އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ބުނެ މީސް މީޑިއާގައި ފަތުރަމުންދާ ޚަބަރުތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން ރޭ މެންދަމު ކުރި ޓްވީޓެއްގައި ވިދާޅުވީ އަބްދުﷲ ސައީދު އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވިފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ދައުރު ކުރަމުން ދަނީ ދޮގު މައުލޫމާތެއް ކަމަށެވެ.

ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާއި ބެހޭ މައުލޫމާތު ހުރިހާ ފަރާތްތަކަކުން ވެސް ޒިންމާދާރު ކަމާއި އެކު ފެތުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ފެބްރުއަރީ 06 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުޢީ ޙުކުމްތައް ވަކި ގޮތަކަށް ކުރުމާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތްކުރުމާއި ދަޢުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާޢީ އަދުލުގެ ނިޒާމު ހިންގުމަށް ޤަސްދުގައި ހުރަސް އެޅުމުގެ ތުހުމަތުގައެވެ.

އުއްތަމަ ފަނޑިޔާރާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންނަށް ލިބިފައިވާ ހެކިތަކަށް ބަލައި، ދައުލަތުގެ ތަހުގީގީ އިދާރާތަކުން އެ މައްސަލާގައި ގޮތެއް ކަނޑައަޅައި ޖޭއެސްސީ އަށް އަންގައި، އެ ކޮމިޝަނުން ގޮތެއް ކަނޑައަޅަންދެން އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރަން ބުރާސްފަތި ދުވަހު ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަލީ ހަމީދަށް އަދިވެސް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަކުރު ދޮންބެ

    ޝެރޯން ވެސް ކޯމާގަ 4 އަހަރު އޮތް

  2. ގުންޑާ

    އެއްމެ ދޮށީ ބޭފުޅާ އަދި ބައްޔޭއްނުވޭ! ހުންފުޅެއް އައިވާހަކަ އަޑުއެހިން!

  3. އަޙުމަދު

    މީނައަކަށް ނޭގޭތަ އަންނިއާ އަދީބު ދޫކޮށްލީމަ ވާނެ ނުރައްކަލެއް. ނާޒިމް އާ އިމްރާނު ދޫކޮށްލިނަމަވެސް