ރާއްޖޭގައި މަރުގެ އަދަބު ދިނުމާއި ގުޅޭ ގޮތުން ސުވާލުކުރަން އިދިކޮޅު މެންބަރުންނަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރުސަތު ނުދިނުމުން ރައްޔިތުންގެ މަޖިލިސް ޖަލްސާ ހޫނުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކުރީ މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތާ ގުޅޭ ގޮތުން ސުވާލުކުރުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އެދިވަޑައިގެންނެވުމުން ނެވެ.

ޠާރިގުގެ ސުވާލަށް އިމްރާން ޖަވާބު ދެއްވުމުން ސުވާލުކުރަން ލިބުނު އިތުރު ފުރުސަތު އެހެން މެމްބަރުން ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ސަރުކާރުގެ ސިޔާސަތު ސާފުބަހުން ވިދާޅުވުމަށް އިމްރާން އަރިހުން އެދިވަޑައިގެންފައެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުުރުސަތު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުދެއްވި އެވެ. ރައީސް ނަޝީދު ވިދާޅުވީ މަރުގެ ހުކުމާއި ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަކީ މިއަދުގެ ސުވާލާ ގުޅޭ މައްސަލައެއް ނޫން ކަމަށެވެ.

އިތުރު ސުވާލުކުރުމުގެ ފުރުސަތުގެ ތެރެއިން އެންމެ ފުރަތަމަ ސުވާލު ކުރެއްވީ ވެސް ތޯރިގު އެވެ. އޭނާ ވިދާޅުވީ އަވަހާރަކޮށްލައިފައިވާ އުނގޫފާރު ދާއިރާގެ މެމްބަރު ދރ. އަފްރާޝީމްގެ މަރާ ގުޅޭ ހެކިތަކެއް ހުރިކަމަށް 2015 ވަނަ އަހަރު އިމްރާން ވިދާޅުވި ކަމަށެވެ.

ނަމަވެސް އެ ސުވާލު ނުނިމެނީސް ރައީސް ނަޝީދު ވަނީ އެއީ މިއަދުގެ މައުލޫއާއި ނުގުޅޭ ސުވާލެއް ކަމަށް ވިދާޅުވެ ސުވާލުކުރުން ހުއްޓުވަފައިފަ އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އިމްރާން ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް
މިއަދުގެ މަޖިލިސް ޖަލްސާގައި އިމްރާން ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް

އޭގެ ފަހުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެއްސެވީ މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން ނެވެ. އަދުލުވެރި ފަނޑިޔާރު ގެތައް ރާއްޖޭގައި އެބަހުރިކަމަށް ގަބޫލުކުރައްވަންތޯ އާއި އެފަދަ ފަނޑިޔާރުގެއެއް ނެތި އެފަދަ ފަނޑިޔާރުގެތަކުން ކުރާ މަރުގެ ހުކުމް ތަންފީޒުކުރަން ޖެހޭނެތޯ ޖާބިރު ސުވާލުކުރެއްވި އެވެ. ނަމަވެސް އެ ސުވާލު ވެސް މައުލޫއާ ނުގުޅޭ ކަމަށް ވިދާޅުވެ އިތުރަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ރައީސް ނަޝީދު ނުދެއްވި އެވެ.

ނަމަވެސް އޭގެ ފަހުން މެމްބަރުން މިއަދުގެ މައުލާއާ ނުގުޅޭ ސުވާލުތައް ކުރެއްވުމުން އެ ސުވާލުތަަކށް ޖަވާބު ދިނުމުގެ ފުރުސަތު ރައީސް ނަޝީދު ދެއްވި އެވެ. އެގޮތުން އަތޮޅުތަކުގައި ގާއިމުކުރާ ޕޮލިސް ސްޓޭޝަންތަކާ ގުޅޭ ގޮތުން މެމްބަރުން ސުވާލު ކުރެއްވި އެވެ.

މަޖިލިސް ހޫނުވީ އެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ފުރުސަތު ރައީސް ނަޝީދު ދެއްވުމުން ނެވެ. އެކަމާ ގުޅިގެން ތޯރިގުއާއި ޖާބިރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަރަށް ބޮޑަށް އަޑުގަދަ ކުރެއްވި އެވެ.

މެމްބަރުން އަޑުގަދަ ކުރައްވަން ފެެއްޓުމުން ސުވާލުކުރުމުގެ ފުރުސަތު ވަނީ ކުރުކޮށްލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

    އެމެރިކާ ގައި މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ޢާއްމު ކަމެކެވެ. އަޅުމެންނަކީ 100 އިން 100 މުސްލިމް ޤައުމެކެވެ. ދީނުގައި އޮންނަ ގޮތަށް މަރުގެ ޙުކުމް ތަންފީޒު ކުރެވެން ޖެހޭނެ ކަމަށް ޤަބޫލް ކުރަމެވެ.

    30
  2. ލާމު

    ލާދީނީއޭ ކިޔަނީ ސަބަބުތައް ހުރީމައެވެ.

    33
  3. ސަތޯ

    އެހާ ސިކްރިއުޓީ ގަދަކޮއްގެން އުޅޭމީހުން މަރުގެ ވާހަކަ ދައްކާތަ. އެމީހުންނަށް ހީވާކަހަލަ ދަގަޑުނުކެޑޭ ދަހަނާލައި ދަގަޑުން ފަރުބަދަ ތެރޭގައި ފިލާއޮތުމުން މަރު ނުވާނެ ކަމަށް.