ކުޑަގިރީގައި މަގުބައްތިޖެެހުމާއި ކަރަންޓު ނެޓްވޯކް ގާއިމްކުރުން 15 ދުވަސްތެރޭ ނިމޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މާލެ ކައިރިން ޕިކްނިކްދާނެ ރަށެއް ނެތުމާއެކު، އެފަދަ ރަށެއް ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާއި އެއްގޮތަށް ކުޑަގިރި ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.

އެ ރަށުގެ މަގުބައްތި ޖެހުމާއި، ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމުގެ ހަވާލުކޮށްފައިވަނީ ސްޓެލްކޯއާއެވެ.

ކުޑަގިރީގެ ކަރަންޓު ނެޓްވޯކް ގާއިމް ކުރުމަށްޓަކައި، ޖުމްލަ 3000 މީޓަރުގެ ކޭބަލް ވަޅުލުމަށް ވަނީ ނިންމާފައިކަމަށާއި، އަމާޒަކީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސްޓެލްކޯއާއި ހަވާލުވެފައިވާ އެންމެހާ މަސައްކަތެއް ނިންމާލުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކުޑަގިރީގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު އިންސައްތައެއް އިޔާދަ ކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި އެކަމުގެ ދިރާސާތައްކުރުމަށްވެސް ކުންފުނިން ވަނީ ވިސްނާފައިކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.

އެރަށުގެ މަސައްކަތްތައް ހިނގާގޮތް ބެއްލެވުމަށް ނައިބްރައީސް ފައިސަލް ނަސީމްއާއި، ސްޓެލްކޯގެ އެކްޓިންގ ޗެއާރމަން އަހުމަދު ލަތީފާއި، މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފްގެ އިތުރުން، މިކަމުގައި މަސައްކަތް ކުރާ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ވަނީ ބުދަ ދުވަހު ކުޑަ ގިރިއަށް ވަޑައިގެންފައެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑްގެ މަސައްކަތް އަންނަ މަހު ނިންމޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. މި ވައުދު ފުއްދުމަށްޓަކައި 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ވަނީ އެ މަޝްރޫއު އިފްތިތާހްކޮށްފައެވެ. ސަރުކާރުން އޭރު ނިންމީ ކ. އެނބޫދޫފަޅުން ރަށެއް އެކަމަށް ހާއްސަކޮށް ކުރާށެވެ.

އެގޮތުން 3.3 ހެކްޓަރުގެ އެ ބިމުގައި ބާބަކިއު ހެދޭނެ ތަންތަނާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ކުޅޭނެ ތަންތަނާއި އާއިލާއާއެކު ތިބެވޭނެ ކޮޓަރިތަކާއި އަވަސް ފަރުވާދޭ ކޮޓަރިއެއް ހެދުމަށް ވެސް އޭރު ސަރުކާރުން ރާވާފައިވެއެވެ. އެކަމަކު، ސަރުކާރުން ފަހުން ވަނީ އެ ވިސްނުން ބަދަލުކޮށްފައެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މީގެ ކުރިން ކަނޑައަޅާފައި އޮތް ރަށަކީ ކުޑަ ބަނޑޮހެވެ. ނަމަވެސް އެރަށް ޓޫރިސްޓް ރިސޯޓެއްގައި ތަރައްގީ ކުރުމުން މާލެ ސަރަހައްދުގައި ދަތުރުދާނެ ރަށެއް ފަހަކުން ނެތެވެ.