ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބެލުމަށްފަހުގައި ވަކިކުރަން މަޖިލީހަށް ފޮނުވާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަވެސް ބާތިލުކުރަން ޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން، ދިއްގަރު ދާއިރާގެ މެންބަރު އިކުރާމް ހަސަން ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ގާނޫނީ ފަންނުގެ ގާނޫނުގެ 35 ވަނަ މާއްދާގެ ށ ގެ ފަހަތަށް ފަސް އަކުރެއް އިތުރު ކޮށްފައެވެ.

އެގޮތުން ފަނޑިޔާރުންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ ފަނޑިޔާރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިނަމަ، އެ ފަނޑިޔާރު ކުރި އަމަލަކީ ޤާނޫނީ ވަކީލުކަމުގެ ސުލޫކާ ހިލާފު އަމަލެއް ކަމުގައި ބަލައި، އެ ފަނޑިޔާރަށް ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވާނެ ކަމަށް ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޑރ. ޝަހީމް ވަނީ ފަނޑިޔާރުކަމުން ވަކިކުރި ނަމަވެސް އެއީ ވަކީލުކަން ނުކުރެވެންވީ ސަބަބެއްތޯ ސުވާލު ކުރައްވާފައެވެ. އަދި މީހަކަށް ލިބިފައިވާ އިލްމަކާއި ތަޖުރިބާއެއް ބޭނުންނުކުރެވޭ ގޮތް ހެދުން ވެގެންދާނީ ދެވޭ އަނިޔާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފަނޑިޔާރުކަމުން ވަކިކުރުމުން ވަކީލުކަން ނުކުރެވެންވީ ކީއްވެ؟ އެމީހަކަށް ލިބިފައިވާ އިލްމަކާއި ތަޖުރިބާއެއްގެ ބޭނުން ނުކުރެވޭ ގޮތަށް ހެދުމަކީ އަނިޔާއެއް." ޝަހީމް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގައި އިތުރަށް ބުނެފައިވަނީ ވަކީލުކަމުގެ ހުއްދަ ބާތިލުކުރެވިއްޖެނަމަ، އެ މީހަކަށް ދެން ޤާނޫނީ ވަކީލުކަމުގެ ހުއްދަ އަލުން ހޯދޭނީ، ވަކިކުރާ ތަރީހުން ފެށިގެން ފަސް އަހަރު ދުވަސް ފާއިތުވުމަށްފަހު، އަދި ޤާނޫނީ ފަންނުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އަލުން ހުށަހަޅައި، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށްފަހު ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ފަނޑިޔާރަކު މަގާމުން ވަކިކުރެވެނީ އެކަށީގެންނުވާ ބޮޑު އަމަލެއް ކޮށްގެން ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ސާބިތުވެއްޖެނަމަ، ދެން އަލުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ނުލިބޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

"އެކަށިގެންނުވާ ބޮޑު އަމަލެއްގެ" ގޮތުގައި ބެލެވޭނީ ފަނޑިޔާރުކަމުގެ މަގާމުގައި ހުރި ފަރާތަކުން ކުރި އަމަލަކީ، އޭގެ ސަބަބުން ފަނޑިޔާރުކަމުގެ މަގާމުގެ އަދި ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭފަދަ ބޮޑު އަމަލެއް ކަމުގައި ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާފައިވާ އަމަލެއް ކަމަށް ވެސް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް، އަމިއްލައަށް މަގާމުން އިސްތިއުފާ ދީފި ކަމުގައި ވާނަމަ ވެސް ފަނޑިޔާރުކަމުގެ ހުއްދަ ބާތިލުވާ ގޮތަށް އެ އިސްލާހުގައި ވަނީ ހިމަނާފައެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހާއި ގުޅިގެން ގާނޫނީ ދާއިރާގެ ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަނިޔާ

    ބޭނުމަކީ ޔާމީނަށް ކުރާ ހުކުމް ތައް އެއްވެސް ކޯޓަކުން ބެލުނަނުދޭން!

  2. ހުވަދޫ އަލިބެއްޔާ

    މި އަނިޔާވެރިންގެ ނިމުން ހިތި ކުރައްވައި ދިރި ތިބީންނަށް އިބްރަތެއް ކަމުގަ ލައްވާށިއެވެ. އާމީން..

  3. ރައްޔިތު މީހާ

    އަދި ތިވަރަކުން ނުފުދޭ ފަނޑިޔާރަކު މަޤާމުން ވަކިކޮށްފިނަމަ އެމީހަކު ދުނިޔޭގަ ހުރުންވެސް މަނާކުރާ ޤާނޫނެއް އެމް.ޑީ.ޕީ މީހުން ވާއްދާން ފެނޭ

  4. ސަފަރު ކައްދަގެ ތިއްތިބެ

    ﷲ ޞުބުހާނަހޫ ވަތަޢާލާ އެއިލާހުގެ އަޅާ ކުށެއް ކޮށްފައި ފުރިހަމަ ތަޢުބާއަކުން ތަޢުބާވެއްޖެނަމަ ފާފަފުއްސަވައި ދެއްވައި ކުށެއް ދުވަހަކު ނުކުރާ މީހަކާ އެއްފަދަ ކުރައްވާ! ނަމަވެސް ސަރުކާރުން އަނިޔާވެރިކަން އިންތިހާއަށް ބޮޑުމިކުރަނީ ކޮން މަގުސަދެއްގައި ތޯ؟ ހުސް ޒާލިމުން.

  5. ސސ

    އެބައިގަޑުގެ އަނިޔާވެރިކަން ﷲ ފާޅުކޮށް ދެއްވަނީ !

  6. ސުންކް

    ތާރީހުގެ މިހާ ނުލަފާ އަނިޔާވެރި ބަޔަކު ނާދޭ. އަނިޔާވެރިންގެ ނިމުން ހިތި ކުރައްވައި ދިރި ތިބީންނަށް އިބްރަތެއް ކަމުގަ ލައްވާށިއެވެ. އާމީން..