ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތަކުގައި ސަރުކާރުން އަންގާ ގޮތަށް އެމްޑީޕީން ނެރޭ ވިޕްލައިނާ ހިލާފަށް ވޯޓު ދިނުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު އެއްބަސްވި ޕާޓީގެ މަޖިލިސް މެންބަރުންގެ ލިސްޓަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު (ޗެކްމާކް ރަޝީދު) ނަން އިތުރުކޮށްފިއެވެ.

އެމްޑީޕީގެ ވިޕްލައިނާއި ހިލާފުވާނެކަން އިއުލާންކޮށް ނަޝީދު ހިމެނޭ ގޮތަށް 19 މެންބަރަކު އެ ލިސްޓުގައި ފުރަތަމަ ނޯޓު ކުރި އެވެ. ރަޝީދު އިއްޔެ ލިސްޓްގައި ނަން ނޯޓް ކުރުމުން އެ ލިސްޓު މިހާރު ވަނީ 20 އަށް އަރާފަ އެވެ.

މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބަވައެވެ. ނަމަވެސް 20 މެންބަރަކު ވިޕްލައިނާއި ހިލާފު ވާނެކަން އިއުލާން ކުރުމުން މިހާރު "ސަރުކާރުން އަންގާ ގޮތަށް" ވޯޓް ދޭން ތިއްބެވީ 45 މެންބަރުންނެވެ.

އެމްޑީޕީގެ މެންބަރުންގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ތިން މެންބަރުންނާއި އަދި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި އެމްއެންޕީގެ ތިން މެންބަރުންނަކީ އާއްމުކޮށް ސަރުކާރުން ބޭނުންވާ ގޮތައް ވޯޓް ދެއްވާ މެންބަރުންނެވެ. އެހެންކަމުން ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުގެ ފުރުސަތެއް އަދިވެސް ނެތެވެ. ނަމަވެސް ގާނޫނު އަސާސީ އަށް ބަދަލު ގެނައުމާއި ފަނޑިޔާރުން މަގާމުން ދުރުކުރުމަށް ބޭނުންވާ 58 ވޯޓް ހަމަކުރަން ސަރުކާރަށް ދަތިވުން އެކަށީގެންވެއެވެ.

ނަޝީދަށް ބައިއަތު ހިފި މެންބަރުންނާއި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުންނާއިއެކު ސަރުކާރުގެ ނިންމުންތަކާއި ދެކޮޅު ހަދާނެ މެންބަރުންގެ ޖުމްލަ އަދަދު މިހާރު 29 އަށް އަރައެވެ.

އެމްޑީޕީގެ ވިޕްލައިނާއި ހިލާފުވާ މެންބަރުންނާއި މެދު ފިޔަވަޅު އަޅަން އެޕާޓީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙްމަދު

    މީނާ ކޮންތާކު ހިރެފައިތޯ މިއައީ! އަދި ކިރިޔާތޯ ކަމެއްހިނގާކަން އެނގުނީ!

  2. ސސ

    ހައްތާވެސް ސިޔާސީ މީހުންނޭ މިކިޔާ މީހުންނަކީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން ! މުޅިންވެސް އެއްބަޔެއް މިމީހުންނަކީ ރައްޔިތުންނަށް ހީވެދާނެ މިއުޅެނީ ދެބަޔެއްހެންވެސް މީހަމަ މުޅިންވެސް އެއްބަޔެއް ދަޑުގައި ކުޅުނަސް ބެންޗުގައި ތިއްބަސް !

  3. ހަނީ

    އަދި ސަރުކާރަށް އެދިކޮޅަށް ގިނަމެންބަރުން ނު. ނުކުރާނެއެވެ މިސަރުކާރު ބަލިކަސިކުރަވާދޭ އާމިން

  4. Anonymous

    ހުރިހާ ކޮރަޕްޓް މީހުން އަންނިގެ މާލޭ ކުލޭންއާ ގުޅޭނެ

    3
    2