ތިލަމާލެ ބްރިޖު މަސައްކަތަށް ކަނޑުއޮޅި ބަންދު ކުރިޔަސް ވިލިމާލޭ ފެރީ ދަތުރުތަކަށް ބަދަލެއް ނާންނާނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ވިލިމާލޭ ފެރީ ހިދުމަތަކީ ކޮންމެ ދުވަހަކު އެތައް ސަތޭކަ ރައްޔިތުންނެއް ބޭނުން ކުރާ ހިދުމަތެކެވެ. މި ހިދުމަތް ގަޑިއިރަކަށް މެދުކެނޑުނު ނަމަވެސް އެތައް ސަތޭކަ ރައްޔިތުންނެއް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭނެއެވެ.

އެކަމާ ގުޅިގެން މްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީޑިއާގައި ވިދާޅުވީ މިހާރެކޭ އެއްގޮތަށް ވިލިމާލޭ ފެރީ ދަތުރުތައް ޝެޑިއުލާއި އެއްގޮތަށް ކުރިޔަށް ދާނެ ކަމަށެވެ. އަދި ދަތުރުތަކަށް ބަދަލެއް ގެންނަން އަދި ނިންމާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވީ މާލެ - ތިލަފުށި ލިންކްގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅީގައި ބުރިޖު އެޅުމުގެ މަސައްކަތްތައް ފެށުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މި މަސައްކަތްތައް ކުރިއަށް ދާ ވަގުތުތަކުގައި މި ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށްނުވާތީ މާލެއާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅި މިއަދުން ފެށިގެން ބަންދުކޮށްފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަރުރުކުރާ އުޅަނދުފަހަރަށް، މާލެއާއި ހުޅުމާލެއާއި ދެމެދު ގާއިމްކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

މާލެ އިން ފެށިގެން ތިލަފުއްޓާއި ހަމައަށް ހުޅުވާލާ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަކުރަން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދީފައިވެއެވެ.