ރާއްޖޭގައި ދަޑުވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމަށް އެގްރޯ ޓޫރިޒަމް މުހިންމު ކަމަށް ދަޑުވެރިކަމާއި ބެހޭ މިނިސްޓަރު ޑރ. ހުސައިން ރަޝީދް ހަސަން ވިދާޅުވެއްޖެއެވެ.

ޑރ. ހުސައިން މިގޮތަށް ވިދާޅުވީ ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގައި މިއަދު އެގްރޯ ޓޫރިޒަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެގްރިކަލްޗާ ސިނާއަށް އިތުރަށް ތަރައްގީކޮށް ފުޅާ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެގްރޯ ޓޫރިޒަމަކީ ދަޑުވެރިކަމުގެ ދާއިރާ ތަރައްގީ ކުރަން އިހްތިޔާރު ކުރެވިދާނެ ޕްރޮޑަކްޓެއް ކަމަށް ވިދާޅުވި މިނިސްޓަރ ވިދާޅުވިއެވެ.

އެގްރޯ ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާ ވެގެންދާނެ ކަން ފާހަގަކުރަމުން މިނިސްޓްރު ވިދާޅުވީ އޭރުން ދަނޑުވެރިކަމުގެ ދާއިރާއިން އިތުރު ވަޒީފާތައް ވެސް އުފެއްދޭނެ ކަމަށެވެ. ހާއްސަ ޒުވާނުން ދަޑުވެރިމަގެ ދާއިރާއަށް ވަށްދަން އެގްރޯ ޓޫރިޒަމް މުހިންމު ކަމަށް ވިދާޅުވި އެވެ.

"ގާނޫނުތައް މިހާރު ހުރި ގޮތުން އެގްރޯ ޓޫރިޒަމް ތައާރަފުކުރުމަށް ދަތިތަކެއް އެބަހުރި. އެ މަސައްކަތް ރާއްޖޭގައި ފަށަން ބޭނުންވާނަމަ އެ ގަވާއިދުތައް ބަދަލުކުރަން ޖެހޭނެ." މިނިސްޓަރު ޑރ. ހުސައިން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެގްރޯ ޓޫރިޒަމް ތައާރަފް ކުރުމަށް އޯވަނައިޓް ސްޓޭ އަދި ކޮންޓްރެކްޓް ބޭސްޑް ސްޓޭ ހުއްދަކުރާ ގޮތަށް ދަނޑުވެރިކަމަށް ދޫކުރެވިފައިވާ ރަށްތައް ޓޫރިސްޓުންނަށް އާދެވޭގޮތަށް ދިގު މުއްދަތަށް ދޫކުރެވޭނެ ގޮތަށް ގަވައިދުތައް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ދުނިޔޭގެ ޓޫރިޒަމް ދާއިރާގެ އިސް ގިނަ ފަރާތްތަކަކާއެކު ކްރޮސްރޯޑް މޯލްޑިވްސް އާއި ޕެރެޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ކުރިއަށްގެންދާ ޔޫއެންޑަބުލިޔުޓީއޯ ގްލޯބަލް ސަމިޓް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.

އެ ސަމިޓްގައި ޔޫއެންޓަބްލިއުޓީއޯގެ އިސްބޭފުޅުންނާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެތެރޭގައި ހިމެނޭ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ޕެސިފިކް ޓޫރިޒަމް އޮގަރނައިޒޭޝަން (އެސްޕީޓީއޯ) އަދި އެއަރޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް އޭޝިއާ ޕެސިފިކް (އޭސީއައި)ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި ޔޫއެންޑަބްލިއުޓީއޯއާ ގުޅިގެން އެ ސަމިޓު ބޭއްވީ ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބިލް ފާހަގަ ކުރުމުގެ ގޮތުންނެވެ.