މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އަހްމަދު ސަމީރު އަވަހާރަކޮށްލަން ޖެހޭ ކަމަށް ބުނެ މީސް މީޑިއާގައި އިއްޔެ މީހަކު އިންޒާރުދިންތާ 24 ގަޑިއިރު ވެގެން ދިޔައިރު ވެސް އެކަމާއި ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ދޭން ފުލުހުން ދެކޮޅު ހަދައިފިއެވެ.

ޝައިހް ސަމީރަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ބަލަމުން ގެންދޭތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ފުލުހުން އެއްވެސް ޖަވާބެއް ނުދެއްވައެވެ.

ޝައިހް ސަމީރަށް އިއްޔެ ހެނދުނު މަރުގެ އިންޒާރުދީފައި ވަނިކޮށް ރޭ އިތުރު މީހަކު ވަނީ ޝައިހް ސަމީރު ދަންޖައްސަންވީ ކަމަށް ބުނެ މީސް މީޑިއާގައި އިންޒާރުދީފައެވެ.

އަދި އޭގެ ފަހުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމް ވެސް ވަނީ ޝައިހް ސަމީރަކީ މުސީބާތެއް ކަމަށް ބުނެފައެވެ.

މިއިން އެއްވެސް މައްސަލައަކާއި ގުޅޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ނަމަވެސް މީގެ ކުރިން މީހުންނަށް މަރުގެ އިންޒާރުދިން މައްސލަަތަކުގައި ފުލުހުން ވަނީ އަވަހަށް ފިޔަވަޅު އަޅާފައެވެ. އެގޮތުން އެމްޑީއެން ޖަމިއްޔާގެ އިސް މެންބަރު ކަމަށްވާ ޝަހިންދާ އިސްމާއީލް މަރަން ފަހެއް ނުޖެހޭނެ ކަމަށް ބުނެ ލިޔުމެއް ލިޔެފައިވާ ފޮޓޯއެއް ޝެއާކުރި ޒުވާނަކު 2019 ވަނަ އަހަރު ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓިއެވެ. އޭނާގެ މައްޗަށް މިހާރު ވަނީ ދައުވާ ވެސް އުފުލާފައެވެ. އެމައްސަލައިގެ ޝަރީއަތް މިހާރު ކުރިއަށް އެބަދެއެވެ.

މީހަކަށް މަރުގެ އިންޒާރު ދިނުމަކީ ގާނޫނުތައް ބުނާ ގޮތުން ކުށެކެވެ. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގައި ބުނެފައި ވަނީ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ އާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުން ނުވަތަ އިންޒާރުދިނުމަކީ ކުށެއް ކަމަށެވެ. އެއީ ހަމަސް ދުވަހާއި 18 މަސް ދުވަހާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އަހްމަދު ސަމީރު އަވަހާރަކޮށްލަން ޖެހޭ ކަމަށް ބުނެ މީސް މީޑިއާގައި އޭނާއަށް އިންޒާރު ދެމުން ގެންދަނީ ޔޯގާ ކުރިއަށް ގެންދިއުމަކީ ހަރާމްކަމެއް ކަމަށް އޭނާ ވިދާޅުވެފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މީހާ

    އިސްލާމްދީން ހަލާއްކު ކުރަން އުޅޭ ކޮންމެ މީހަކު ދިފާއު ކުރާނެ މި ބައިގަނޑު... ޢިސްލާމްދީން ހިމާޔަތް ކުރަންއުޅޭ މީހަކައް ކޮންމެ ގޮތެއްހެދިޔަސް ވަރިހަމަ ވެފަ އޮންނަނީ..
    ޢެކަމު މިމީހުންނަށް ނޭނގެނީ މާތްﷲ އިސްލާމްދީން ހިމާޔަތް ކުރައްވާނެކަން އެންމެ ފަހުވަގުތާ ހަމައަށް ވެސް.

  2. ޖާބެ

    ޢިމްރާނުގެ އޯޑަރައް އެއީ އަލްމަރްހޫމް ޑރ. ޢަފްރާޝީމް އަލިގެ ހެކިވެސް އަތުގަ ހުރިކަމައް އޭނަބުނީ މިހާރުއެވެސް ހުރީ ފޮރިވައިގެން ދޮގުހެދުމާ ފިތުނަފަސާދަކުރަމަމީ މިިއީ ނުންތޯ ޖާހިލުމް ޝޭހް ކީމަ ވާނީ މެހެން ޑިގްރީ ހޯލްޑްކުރުމަކީ އަދި އެދާއިރާޔަކުން އެއްމެ މޮޅުމޯހެއް ނޫން

  3. މުއާޒު

    ޝޭހް ގެ ސަލާމަތައް ދިވެހިރައްޔިތުންގެ ތެރޭގައެބަތިބި ނިކުންނާނެ ޒުވާނުން ހާސްނުވޭ

  4. މޕ

    އިބޫ އަށް ނޫނީ އަންނިއާ ދިމާލަ ނިކަން ބުނެބަލަ ވާގޮތެއް ބަލައިލަން

    3
    1
  5. އަޙްމަދު

    މިއީ މާތްވެގެންވާ އިސްލާމްދީން މި ދިވެހިރާއްޖޭގައި އޮންނާތީ އެކަމާހެދި ލޮލަށް ނިދިނައިސް ނޭވާނުލެވި މަރަށް ތެޅިފޮޅޭ ބަޔަކު އަޑީގައިތިބެގެން ކުރުވާކަމެއް. މާތްاللّٰه‎ އިސްލާމްދީން ނެތިކޮށްލުމަށް ރާވާހިންގާ މިފަދަ ކަންތަށް ނާކާމިޔާބުކުރައްވައި އެމަސައްކަތްތައް ކުރާ ފަރާތްތަށް ފަލީހަތް ކުރައްވާ ބަލިކުރައްވާށި أمين..

  6. ޢާދަނުބެ

    ޕޮލިހުންނަށް ކިހިނެތްހޭ މިނިވަންކަމާއެކީ މަސަތްކަތް ކުރެވޭނީ ޕޮލިހުންގެ ބޮޑަކަށް ސީޕީ އަކަށްހުންނަނީ ޕާޓީ މީހެތް ޕާޓީން އަންގާގޮތަކަށް ފުލުހުން ކަންކަން ކުރަންޖެހޭނީ ފުލުހުން މިނިވަންކަމައެކީ މަސަތްކަތް ކުރަން ބޭނުންނަމަ ޕާޓީ ނޫން ސީޕީއަކު މިނިވަން މީހަކު ސީޕީއަކަށްލާން އެބަ ޖެހޭ