ސްރީ ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖްޕަކްސަ ރާއްޖޭގައި ހުންނެވި މަދު ވަގުތުކޮޅުގެ ތެރޭގައި އެމަނިކުފާނަށް އެހީތެރިވެފައި ނުވާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފިއެވެ.

ސިއްރިއްޔާތުގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ވަޑައިގެންނެވި ލަންކާގެ ރައީސް ސައުދީ އެއާލައިންސްގެ މަތިންދާ ބޯޓެއްގައި ސިންގަޕޫރަށް މިއަދު ވަނީ ފުރާވަޑައިގެންފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ގޮތަބަޔާ ރާއްޖެ އިން ފުރާވަޑައިގަތީ އިންޑިއާ އިން ގެނައި ޖެޓެއްގައެވެ. އެއީ ދިވެހި ސަރުކާރުގެ އެދުމަކަށް އިންޑިއާ ސަރުކާރުން ގެނައި ޖެޓެއް ކަމަށް ބުނެފައިވެއެވެ.

އެކަމަކު، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ އިންޑިއާ ސަރުކާރުން ގޮތަބަޔާގެ ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެހީތެރިވެފައި ނުވާނެ ކަމަށެވެ.

ގޮތަބަޔާ ގައުމު ދޫކުރައްވާ ފިއްލެވުމަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާނެ ކަމަށް ލަންކާގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ވެސް ވަނީ ބުނެފައެވެ.

ލަންކާގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކުރި ޓްވީޓެއްގައި ވަނީ، ރައީސް ގޮތަބަޔާ ރާޖްޕަކްސަ ފިއްލެވުމަށް އެގައުމުން އެހީތެރިކަން ފޯރުކޮށްދިން ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތާ ހިލާފް ވާހަކައެއް ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ގޮތަބަޔާ ފިއްލެވުމަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވުމުން ދޭހަކޮށްދެނީ އެގައުމުން އަބަދުވެސް އޮންނާނީ ލަންކާގެ ރައްޔިތުންނާ އެކުގައިކަން ކަމަށް އެ ޓްވީޓުގައި ވަނީ ބުނެފައެވެ.

ސްރީލަންކާ އަސްކަރިއްޔާގެ ފްލައިޓެއްގައި ގޮތަބަޔާ އޭނާގެ އަނބިކަނބަލުންނާއި އެކު ރޭ މެންދަމު ރާއްޖެ ވަޑައިގަތީ ފުރަތަމަ އިންޑިއާ އަށް ވެސް ވަޑައިގަންނަވަން މަސައްކަތް ކުރުމަށް ފަހުއެވެ. ނަމަވެސް ގޮތަބަޔާ ދަތުރު ކުރީ އަސްކަރީ ފްލައިޓެއްގައި ކަމުން ފްލައިޓް އިންޑިއާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ނުލިބުމުން ގޮތަބަޔާ ރާއްޖެ ވަޑައިގަތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގަތުމަށް ފުރަތަމަ ހުރަސްތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުފޫޒު ފޯރުވައިގެން ގޮތަބަޔާ ރާއްޖެ އެތެރެވެވުނީ ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުގުރާން

    ހުރިހާ ހަޑިއެއް ހާވައިފައި ކޮންތާކު މަތިއަޅަށް ތިއުޅެނީ މުޅި ދިވެހި ދައުލަތް ހިސޯރުކޮށްގެން އުޅޭކަން ނޭގޭރައްޔިތަކު ނެތް، މޮޔަވެގެން ތި އުޅުއްވަނީ

  2. ގެރިމާ

    ކޮންތާކު؟ތީ ހަމަ މިގައުމުގެ އިންޑިއާ އެޖެންޓާ ރާއްޖޭގެ އިންޑިއާ އެމްބަސީ ގުޅިގެން ހިންގި ޖަރީމާއެއް. އެއްފަރާތަކީ އޭޝިއާ މަންޑޭލް ހެދިގެން އުޅޭ މޮޔައެއް. އަނެއް ފަރާތަކީ ދުނިޔޭގެ އެންމެބޮޑު ޑިމޮކްރަސީ ހެދިގެންއުޅޭ ދުވަހަކު ތަހުޒީބުވާން ނެތް ގެރި އިންޑިއާ