ބަރުލަމާނީ ނިޒާމަށް ތާއިދެއް ނެތް ކަން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްވެސް ހާމަކުރައްވައިފިއެވެ.

ބަރުލަމާނީ ނިޒާމުގެ ބަދަލުގައި ރިޔާސީ ނިޒާމަށް ތާއިދުކުރައްވާ ކަން މަހުލޫފް ހާމަކުރެއްވީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރަން ރަައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައި ވަނިކޮށެެވެ.

ކޮންގްރެސްއަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި އިސްލާހަށް އަނބުރާ ގެންދަން ވަނީ އިލްތިމާސްކޮށްފައެވެ.

މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ރިޔާސީ ނިޒާމާމެދު ގެންގުޅުއްވާ ވިސްނުންފުޅަށް ތާއީދުކުރައްވާ ކަމަށެވެ.

"މިވަގުތާއި ހާލަތަށް ބަލާއިރު، އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ނިޒާމެއްގައި ކުރިއަށް ދިއުން ކަމުގައިދެކެން." މަހުލޫފްގެ ޓުވީޓުގައި ވެއެވެ.

ބަރުލަމާނީ ނިޒާމަށް ތާއިދެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް އަދި އެމްއެންޕީއިން ވެސް ވަނީ ހާމަކޮށްފައެވެ.

ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް ނިޒާމާ ބެޙޭ މައްސަލަ ހުށަހެޅުމަށް ނަޝީދު ނިންމަވާ އެއަށް ތާއީދު ހޯދުމުގެ މަސައްކަތް ވެސް ވަނީ ފައްޓަވާފައެވެ.

އެމްޑީޕީ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދި، ޕާޓީ ދެކަފިވެފައިވަނީ ވެސް ނިޒާމާ ބެހޭ މައްސަލައިގައެވެ.

ބަރުލަމާނީއެއް ގެނައުމަށް ނަޝީދު ކުރައްވާ މަސައްކަތްތަކަށް ރައީސް ސޯލިހް އިޖާބަނުދެއްވާތީ ނަޝީދު ގެންދަވަނީ ނުރުހުން ފާޅުކޮށް، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަވާސާ ހާދިސާ

    މަހުލޫފުއެއީކާކު ނިޒާމަށް ބަސްކިޔަން! އަބަދުވެސް ބުއްފުޅިދޭންޖެހޭނީ!

  2. ޑައެލޯގް

    މަހްލޫފް ތާއިދުކުރާނީ ފައިސާއޮވެ ރީލޯޑްކުރެވޭ ކޮޅަކަށެވެ.

  3. ގެމަނަ

    ގަދަފައި ވިއްދައިގެން ވަޒީފާގަ ހުރި މީހެއް އަދި ބުންޏެއްނު މަށަށް ފިޔަވަޅު އަޅަންޏާ ހުރިހާކަމެއް ލީކުކުރާނަމޭ ހެހެހެ.

  4. ނާއިލު

    މަހުލޫފު ތީކާކު މާމަތީ މީހެއްކަމަށް ހަދައިގެން ތިއުޅެނީ.