ދިވެހި ފުލުހުންގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ ތެރެއަށް ވަޅިއެއް ހިފައިގެން ވަތް މީހަކު، ހަ މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މަގުބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރެއް އާންމު ތަނެއްގައި ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ކ. މާލެ، މ. ލަވްނެސްޓު އިބްރާހީމް ނާޝިދުގެ މައްޗަށެވެ.

އޭނާ ވަނީ ކުށަށް އިއުތިރާފުވެ، އިއުތިރާފު ދަމަހައްޓާފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ރޭގަނޑު 9 ޖަހާކަންހާއިރު ފުލުހުންގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ ތެރެއަށް އޭނާ ވަތް އިރު އަތުގައި ތިލައިގައި 5 އިންޗި ހުންނަ ވަރުގެ ވަޅިއެއް އޮތް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ކޯޓަށް ހާޒިރުކުރުމުން ނާޝިދު ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އެކަމަކު، އޭނާއަކީ ނަފްސާނީ ބައްޔަށް ބޭސް ކުރާ މީހެއް ކަމަށާއި ވަޅި ގެންގުޅުނީ އަމިއްލަ ނަފްސަށް އަނިޔާ ކުރުމަށް ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައެވެ. އެއީ، ނާޝިދުގެ ފަރާތުން އެކަމަށް އެދިފައިވާތީ އާއި އަދި ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ފަރާތުން ކުށަށް އިއުތިރާފު ވެފައިވާތީއެވެ.

އެހެންވެ، މި މައްސަލައިގާ ކްރިމިނަލް ކޯޓުން ވަނީ އޭނާ ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަސްތަކުނޫން

    މިސަރުކާރުގެ އެއްމެ ބޮޑު މަގުސަދަކަށް ވާނީ މިޤައުމުގާ އުޅޭ ނޫނީ ދިރިއުޅެމުން އަންނަ އެއްމެހައި ކުއްތަ ކުރުމަށް ވިސްނުންގެންގުޅޭ މީހުން ހޯދާ އެބަޔަކު ބޭނުވާ ރޮގަކުން މަގުފަހި ކޮއްދިނުމަކީ ކިބުލުގެވެރިކަން ދަމަހައްޓަން ވީ ވައުދެއް.. ވީމާ ތިބޭނީ ހުސް ބޮލަށް ބޭސްކުރަން ޖެހޭ މޮޔަ އާލާތުން.