ގދ. ތިނަދޫގައި ހައުސިން ޔުނިޓްތަކެއް އަޅާދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ވަނީ 200 ހައުސިން ޔުނިޓް ތިނަދޫގައި އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފަ އެވެ.

މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 1،050،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫއެސް ޑޮލަރުން ބަހައްޓަން ޖެހެ އެވެ. މަޝްރޫއުގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މޭ މަހުގެ 30 ވަނަ ދުވަހު އެވެ.

މީގެ ކުރިން ނިމިގެން ދިޔަ ސަރުކާރުގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެއް ހިމެނޭ ގޮތަށް 120 ހައުސިން ޔުނިޓް ތިނަދޫގައި އެޅިއެވެ. އަދި އެ ތަންތަނުގައި މީހުން ވެސް މިހާރު ދިރިއުޅެމުންދެއެވެ.

އެ ހައުސިން ޔުނިޓްތައް އެޅީ ތިނަދޫގެ ހިއްކާފައިވާ ސަރަހައްދުގައެވެ. އެހެންކަމުން އާ ހައުސިން ޔުނިޓްތައް އަޅާނީ ވެސް އެ ސަރަހައްދުގައި ކަމަށް ބެލެވެ އެވެ.

ތިނަދޫއަކީ 10،000 އެއްހާ މީހުން ދިރިއުޅެމުންދާ ރަށެކެވެ.