ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތުގައި ތިބި ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް އަދި އެމަނިކުފާނު ދޫކޮށް ފިލާނެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ޖޭއެސްސީގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޠާރިގު ވިދާޅުވީ ސަރުކާރުގެ ހެޔޮނިޔަތެއް ފަނޑިޔާރުގެ އިސްލާހު ކުރުމަށް ނެތް ކަމަށެވެ.

ޠާރިގު ވިދާޅުވީ ރައީސް ސޯލިހަށް ތާއިދުކުރާ މެންބަރުން ވެސް "އޮޑި ދޫކޮށް ފިލާނެ" ކަމަށެވެ.

"ރައީސް ސޯލިހާއިއެކު ތިބި ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ވެސް ސާފުވާނެ ރައީސް ސޯލިހަކީ އެބޭފުޅާ އަމިއްލައަށް ތިމަންނައަކަށް ދިވެހި ރާއްޖޭގެ ވެރިކަމަށް ކުރިމަތިލައި %50 ނުލިބޭނެ ކަމަށް އިއުތިރާފުވެފައިވާ ބޭފުޅެއް. އެހެންވީމާ މިތާންގައި ތިބި (ރައީސް ސޯލިހަށް ތާއިދުކުރާ) ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ފުރާފައި އޮތް ބޯޓު ރަނގަޅު އައްސޭރިއަކަށް ނުދާނެކަން އެނގުނީމާ އެހެން ބޯޓަކަށް އަރައިގެން ފިލާނެ." ޠާރިގު ވިދާޅުވިއެވެ.

ފަނޑިޔާރުގެ އިސްލާހް ކުރުމުގެ ވައުދު ދައުރު ނިމެން އެއްއަހަރަށް ވީއިރުވެސް އޮތީ ނުފެއްދި ކަމަށާއި ރައީސް ސޯލިހް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ދެއްކެވި ވާހަކަފުޅާއި އަމަލު ދިމާނުވާ ކަމަށް ޠާރިގު ވިދާޅުވިއެވެ.

"އޭރު ވިދާޅުވީ ކޯޓަކަށް ފަނޑިޔާރަކު ލިޔަސް، ޕްރޮމޯޝަނެއް ދިނަސް ދެނީ ސިޔާސީ މަޤުޞަދެއްގައޭ. ތިމަންނަގެ ވެރިކަމެއްގައި ފަނޑިޔާރުން ފަނޑިޔާރުންނަށް ގޮތް ކިޔަން ނުތިބޭނެއޭ. ޖޭއެސްސީގެ މެންބަރުން ކޮންމެ ތިންއަހަރަކުން ބަދަލުވާނެއޭ." ޠާރިގު ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ރިޔާސީ ވައުދާއި އެއްގޮތައް ޖޭއެސްސީ ބަދަލު ކުރަން ތިންވަނަ ފަހަރަށް މަޖިލީހަށް މިހާރު ހުށަހަޅާފައި ވާނެ ކަމަށާއި ނަމަވެސް ޖޭއެސްސީ އިސްލާހް ކުރަން ސަރުކާރުން ބޭނުންނުވާ ކަމަށް ޠާރިގު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް އާއި އެމްޑީޕީ އެކްޓިވިސްޓުންނާއި ވަކީލުން ތިބެގެން ހުކުމްތަކަށް ނުފޫޒު ފޯރުވާ ކަމަށް ޠާރިގު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ޠާރިގު ދެއްކެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަނޑިޔާރު އަހްމަދު ހައިލަމް، އެމައްސަލައިގެ ހުކުމް އިއްވަން ދެގަޑިއިރަށް ވެފައި ވަނިކޮށް ސަސްޕެންޑް ކުރިކުރުމަށެވެ. އަދި އެއަށްފަހު ދެން މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތު ބެލެހެއްޓެވި އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރި ކުރުމަށެވެ.

ޠާރިގު ވިދާޅުވީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ރައީސް ކަމަށް ކުރިމަތިލައްވަން ނިކުންނެވީ ޓީމު ހަމަނުކޮށް ކަމަށެވެ.

"ނުހައްގުން ޙުކުމް ކޮށްފައި ދެން ބިރުން ތުރުތުރުއަޅާކަށް ނުޖެހޭނެ. މިވެރިކަން މިދަނީ ނިމެން. ދިވެހި ރައްޔިތުންނަށް އެނގޭ ރައީސް ސޯލިހްގެ ވެރިކަމުގައި ބާކީ އޮތީ އަހަރެއްކަން. ދެވަނަ ދައުރަކަށް ނިކުތީ ޓީމް ހަމަނުކޮށް. ގޭދޮށުން ކުޅުންތެރިންނަށް ގޮވާލައިގެން ދިޔައިރު 11 އެއް ހަމައެއް ނުވޭ. ދިހައެއް ތިބީ. 11 ހަމަކޮށްގެން މެޗަށް އެރެނީވެސް. ދެން މިދަނީ ކުޅުންތެރިން ހޯދަން." ޠާރިގު ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ފަހަތުގައި ތިބި މެންބަރުން ވެސް އަދި އެމަނިކުފާނު ދޫކޮށް ފިލާނެ ކަމަށް ހޯމަ ދުވަހު ހެނދުނު ޠާރިގު ވިދާޅުވެފައި ވަނިކޮށް އެމްޑީޕީގެ 18 މެންބަރަކު ވަނީ ޕާޓީގެ ވިޕްލައިނާއި ހިލާފަށް ވޯޓް ދޭނެކަން ހޯމަ ދުވަހު ހަވީރު އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަަަރަބޯ

    ސޯލިހު ފިލާނީ އިނޑިއާއަށް ފިލުމުގެ ކުރިން ހަށްޔަރު ކުރަން އެބަޖެހޭ މުސްކުޅިހާލުގައި ޖަލަށް ލެވޭނެ ފުރަތަމަ ރައީސަކަށް ސޯލިހުވެދާނެ ކަމުގެ ބިރު އެބައޮތް.

    8
    1
  2. ޑައެލޯގް

    ބަރާބަރު ވާހަކައެއް ޠޯރިއެބުނީ

    7
    1
  3. ސެންޗޯ

    ބޮލަ ބަންގި