ސައުދީ ޑިވަލޮޕްމަންޓުގެ ލޯނު އެހީގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާ އައިސް ޕްލާންޓްތައް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ހަދަން މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަބްދުﷲ ވަހީދު ވިދާޅުވީ ސައުދީ ފަންޑުގެ އެހީގައި ހއ. ދިއްދޫގައި އައިސް ޕްލާންޓެއް ގާއިމުކުރުމަށް ދެ ފަހަރެއްގެ މަތިން އިއުލާން ކުރި ކަމަށެވެ.

އަދި މިހާރު ދާ ގޮތަށް އެ މަސައްކަތް ކުރެވިދާނެކަމަށް ގަބޫލު ކުރެއްވޭތޯ އާއި އެ މަސައްކަތް ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ދިއުމަށް ވިސްނުން ގެންގުޅޭތޯ އޭނާ ސުވާލު ކުރެއްވިއެވެ.

ދިއްދޫ އާއެކު ސައުދީ ފަންޑުގެ އެހީގައި އައިސްޕްލާންޓް އެޅުމަށް ހަމަޖެހިފައިވަނީ ފަސް ރަށުގެ ތެރޭގައި އއ. ރަސްދޫ، ދ. މީދޫ، ލ. މާމެންދޫ އަދި ގދ. ރަތަފަންދޫ ހިމެނެއެވެ.

އަބްދުﷲ ވަހީދުގެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ އައިސް ޕްލާންޓް އަޅަން ދެ ފަހަރެއްގެ މަތިން އިއުލާންކުރުމުންވެސް ބިޑިން ޕްރޮސެސްގެ ތެރެއިން އެކަން ކޮށްދޭނެ ކޮންޓްރެކްޓަރެއް ނުނެގުނު ކަމަށެވެ.

އެހެންވެ ސައުދީ ފަންޑާ ވާހަކަ ދައްކައިގެން އެ މަސައްކަތް ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަން މުޅިއަކުން ނުނިމޭ ކަމަށާއި އަދި މި ހަފްތާ ނޫނީ އަންނަ ހަފްތާގެ ތެރޭގައި ސައުދީ ފަންޑުން އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު މިނިސްޓަރު މަޖިލީހުގައި ވިދާޅުވީ އައިސްޕްލާންޓްތަކުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު ބެލެވެނީ އަންނަ އަހަރުގެ މާޗްގައި ކަމަށެވެ.