ރާއްޖޭގައި މަސައްކަތް ކުރާ ކުންފުންޏަކަށް ހިލަ ސަޕްލައިކޮށްދެމުންދާ އުޅަނދުތަކަކުން ރާއްޖޭގެ ފަރުތަކަށް ގެއްލުންދޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރާއްޖޭގެ ފަރުތަކަށް ގެއްލުން ދެމުން ދަނީ އޭއެމް އަލްޕިޓް ނަމަކަށް ކިޔާ ޓަގަކާއި އޭއެމް އާގަމް ނަމަކަށް ކިޔާ ބާޖަކުންނެވެ. މި އުޅަނދުތައް އެކި ފަހަރު މަތިން ރާއްޖޭގެ ބައެއް ސަރަހައްދުގެ ފަރުތަކަށް އަރުވާލާފައިވާކަމަށް ވެއެވެ.

އެނގިފައިވާ ގޮތުގައި މިއީ "އެމްއެމް އެކްސްޕޯޓް" ނަމަކަށް ކިޔާ ކުންފުންޏަކަށް ހިލަ ސަޕްލައިކޮށްދެމުން އަންނަ އުޅަނދުތަކެކެވެ. އެމްއެމް އެކްސްޕޯޓަކީ ރާއްޖޭގައި ވިޔަފާރި ކުރާ އިންޑިއާ ކުންފުންޏެކެވެ. އެމްޓީސީސީއަށް ވެސް އެކުންފުނިން ބޮޑު ހިލަ ސަޕްލައި ކުރެއެވެ.

"ވަގުތު"އަށް މައުލޫމާތު ލިބިފައިވާ ގޮތުގާ މިމަހުގެ 23 ވަނަ ދުވަހު މި އުޅަނދުތައް ވަނީ ކ. ވާގަލި ކައިރީގައިވާ ފަރަކަށް އަރާފައެވެ. އޭގެ ކުރިން މިދިޔަ މޭ މަހުގެ ތެރޭގައި އެ ދެ އުޅަނދު ވަނީ ރަކީދޫ ކައިރީގައި އޮންނަ ފަރަކަށް އަރާފައެވެ.

އެމްއެމް އެކްސްޕޯޓަށް ހިލަ ސަޕްލައިކޮށްދެމުން އައި "މުތާ ރޯޔަލް" ކިޔާ ޓަގު ބޯޓަކާއި "މުތާ ގްރޭސް" ކިޔާ ބާޖެއް 2015 ވަނަ އަހަރު ފުށިދިއްގަރު ފަޅަށް އަރުވާލި މައްސަލާގައި 100 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ނިންމިއެވެ.

އީޕީއޭއިން އެ ސަރަޙައްދަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ހެދި ސާވޭއިން ދައްކާގޮތުން އެފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވެއެވެ. މިސާވޭގެ މަސައްކަތް ނިންމާފައިވަނީ 18 ސެޕްޓެމްބަރު 2017 ގައެވެ. އެއަށްފަހު އެ އުޅަނދުތައް ޖޫރިމަނާ ކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙިމް ނައީމް ވިދާޅުވީ، ޖޫރިމަނާކޮށްފައި ވީނަމަވެސް އެ ފައިސާ އީޕީއޭއަށް ދައްކާފައި ނުވާކަމަށެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ ދެން އެ ފައިސާ ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅައެވެ. ނައީމް ވިދާޅުވީ، ފުށިދިއްގަރު ފަޅަށް ލިބުނު ގެއްލުމުގެ ބަދަލު ކޯޓު މަރުހަލާ މެދުވެރިކޮށް ހޯދުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ތަކުރާރުކޮށް ރާއްޖޭގެ ފަރުތަކަށް ގެއްލުންދެމުންދާ އުޅަނދުތަކުގެ މައްސަލަ އާއި ގުޅިގެން ނައީމް ވިދާޅުވީ، އެކަންކަން ބަލާ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ނަމަވެސް މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހަންމަދު

    ސިމްޕްލީ ޓޫ ސްލޯ!

    13
    1
  2. އަހުމަދު

    ހަތަރު އަހަރު ވީއިރުވެސް ޖޫރިމަނާ ނުދެއްކިއިރު އަދި ކިރިޔާ ކޯޓަށްގޮސް ހޯދަން ތައްޔާރުވަނީ. މީގެ އެއްއަހަރު ފަހުން ތިސުވާލުކުރިއަސްބުނާނެ ކޯޓަށްދާން ތައްޔާރުވަނިއްޔޭ. އާދައިގެ ނިކަމެއްޗަކު ގޮނޑުދޮށުން ދަތްއުނގުޅަންވެލިކޮޅެއްނެގިޔަށް ޖޫރިމާނާކުރާނެ. މިކަހަލަ ބޮޑެތި (އިންޑިޔާ) ކުންފުނިތަކުން ހެޔޮ ރަށްތަށްކެޔަސް އެއްކަމެއްވެސް ނުކުރަވޭ

    28
    1
  3. ހަމަ ގަސްތުގަތަ އެމީހުން ފަރަށް އަރުވާލަނީ…ނޫނީ ފަރުތަކަށް ގެއްލުންދޭންވެގެން އައިސްއުޅޭބައެއްތަ އެއީ…

    18
    1
  4. ޢަހަންމަަ

    އިންޑިޔާ ބޯޓެއްތަ ދެން އަޅާ ނުލާ އޯކޭވާނެ

    12
  5. ދަރަނި ދަންތުރަ

    ޖޫރިމަނާ ފައިސާ ނުދައްކާ ރާއްޖޭގައި އެމީހުން ވިޔަފާރި ކުރިޔަނުދީ ، އެމް ޓީ ސީ ސީ އާއެކީ އެމީހުން ތިޔަކުރާ ވިޔަފާރި ހުއްޓުވާ ، ކޮބާ މީރާ ނިކަމެތި މީހާ ހަންދަމާލާ ، އިންޑިޔާ ބައެއްވީމަ ގޮތެއް ހަދާނުލެވެނީދޯ

  6. ހުސޭނުބޭ

    ވެރިކަމުގައި ހުރީ އެމީހުންގެ ސާހަބު ގެންގުޅޭ އަޅުކުއްޖެއް. އެއްވެސް ފިޔަވަޅެއް ނޭޅޭނެ.