ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ ރިޔާސީ ނިޒާމެއް އޮވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމުގެ ބަދަލުގައި ރިޔާސީ ނިޒާމެއް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީގެ ލީޑަރު ގާސިމް މި ވިދާޅުވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަން ވެސް ކުރައްވާ މުހައްމަދު ނަޝީދު، ބަރުލަމާނީ ނިޒާމަށް ތާއީދު ހޯއްދަވަން ކުރައްވާ މަސައްކަތް ކުރިއަށް ވުރެ ބޮޑަށް ހަލުވި ކުރައްވާފައި ވަނިކޮށެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރުމާ ގުޅޭ ގަރާރެއް ނަޝީދު ވަނީ އަންނަ ހުކުރު ދުވަހުގައި އޮންނަ އެމްޑީޕީ ކޮންގްރެސް އަށް ހުށަހަޅުއްވައިފައެވެ. އެ ގަރާރާ މެދުގައި ކޮންގްރެސްގައި ގޮތެއް ނިންމާނެއެވެ.

ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ ރިޔާސީ ނިޒާމެއް އޮވެގެން ކަމަށެވެ. ރައީސާއި، މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަގާމުތައް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"ބަރުލަމާނީގައި ގައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިޚާބު ކުރާ ފަރާތެއް ނޫނެވެ." ރާއްޖޭގެ މަޝްހޫރު، އަދި އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ނަޝީދު އިސްވެ މަސައްކަތް ފެއްޓެވި ނަމަވެސް، އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ތާއީދު ނުކުރައްވައެވެ.

އަދި އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށެވެ.

އެކަމާ ގުޅޭ ގޮތުން "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ މިއީ ބަރުލަމާނީ ނިޒާމް ގެންނަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށާއި ގައުމުގެ މައްސަލަތައް ހައްލު ކުރުން މާ މުހިންމު ކަމަށެވެ. ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ވެރިއަކު އެކުލަވައިލެވޭ ސަރުކާރެއް އޮތުމަކީ މިދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަޙުމަދު

    މިއީ 100% އިން ސައްތަ އެމްޑީޕީ އަށް ވެރިކަން ލިބޭނެ ފަހަރެއް، ސަބަބުތައް ވަރަށް ގިނަ އެއީ ، ގާސިމް ، ނާޒިމް ، ސިޔާމް، ކުރިމަތިލަނީ ވަކިން ކަން އެވަނީ އިޢުލާން ކޮށްފައި، އެހެންކަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހުރެފައި ނައިބު ރައީސް ވެސް ޕާޓީ ތެރެއިން މީހަކު ނެގޭނެ، މިހާލަތުގައި ފުރަތަަމަ ބުރުން ކާމިޔާބު ނުވެ ދެވަނަ ބުރަކަށް ދާންޖެހިއްޖެ ނަމަ އެއްޕާޓީ އަކަށް އޮންނަނީ އެމްޑީޕީ، ރައީސް ޔާމީން އަށް ރިޔާސީ ރޭހުގައި ވާދަކުރެވިއްޖެ ނަމަ ދެވަނަ ބުރުގައި ވާދަކުރަން އެމްޑީޕީއަށް ޖެހޭނީ އެޕާޓީ އާއި، ސިޔާސީ ފިތުނަވެރިކަން ކަމާއި އަމިއްލަ އެދުމަށް ތަބާވާ ސިޔާސީ ފަރާތްތަަކަށް ބަލާއިރު ، ގާސިމާއި، ނާޒިމް ،މާމޫނު، އިމަރާނު، އުމަރު، އަކީ ޔާމީން އާއި ޒާތީ ރުޅިވެރިކަން އޮތް ބަޔަކަށް ވާތީވެ އެފަރާތްތަކުގެ ތާއީދު ޕީޕީއެމަށް ލިބުން ވަރަށް ދުރު( މިހެން ލިޔުނަސް ސިޔާސަތު ކޮންމެ ގޮތަކަށް ވެސް ބަދަލު ވެދާނެ) ވީމާ މިފަރަތްތަކުގެ ކުރިމަތީގައި އޮންނާނީ އެމްޑީޕީ ، ވީމާ މިފަރާތްތަކަށް ސަރުކާރުގައި ބައިވެރި ނުކުރިއަސް ތާއީދު ކުރުން ނޫންގޮތެއް ނޯންނާނެ ، ނަމަވެސް މިކަން ވާނީ ރައީސް ނަޝީދު ރައީސް ޞޯލިހަށް ތާއީދު ކޮށްގެން އޭރުން ފަސޭހަކަމާއިއެކު އެންތިޚާބު އެމްޑީޕީ ކާމިޔާބު ކުރާނެ.

    1
    5
  2. ޓެކްސް

    ރަނގަޅު ގޮތް:
    ފެންވަރެއް ނެތަސް އަނބިގޮއްޔަށް މަގާމު ހޯދާދީ، ފަސޭހައިން ރިސޯަޓުތަކުގެ ބިމު ކުލި ކުޑަ ކުރެވޭނީ ރިޔާސީ ނިޒާމުގައި.. ބަރުލަމާނީގައި އެކަންކަމަށް މަޖްލިހުގައި ބަހުސްކޮއް އެކަން ނިންމޭނީ ޕޮރޮސެސްއެއްގެ ތެރެއިން.. އެހެންވީމަ ތިހެނޭ ކިޔާނީ ދެން

  3. ތައްޔިބް

    ރައްޔިތުން ނެއް ނޫން.. މަހުޖަނު ސޭޓުންގެ އަތުގައި އޮތް ބާރު ދެމެހެއްޓޭނީ ރިޔާސީ ނިޒާމު އޮވެގެން:

  4. ޚަލީލު

    ބަރުލަމާނީ ނިޒާމް އޮވެއްޖިއްޔާ ގާސިމްގެ އަންހެނުންނަށް މިނިސްޓަރުކަން ނުލިބިދާނެތީ (މަޖިލީހަށް ނުހޮވިދާނެތީ) އޭނާއަށް އެ ނިޒާމު ކަމުނުދަނީ.

  5. Anonymous

    ބޭނުމީ ބަރުލަމާނީ. އޭ އެއްމެ ފައިދާ ހުރިގޮތަކީ މިރާއްޖެއަށް ތާއިީދު ނަޝީދަށް.

  6. އަލީ

    ރައްޔިތުންގެ އަތުގައި އޮތީ ކޮންބާރެއް ، ވެރިކަމުގެ ބާރެއް އޮވޭތަ ރައްޔިތުންގެ އަތުގައި

    6
    1
  7. ލަންކާގަ އުޅޭ ސަމާ

    ތި ތިން މީހުން އިށީނދެ ތިބި ގޮތުން ވެސް އިނގެން ވެއްޖެ އެއްނު ގާސިމް ވ ތަފާތުކަން...ލޮޓްސް އޮފް ވާހަކަ މީ ދެން!!

  8. ބޭރި

    ގާސިމަށް އޮތީ ހަމައެގޮތް އެއީ ސިޔާ ސީ ކައިގެން އިނުން އެނޫންގޮތެއް އޭނަޔަކަށްނެތް .