ފަސް ވަރަކަށް އަހަރު ކުރިން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކާއި މެދު ލާއިންސާނީ އަމަލު ހިންގި ކަމަށް ތުހުުމަތުކޮށް ދައުވާ ކުރި 13 ފުލުހުންގެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ކްރިމިނަލް ކޯޓުގައި ފަށަން ތާވަލް ކޮށްފިއެވެ.

2017 ވަނަ އަހަރު ފުލުހުންނާއި ސިފައިންނާ ގުޅިގެން ޖެންޑާ މިނިސްޓްރީން ހިންގި ހަރަކާތްތަކެއްގައި، އެ މުއައްސަސާތަކުގެ ބައެއް މުވައްޒަފުން ކުޑަކުދިންގެ ހިޔާގެ ކުދިންނާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ބައެއް ކުދިންގެ އަތުގައި ބިޑި އަޅުވައި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދިން ކަމަށް ބުނެ ދައުވާ އުފުލީ މިދިޔަ އަހަރު އެވެ.

މާދަމާ މިމައްސަލައިގެ ޝަރީއަތް ފަށާއިރު، މިއީ ކުޑަކުދިން ހިމެނޭ މައްސަލައަކަށް ވުމުން ޝަރީއަތް ކުރިއަށް ގެންދާނީ ސިއްރުންނެވެ.

ހާދިސާއާ ގުޅިގެން ދައުވާ ކޮށްދިނުމަށް އެދި 30 މީހެއްގެ ނަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ޕީޖީ އޮފީހަށް ފޮނުވި ނަމަވެސް، ދައުވާ ކުރީ 13 ފުލުހެއްގެ މައްޗަށެވެ.

މި މައްސަލައިގައި 13 ފުލުހުންގެ މައްޗަށް އުފުލީ އެންޓި ޓޯޗާ ގާނޫނުގެ 21 ވަނަ މާއްދާއާއި 26 ވަނަ މާއްދާގެ (ހ) އާއި 15 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 23 ވަނަ މާއްދާގެ (ކ)ގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ.

މި ދައުވާ ސާބިތުވެއްޖެ ނަމަ، އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަތެއްގެ ޖަލު ހުކުމެކެވެ. ދައުވާ ސާބިތުވެއްޖެނަމަ ފުލުހުންގެ ވަޒީފާ ވެސް ގެއްލޭނެއެވެ. ދައުވާ އުފުލި ނަމަވެސް އަދިވެސް އެފުލުހުން ތިބީ ފުލުހުންގެ ވަޒީފާ ގައެވެ. އެމީހުން މަސައްކަތުން އެކަހެރި ވެސް ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަންޑަހެލުުު

    ހިއުމަން ރާއިޓްސް އެކޭ ކިޔައިގެން އަހަރުމެންގެ ޅަދަރިން މިބައިގަނޑު ހަލާކުކޮއްފި.

  2. ޖާބިރު

    ދެރަކަމެއް، މިދިވެހި ރާއްޖޭގެ އިޖުތިމާއީ ފޭރާން އަދަބު އަޙުލާޤް އެއްކޮށް ގެއްލިގެން ދިޔައީ ކުއްވެރިންނަކީ ވަލީވެރިންކަމަށް ވަކާލާތުކޮށް ވަގުންނާއި މާރާމާރީ ހިންގާ މީހުންނަށް ފިޔަވަޅު އެޅުމާއިމެދު ދެކޮޅުވުމުން. މިހާރު ހަލާކުވަމުން މިދަނީ މަދަރުސާތަކުގެ ދަރިވަރުން. ކިތައްމެ ވިޔާނުދާވިޔަސް މުދައްރިސްކަށް ކުރެވޭނެ އެއްވެސް ކަމެއްނެތް، މިއިން ދަރިވަރަކު ދޮގު އިލްޒާމެށް ކިރިޔާ އަޅުވާލިއަސް އެޓީޗަރެއްގެ ދުވަސް މިނިސްޓްރީން ދުއްވާލާނެ. މިއޮތީ ހުޅަނގުގެ ފަލްސަފާ. ދެން އަތްޖަހާ..

  3. ހަވާސާ ހާދިސާ

    އެޗްއާރްސީއެމް ގެ ނެންބަރުންނަކީ ސީޔާސީ ބައިގަންޑެއް އެމީހުންނަކަށް ނޭގެ ވާނުވާވެސް، މިވަރުގެ ބަޔަކު ފުލުހުންގެ އަގުވައްޓާލަން ވެގެން ކުރާކަމެއް މީއީ ހަގީގަތް ރައްޔަތުންނަށް އެންގޭ ނަމަވެސް އަހަރެމެން ދިވެހިންގެ 80% މީހުްނނަކީ ބޮޑުވަރިހަމައިގައި ތިބޭމީހުން ތިމާގެ ދަރި، ބަފާ، މައިމީހާ، ފިރިމީހާ، ނުވަތަ އަންބި މީހާއަށް ކަމެއް ދިމާވީމާ ތެލީގަންނާނީ އޭރު އޮންނާނީ ވަގުތު ފާއިތުވެފައި!

    6
    1
  4. ވިސްނާ

    ހިޔާގައިތިބޭކުދިންނަކީ ކީއްވެގެން އެތަނަށް ގެންނަ ކުދިންނެތްކަން ފުލުހުންނަށް އެނގިލައްވާނެ ނަމަވެސް އެ ނިކަމެތިކުދިންނަށް އޯގާތެރިކަމެއްނެތި ލާއިންސާނީ
    ޢަމަލުކުރުމަކީ ވަރަށްދެރަ ހިތާމަހުރިކަމެއް ވީމާ، ކަންކަންރަގަޅުކުރައްވަން ފުލުހުންތިބިނަމަވެސް އެބޭފުޅުންނަށް އިތުބާރުކުރާނީ ކިހިނެތް އެއީ މިފަދަނިކަމެތި
    ހާލުގައިތިބި ކުދިންނާމެދު ލާއިންސާނީކޮށް ޢމަލުކުރާއިރު އެނޫން ފަރާތްތަކާމެދު ފުލުހުން ޢަމަލުކުރާނެގޮތް .......... މަގޭދަރިއަކު އެތާގަވާނަމަ ލާއިންސާނީކޮށް ޢަމަލުކުރި ފުލުހުންނާމެދު ދަޢުވާކޮށް ބަދަލުހޯދަން މަސައްކަތްކުރާނަން