މަސައްކަތްތެރިކަމުގެ ދާއިރާއަށް އިތުރު ހަކަތަ ފޯރުކޮށްދެވިއްޖެ ނަމަ، ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް އެހެންވިދާޅުވީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބުގައި ދެއްވި ހިތޯބުގަ އެވެ.

ރައީސް ވިދާޅުވީ ގައުމެއްގެ އިގްތިސާދީ އަދި އުމްރާނީ ތަރައްގީގެ މައި އިންޖީނަކީ، އެ ގައުމެއްގެ ހީވާގި މަސައްކަތްތެރިންކަން ޔަގީން ކަމަށެވެ. އަދި ދިރިއުޅުމުގެ ފުރާގު ކަށަވަރުކުރުމަށްޓަކައި މަސައްކަތެއް ކުރާ ކޮންމެ މީހެއް، އަދި ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކު އެ އަދާކުރަނީ ގައުމީ ތަރައްގީގެ ވަރަށް މުހިންމު ދައުރެއް ކަމަށް ވެސް ވިދާޅުވި އެވެ.

ގައުމަށް ދިމާވާ ދަތި އުނދަގޫ ކޮންމެ ހާލަތެއްގައިވެސް، އެ ގައުމެއް ދެމިއޮންނަނީ، އެ ގައުމެއްގެ މަސައްކަތްތެރިންގެ ހިތްވަރާއި ބުރަ މަސައްކަތުންކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ، ގައުމުގެ ތަރައްގިއާއި ކުރިއެރުމަށްޓަކައި ކުރެވޭ ވަރަށް އަގުހުރި އިންވެސްޓެއް ކަމަށް ވިދާޅުވި އެވެ.

"ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު، މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރިކަން ހަނދާންކުރަންޖެހޭ. އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ކޮންމެ މަސައްކަތްތެރިއަކަށް ވެސް، އެމީހަކު އެ ކުރާ މަސައްކަތުގެ ހައްގު މިންވަރު، ލިބިދެވޭކަން ކަށަވަރުކުރުން. މަސައްކަތް ކުރުވުމަށްފަހުގައި އުޖޫރަ ނުދީ ލަސްކުރުމާއި، ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ނުދިނުމާއި، ފެންވަރު ދަށް ތަންތަނުގައި މުވައްޒަފުން ގެންގުޅުން ފަދަ މައްސަލަތައް، އަދިވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި އެބަހުރި. މިއީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީފައިވާ މިންގަނޑުތަކާއި އަސާސްތަކާ ހިލާފު ކަންކަން." ރައީސް ސޯލިހް ވިދާޅުވި އެވެ.

އެފަދަ ކަންކަން އިސްލާހުކޮށް، މަސައްކަތްތެރިންގެ އެންމެހައި ހައްގުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުން އަންނަނީ ކުރަމުންކަން ކަމަށާއި އެގޮތުން މިދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ގާނޫނީގޮތުން ލާޒިމްކޮށް ތަންފީޒުކުރަން ފެށުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ ހިދުމަތްތަކުން، މުވައްޒަފުންނަށް ސާވިސް ޗާޖް ދިނުންވެސް، މިހާރުވަނީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ލާޒިމްކުރެވިފައިވާކަމަށެވެ.

ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް މިއަދު ބޭނުންވެފައިވާ އެންމެ މުހިންމު ހަކަތައަކީ، ދެ ޖިންސުގެ ދިވެހި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އޭރުން ތަރައްގީގެ އައްސޭރި ދާދި ފަސޭހައިން ފެންނާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.