އެތައް އަހަރެއް ވަންދެން ދަރިން ސްކޫލަށް ނުފޮނުވައި އަދި ދަރިއެއްގެ ކައިވެނި އަމިއްލަ އަށް ކޮށްދިން ބައްޕައަކު އެއް އަހަރާއި ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

ކުދިންގެ ބައްޕަ ކަމަށްވާ އަހުމަދު ނިޔާޒު ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ދައުލަތުން ދެދައުވާއެއް އުފުލިއެވެ. އޭގެތެރެއިން އެއްދައުވާ އަކީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއެކެވެ. އެދައުވާ އުފުލީ މައްސަލަ ފެންމަތިވިއިރު އުމުރުން 17 އަހަރުގެ ދަރިފުޅާއި، 16 އަހަރުގެ ދަރިފުޅާއި 12 އަހަރުގެ ދަރިފުޅު ސްކޫލަށް ނުފޮނުވައި އެތައް އަހަރެއް ހޭދަކޮށްފައި ވާތީއެވެ.

މިމައްސަލައިގައި ކުދިންގެ މަންމަގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އޭނާގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ.

އަހްމަދު ނިޔާޒްގެ ދެން މައްޗަށް އުފުލީ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނެތި ކުރުމުގެ ދައުވާއެވެ. އެދައުވާ އޭނާގެ މައްޗަށް އުފުލީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހު އަހްމަދު ނިޔާޒަށް ކައިވެނި ކޮށްދިނުމުގެ ހުއްދަ ނެތި އޭނާގެ އަންހެން ދަރިފުޅުގެ ކައިވެނި ކޮށްދީފައި ވާތީއެވެ.

އޭނާ ކޯޓުގައި ބުނެފައިވާ ގޮތުގައި އެ ކުދިން ސްކޫލަށް ނުފޮނުވީ ދެ ޖިންސު އެއްކޮށް ކިޔަވައިދޭތީ އާއި ލަވަ އާއި މިއުޒިކް ސްކޫލްގައި ޖަހައި ކުޅިވަރު ހަރަކާތްތަކުގައި ބައިވެރި ކުރާތީއެވެ. ޖެންޑަރ މިނިސްޓްރީންނާއި ފުލުހުން ތިން ފަހަރެއްގެ މަތިން އޭނާ އާއި ބައްދަލު ކުރުމުން ސްކޫލުން އެކަންކަން އިސްލާހުކުރަން އޭނާ އެދުނު ކަމަށް އޭނާ ބުނެފައި ވެއެވެ. ކުދިން ސްކޫލަށް ނުފޮނުވުމަކީ ކުށެއްކަން ނޭންގޭ ކަމަށް ވެސް އޭނާ ކޯޓުގައި ބުނެފައި ވެއެވެ.

ދަރިފުޅުގެ ކައިވެނި އަމިއްލަ އަށް ކޮށްދިނީ އެއީ ދީނީ ގޮތުން އެކަން ކުރެވޭނެތީ ކަމަށް ވެސް އޭނާ ކޯޓުގައި ބުންޏެވެ. އަދި އެކަން ނުކުރެވޭނެ ކަމަށް ބުނާ ދަލީލެއް ފެންނަން ނެތް ކަމަށް އަހުމަދު ނިޔާޒު ބުނެފައި ވެއެވެ.

ދަރިން ސްކޫލަށް ނުފޮނުވި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބެލުމަށް ފަހު، ގާޒީ ނިންމެވީ ގާނޫނު ހިންގަން ހުރަސް އެޅުމުގެ ކުށަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށެވެ. އެއީ އެއް އަހަރަށް ޖަލަށްލުމެވެ.

އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދޭން އެ މީހާ އެދުނަސް، ގާޒީ ނަދީމް ހުކުމުގައި ވިދާޅުވީ، އެ މީހާގެ އެ އަމަލުގެ ސަބަބުން "ގެއްލިގެންދިޔަ ދަރިންގެ މުސްތަގްބަލާއި ތައުލީމާއި ތަރުބިއްޔަތަކީ އަނބުރާ ހޯދައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ. އަދި ޖޫރިމަނާއަކަށް އަދަބު ބަދަލު ނުކުރަން ގާޒީ ނިންމެވި އެވެ.

ހުއްދަ ނެތި ކައިވެނިކޮށް ދިނުމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން ތަންފީޒު ކުރަންޖެހޭނީ ތިން މަހާއި 20 ދުވަހެވެ. ދެ ހުކުމް އެއްކޮށް ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި ތިން މަހާއި 20 ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުހައްމަދު

    ސަލާމަތެއް ނެތް އެއްގޮތެއްވެސް.. އިސްލާމީ އުސޫލުތަށް ދަރިން ތަރުބިއްޔަތުކުރަން އެއް ކޯޑިއަމަކައް އަރާ ވަސިއްޔަތް ކޮށް ގޮވާ ފައިބާފައި އަނެއް ކޯޑިއަމަށް އަރާފަ ގޮވާނީ އެއީ ހަރު ކައްޓޭ..

    12
    4
  2. އަޖައިބު

    ދެން ދައުލަތުން ދަރިންގެ ބައްޕަ ޖަލައް ލީމަ އެ ދަރިންނައް ކާން ބޯން ދެނީ ކިހިނެއް، ދަރިންގެ ޒންމާ އަކީ ދަރިން ދެއްވި ފަރާތުން މައިން ބަފައިންނައް ހަވާލު ކުރިކ އެއްޗެއް، ދައުލަތަކައްނޫން އެގޭނީ އޭނަ ދަރިން ނައް ކިޔަވަދީ ބަލަހައްޓާނޭ ގޮތެއް. ފަތްބޮއެގެން މީހުންގެ މުދާވަގައް ނަގަމުން ދުވަނީވެސް ހަމަ މީހުންގެ ދަރިން، އެ މީހުންގެ މައިން ބަފައިން ގެންގޮސް ސުވާރުކޮއް ބަލަ ކުރާނެ ކަމެއް ނެތިއްޔީ!

    23
    6
  3. ާފހ

    އެއް އަހަރާއި ތިން މަހާއި ވިހި ދުވަސް ޖަލަށް ލުމުން އރކުދިނއގެ މުސްތަޤްބަލް ލިބޭނެ. ދައުލަތަކަށް ނުން އިނގޭނީ މައިބަފައިން ދަރިން ތަރުބިއްޔަތު ކުރާނެ ގޮތެއް.

  4. އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގަ ކުރިން މަސައްކަތްކުރި މީހެއް

    މީގަ އެންމެ އަޖައިބުވީ ކަމަކީ، ގާޒީއަކަށްވެސް ނުނިންމުނު އެކައިވެނި ތަކަކީ ބާތިލް ކައިވެނިތަކެއް ކަމަށް. ސަބަބަކީ އިސްލާމީ ޝަރިއަތުގަވާ ހުރިހާ ޝަރުތަކާއެއްކޮށް ކައިވެނި ކޮށްދީފަވާތީ. ގާޒީ ވިދާޅުވީ، ރާއްޖޭގެ ގާނޫނުން މިއީސަރުކާރުން ނަަގަންޖެހޭ ހުއްދައެއް ނުނަގައި ކައިވެނި ކުރީމައޭ ގޯސްވީ.. ދީނުގަ މައްސަލައެއް ނޫން ކަމަށް ގާޒީވެސް ގަބޫލުކުރި. އެމީހުންގެ ބައްޕަގެ އަތުގަ ދީނީ އިލްމު ކިޔެވިކަމުގެ ސެޓްފިކެޓެއް ނެތް.
    އަހަރެން ގަބޫލުކުރާ ހަގީގަތަކީ ސެޓްފިކެޓެއްގެ މައްޗަށްބިނާކޮށް އިލްމު އެނގޭކަމަކަށް ނުނިންމޭނެ. މިސާލަކަށް އިރާގު ހަނގުރަމައިގަ ކިތައް ގެއެއް ކޮލެޖެއް ސުންނާފަތިވީ..؟ ގައމު އެތައް ބައެއްގެ ސެޓްފިކެޓްތައްވެސް އަނދައިގެން ދާނެ ދޯ؟އެހެންވެ މިބުނަނީ އިސްލާމީޝަރީއަތޭ އެންމެ މޮޅީ. ޢަދުލުވެރި ހެކިން ބުނާ ބުނުމަށް އިސްލާމީ ޝަރިޢާ ބަލަނީ.