ބަގުރޫޓްވާތީ ފައިސާ ހޯދާނެ ގޮތެއް ހޯދީ ނުންތޯ ؟

  3. ގަވައިދައް އުޅެން ދަސްކޮއްބަލަ

    ކައުންޓަރ ގަ ތިބެނީ ގަވައިދު ހަދާ ކުދިންނެއް ނޫން. އެކުދިން ކައިރީގައި މިއަދުން ފެށިގެން 5 ކިލޯގެ ގަވައިދު އައް އެއްވެސް ދުލެއް ނުދީ، ތަމްފީޒް ކުރަން އެންގީމަ، އެކުދިން ކުރާނެ އެކަން!
    އެކުދިންނަަ ދިމާލައް ބަވައިގެނެއް ތިކަމެއްގަ ކުރިއެއް ނުލިބޭނެ! ދަތުރު ކުރަން ބޭނުން ނޫނިއްޔާ ނުކުރާނީ. އިތުރު ވާ ކިލޯ އަދަދައް ގަވައިދުގެ މަތިން ފައިސާ ދައްކައިގެން ދަތުރު ކުރެވޭނީ.