ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އެއްގަހަކުން ފަޅާފައިވާ ދެނިރު ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރުން އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޠާރިގު މިހެން ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާއިމެދު ރައީސް ސޯލިހާއި ނަޝީދާއި ދެމެދު ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ޠާރިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ރައީސް ސޯލިހާއި ނަޝީދު ކުރައްވާ ކަމަކީ ރައްޔިތުންނަށްވީ ވައުދުތައް ނުފުއްދުނީމައި، ނިޒާމޭކިޔާފައި ރައްޔިތުން ގުނބޯ ހެއްލުން ކަމަށެވެ.

ޠާރިގު ވަނީ ނޫ އިޤްތިސާދު ވީތަނެއް އެނގިލައްވާތޯ ސުވާލު ކުރައްވާފައެވެ.

ނޫ އިޤުތިޞާދަކީ ރައީސް ސޯލިހްގެ ވެރިކަމުގެ ފަސް އަހަރު އިޤުތިޞާދީ ގޮތުން ގެންނާނެ ކަމަށް އެމްޑީޕީން ވައުދުވި ކަންތައްތައް ހިމަނާފައިވާ މެނިފެސްޓޯއަށް ދީފައިވާ ނަމެކެވެ. އެމްޑީޕީގެ ނޫ އިޤުތިޞާދުގައި އެންމެ މުހިއްމު އެއްކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމެވެ. އަދި އަވައްޓެރި ގައުމުތަކަށް ސީދާ މަސްވެރިންނަށް މަސް ވިއްކޭނެ ގޮތް ހެދުމާއި މަސްވެރިންނަށް ޕްލެޓް ފޯމްތަކެއް ކަނޑުގައި ގާއިމު ކުރުމާއި ގޭދޮށު މަސް ފެކްޓްރީތައް ހެދުމަކީ އެމްޑީޕީގެ ވައުދެކެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އަދި މިހާތަނަށް ކުރެވިފައެއް ނުވެއެވެ.

ރައީސް ސޯލިހާއި ނަޝީދާއި ދެމެދު އަނެއްކާވެސް ހިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު އެމްޑީޕީގެ ގައުމީ މަޖިލިސް އަންނަ ހުކުރު ދުވަހު ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މީ ހަމަ އެއް ގަލަކުން ފެހިކާ 2 ރޮނޑު ފެންނަހެން ފެންނަނީ. އެތެރޭގައި ތިބޭ އެއްޗެއް ނުފެންނާނެ.

  2. އިލި

    ޓޮމް އެހެންބުނެގެން އަހަރެމެން ހައިރާންނުވޭ ޓޮމް އަކީ މިހާރު އދ އަތޮޅުގާ ހުރި އެންމެ މުއްސަދި މީހާ ޔާމީންވެރިކަމުގާ 5 އަހަރުން މަހުޖަނަކައްވީ ސަބަބު ބަޔާން ކޮއްދީބަލަ

    1
    7
  3. ކޭތަ

    އެދެރޮނޑު އެއްގަލަކުން ފެހިކައިގެން ނޫއިގުތިސާދު ފުނޑާލައިފި އަދިގައުމަށްލިބުނުބޭރުގެ އެހީތަކަށްވީނުވީއެއް އަދިވެސްއެނގިފަކާނުވޭ ގައުމު ދަރުވާލާފަ އަދިވެސް ރިބަންކަނޑަން 5 އަހަރު ނިމޭ އިރުވެސް ފޮނިކަނޑަންތިބޭ ގައުމު ދަރުވާލި ދެހާއިނުން .