ނ.ލަންދޫގައި ސައިޓް މިއުޒިއަމެއް އިމާރާތް ކުރަން ނިންމައިފިއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ނ.ލަންދޫ ސައިޓް މިއުޒިއަމް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލާ ކަމަށް އިއުލާނުގައި ވެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ) އޮންނާނީ އޮގަސްޓް 11 ވަނަ ދުވަހު އެވެ. ބިޑް ހުށަހެޅުން އޮންނާނީ އޮގަސްޓް 21 ވަނަ ދުވަހު އެވެ.

މަޝްރޫއު އާއި ގުޅޭ މައުލޫމާތު ސާފުކުރުމުގެ ސެޝަނާއި ބިޑް ހުށަހެޅުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު އިމާރާތް) އަދި ނ.ލަންދޫ ކައުންސިލްގެ އިދާރާގައި ވެސް އޮންނާނެއެވެ.

މިއީ އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ކުރިން ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.

ނ.ލަންދޫ "މާބަދިގެ" ނުވަތަ "މާބުދުގެ" ނުވަތަ ކުރީގައި ކިޔާ އުޅުން ގޮތުންނަމަ "ހަތްކަ" ނުވަތަ "ހައިކަ" ހުންނަ ސަރަހައްދަކީ ތާރީހީ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ސަރަހައްދެކެވެ. "މާބަދިގެ ހަތްކެއި ހައިތަ" އޭވެސް ކިޔައި އުޅޭ އެ ތަނުން ދިވެހިންގެ ދިގު ތާރީހު ފެނިގެންދެއެވެ. ރާއްޖޭގެ އެންމެ ގަދީމީ އެއް ބިނާ އެ ސަރަހައްދުގައި ހުރިއިރު، ރާއްޖޭގެ އެންމެ ދުވަސްވީ ލިޔުންވެސް ފެނިގެންދިޔައީ އެ ސަރަހައްދުންނެވެ.

އެ ސަރަހައްދުގައި ސައިޓް މިއުޒިއަމެއް އެޅުމަށް ނިންމި ނަމަވެސް ލަންދޫ ފެނުނު ހުރިހާ ތާރީޚީ އާސާރުތައް ހުރީ މާލޭ ދާރުލްއާސާރުގައެވެ.