ރާއްޖޭގެ ނޫސްތަކަށް ނުފޫޒު ފޯރުވާ އިންޑިއާއިން ބޭނުންވާ އެޖެންޑާ ހިންގަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ތުހުމަތުކޮށްފިއެވެ.

އިދިކޮޅުން އެފަދަ ތުހުމަތުތަކެއް ކުރީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އިދިކޮޅުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ފާހަގަކުރާ މި ދުވަހު އެންމެ ކަންބޮޑުވަނީ އިންޑިއާއިން ރާއްޖޭގެ ނޫސްތަކަށް ނުފޫޒު ފޯރުވަމުންދާ މިންވަރާ މެދު ކަމަށެވެ.

އެގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އެކަމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އަދި އިދިކޮޅުގެ އަޑު ގެނެސްދޭ މީޑިއާތަކަށް ސަރުކާރުން ފިއްތުންތައް ކުރިމަތިކޮށް މައުލޫމާތު ނުދީ އަދި އިވެންޓްތަކުން ފުރުސަތު ނުދޭ ކަން ފާހަގަކޮށްފައި ވެއެވެ.

"އިންޑިއާގެ އެމްބަސީން ބައެއް ނޫސްތަކަށާއި އަދި ވަކިވަކި ނޫސްވެރިން މެދުވެރިކޮށް އެ ފަރާތުން ބޭނުންވާ އެޖެންޑާއެއް ހިންގަމުންދާކަމީ މިނިވަން ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމުގައި ދަންނަ ވަމެވެ." އިދިކޮޅުން ނެރުނު ބަޔާނުގައިވެއެވެ.

މީޑިއާތަކަށް ސަރުކާރުން އެއްބާރުލުން ދީ، ދޭން ޖެހޭ މައުލޫމާތުތައް ހާމަކުރުމަށް ޕީޕީއެމްގެ ބަޔާނުގައި ގޮވާލައިފައެވެ.