މާލޭ ހުކުރު މިސްކިތް ބަންދު ކޮށްފައި އަހަރެއް ވަންދެން ބަހައްޓައިގެން ކުރި އެއްވެސް މަސައްކަތެއް ނެތް ކަމަށް މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރ އަދި ކުރީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ އިންޑިއާ ސަރުުކާރުގެ އެހީގައި މިވަގުތު ހިނގަމުންދާ އެންމެ ބޮޑު މަސައްކަތަކީ މާލޭގެ ހުކުރު މިސްކިތް އާބަތުރަ ފިލުވުމުގެ މަސައްކަތް ކަމުގައި ހެރިޓޭޖު މިނސްޓަރު ޔުމްނާ މައުމޫން ވިދާޅުވުމާއި ގުޅިގެން ރައްދުދެއްވަމުންނެވެ.

މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ ރާއްޖޭގެ ކުރީގެ އާސާރުތަކުގެ ތެރެއިން ރާއްޖޭގެ ރައްޔިތުން ބުދު ދީނަށް އުޅުނު ކަމުގެ ނިޝާންތައް ފެންނަން ހުރި އާސާރުތައް އާބާތުރަ ފިލުވުމަށް އެކަނި އިންޑިއާ އިން ފައިސާގެ އެހީ ދީފައިވާ ކަމަށް ދޭހަވާ ގޮތަށް ބައެއް ނޫސްތަކުގައި ލިޔެފައިވާ ހަބަރު ދޮގު ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

އެކަމާއި ގުޅިގެން ޝުޖާ ވިދާޅުވީ އޭނާ ވެސް ދިރިއުޅެނީ ފުރަމާލޭގައި ކަމަށާއި އެއް އަހަރު ދުވަސް ވަންދެއް ހުކުރު މިސްކިތް ކޮށްގެން ކުރި އެއްވެސް މަސައްކަތެއް ފެންނަން ނެތް ކަމަށެވެ.

"ބަންދުކޮށްގެން ކުރީ ކޮން މަސައްކަތެއް ހޭ" އޭނާ ލިޔުއްވާފައިވެއެވެ.

"މިސްކިތެއް މަރާމާތަށް އެއް އަހަރު ހޭދަވި ހައުމެއް ދުނިޔޭގައި މިނޫނީ ނެތް! ސަރުކާރުން ހަދަނީ ހުސް ދޮގު. އުޅެނީ އިންޑިޔާ ސަރުކާރުގެ ހީލަތްތެރި ރޭވުންތައް ފޮރުވަން. ހުކުރު މިސްކިތް މަރާމާތު ކުރިގޮތް އަޅުގަނޑުމެން ބަލާނަން. މުންނާރު ތާހިރު ކުރީވެސް އަޅުގަނޑުމެން ހަޅޭލަވާގެން" އޭނާ ވިދަޅުވިއެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވިގޮތުގައި، ރާއްޖޭގެ ތާރީހުގެ އެކި ޒަމާނަށް ނިސްބަތްވާ އާސާރުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ޒަމާނުއްސުރެ ކުރަމުން އައީ ވެސް އަދި މިހާރު ކުރަމުން ދަނީވެސް އަވައްޓެރި ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އެހީގައި ކަމަށެވެ.

މާލޭގެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ފަންނީ އަދި މާލީ އެހީއާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން އެ މަޝްރޫއަށް 1.5 މިލިއަން ޑޮލަރު ނުވަތަ 23 މިލިއަން ރުފިޔާގެ އެހީ އިންޑިއާ އިން ދޭން ނިންމާފައިވެއެވެ. އެހީ ދިނުމަށް ހުށަހެޅުއްވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ޖޫން 2019 ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލްޖިބްރާ

    އާނ ! ކަލެއަށް ދައްކަން އެތަނުގައި ސިމެންތި ޖަހާ އޮމާން ކޮށްފައެއްނެތް !

  2. އަބުދުﷲ

    މިދިޔަ ވިއްސަކައް އަހަރު ތިތަނަކާ ހަވާލުވެގެން އުޅެނީ ޔުމްނާ ....!!!!!!! 2015 ވަނައަރު އެތާގެ މަތިވަޑާންގަނޑު މައްޗައް އަރަން ޖެހިގެން ބެލި އިރު އެތާގެ މަތީގަ ކަތުރު ފަނިކައިފަހުރި ދެތިން ބަސްތާ ކުނޑި ހުންނާނެކަން ޔަގީން. ދިވެހިން ނައްވުރެ ބޮޑައް އިންޑިޔާ މީހުންނައް ހިރިގަލުގެ މަސައްކަތެއް ނޭގޭނެ .އެމީހުންނައް އެނގޭނީ ހިލައިގެ މަސައްކަތް. ތިތަން ދިވެހި ވަޑިންނާ ދިވެހި ޕެސްޓު ކޮންޓުރޯލުކުރަން ދަންނަ މީހުންގެ ލަފާގެމަތިން ދިވެހިންގެ އަމިއްލަމަސައްކަތުން ބެލެހެއްޓުން މާބުއްދިވެރި. މިނިސްޓްރީގެ ބެގީކުރި މީހުން ތިތާކައް ބޭނުމެއްނުވޭ.

  3. އަބުދުﷲ

    މިސްކިތުގެ އުތުރުފަރާތު ހިރިގާތައް ގިރުނު ގޮތެއް ތަހުގީގުކޮއް ބެލުން ވަރައް މުހިއްމު ސަބަބަކީ ފެށުނު ދުވަހުން ފެށިގެން މިއަދާހަމަޔައްވެސް އުތުރު ފަރާތް ދެކުނުފަރާތައް ވުރެ ބޮޑައް ހުންނާނީ ވަޔާ ވާރެިން ސަލާމަތްވެފަ. ޢެކަމަކު ދެކުނުފަރާތް އެހެރީ ރީއްޗައް އެއްވެސް ހަލާކުވުމެއްނެތި.

  4. Anonymous

    ސުވާލަކީ އަދުގެ އިންޑިއާގެ ވެރިކަމުގަ ތިބީ އިސްލާމްދީނާ ދެކޮޅު ހަރުކަށި ބަޔަކަށް ވާއިރު އަދި އިންޑިއާގެ އެތައް ދުވަހެއް ވެފައިވާ މިސްކިތްތަކާއި އާސާރުތައް ފުނޑާލަމުންދަ ބަޔަކު ރާއްޖޭގެ މިސްކިތެއްގެ އާބާތުރަ ފިލުވަން ހެޔޮ ހިތުން އެހީވާނެހޭ؟ މިނިސްޓަރު ޔުމްނާގެ ޖަވާބެއް ބޭނުން.

  5. ސަޓޯ

    ލާރިގަނޑެއް ބަނޑުއަޅާލީ !!