އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ އާ ގަވައިދު ގެޒެޓުކޮށް، އެ ގަވައިދުގެ ދަށުން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި މުދާ އުފުލާ އުޅަނދުތަކުގެ އަގުތައް ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އާ ގަވައިދު އިއްޔެ ގެޒެޓުކުރުމާ ގުޅިގެން، މިއަދުން ފެށިގެން މާލެ ސަރަހައްދުގައި މުދާ އުފުލާ އުޅަނދުތަކުގެ އަގުތައް ކަނޑައަޅައި މިހާރު ވަނީ އާންމުކޮށްފައެވެ. އަދި، އެ އަގުތަކާ ހިލާފަށް ދަތުރުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އާ ގަވައިދު ގެޒެޓުކުރުމާ އެކު، 2017 ގައި އެކުލަވާލައި އަމަލުކުރަމުން ދިޔަ "އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވައިދު" އަދި އެ ގަވައިދަށް ގެނެސްފައިވާ ހުރިހާ އިސްލާހެއް ވަނީ ބާތިލްވެފައެވެ.

އާ ގަވާއިދުގެ ދަށުން ނަގާ އަގުތައް:

  • 750 ކިލޯއިން ދަށުގެ އުޅަނދުތައް- ގަޑިއިރަކަށް 150 ރުފިޔާ
  • 750 ކިލޯއާއި 2 ޓަނާ ދެމެދުގެ އުޅަނދުތައް- ގަޑިއިރަކަށް 200 ރުފިޔާ

މިއީ ކުރިން ނަގަމުން އައި އަގުތަކާ އަޅާބަލާއިރު 10 ރުފިޔާ އާއި 20 ރުފިޔާއާ ދެމެދުގެ އިތުރުވުމެކެވެ.

ބާޒާރުމަތީގައި ބަޔަކު މުދާ އުފުލަނީ. --- ވަގުތު އިމޭޖަސް

މުދާ އުފުލާ އުޅަނދަކަށް، މުދާ އުފުލުމުގެ ހިދުމަތަށް ނެގޭނެ ކަމަށް މިނިސްޓްރީން އާންމުކޮށްފައިވާ އަގު، އުޅަނދުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފެންނާނެހެން އުޅަނދުގެ ތެރޭގައި ބަހައްޓާފައި ހުންނަން ޖެހޭނެ ކަމަށް ވެސް އަލަށް އަމަލުކުރަން ފެށި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން، އުޅަނދުގައި މުދަލާއި ތަކެތި އުފުލާނެ ގޮތް ވެސް ގަވައިދުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، މުދާ އަރުވައި ބާލަން މަޑުކުރާ އެއްވެސް އުޅަނދެއް މަގަކަށް ނުވަތަ ގޯޅިއަކަށް ލަނބާލާ ކަންމަތީގައި، މަގުގެ މެދަށްވާ ގޮތަށް ނުވަތަ އާންމު ޓްރެފިކަށް ދަތިވާ ގޮތަށް މަގުމައްޗަށް މަޑުކުރުމަކީ މަނާކަމެކެވެ.

އަދި، ގުދަނަކުން އުޅަނދަށް މުދާ އަރުވައި ބާލަން ވާނީ، ގުދަނުގެ އެތެރޭގައި ބާއްވައިގެން ނުވަތަ މަގާއި ދުވާރު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާ ގޮތަށް އުޅަނދު ބާއްވައިގެން މުދާ އަރުވާ، ހުސް ކުރުމަކީ ވެސް މި ގަވާއިދުގެ ދަށުން މަނާ ކަމެކެވެ.

ހަމައެހެންމެ، ބައިސްކަލާއި ހަމައެކަނި ދެ މީހުންނަށް އެރޭ ގޮތަށް ފަރުމާކޮށްފައި ހުންނަ އޮޓޯ ސައިކަލާއި މޮޓޯ ސައިކަލުގައި މުދާ އުފުލޭނީ އެ އުޅަނދެއްގައި ހަރުކޮށްފައިވާ ވަށިގަނޑަށް ނުވަތަ އެ އުޅަނދެއްގެ މަޑިދަށަށް ލައިގެންނެވެ.

މުދާ އުފުލާ އުޅަނދު ކަމުގައި ބުނެފައި ވަނީ، C0 އާއި C1 އާއި C2ގެ ގިންތީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެވެ. އެއީ ޕިކަޕާއި ލޮރީ ފަދަ ބޮޑެތި އުޅަނދުތަކެެވެ.

ގަވައިދު ބުނާ ގޮތުން، އުޅަނދުގެ ރަޖިސްޓަރީގައި އެ އުޅަނދެއްގައި އުފުލޭނެ ކަމަށް ކަނޑައަޅާފައިވާ ބަރުދަން، އުޅަނދުގެ ދެ ފަރާތުގެ ކުރީ ދޮރުފަތުގައި ލިޔެފައި އޮންނަން ޖެހޭނެއެވެ. އެ ބަރުދަނަށް ވުރެ އިތުރަށް މުދާ އުފުލުމަކީ މަނާކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙައްވަ

    މާލޭން ހުޅުމާލެއަށް ޕިކަޕުދަތުރެއްގެ އަގަކީކޮބާތޯ އެއީ މިހާރު މާލޭން ހުޅުމާލެއަށް ބައެއް ޕިކަޕުތަކުން 300ރ ނަގާ

    16
    • ޙަސަން

      ޢެއީ އަގު. ޏަހުލާ އައްތަ އެނގޭނީ

      15
  2. ޏަމް

    ގައުމު ހަލާކުކޮށްލައިފި ދެންރަށްޔަތުންނަށްއޮތީ އިނގިލި އަނގަޔަށް ލައިގެންބޮއެ ބަނޑުފުރާނަ މުއްތިކުރުން.

  3. ހުދުހުދު

    މިއީ އެއްވެސް ތާކުންތާކު ޖެހޭ ގަވާއިގެއްނޫން... މާލެ ގެ މަގަކުން 100 ފޫޓައް ދުއްވަން ބައެއްފަހަރު 10 މިނެޓް ނަގާ... އެހެންވީ މަ ގަޑި އަސް އަކުކިއުން ކަޑަ....

  4. ބުރުމާބެ

    "މަގާއި ދުވާރު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާ ގޮތަށް އުޅަނދު ބާއްވައިގެން މުދާ އަރުވާ، ހުސް ކުރުމަކީ ވެސް މި ގަވާއިދުގެ ދަށުން މަނާ ކަމެކެވެ." މީ އަޅެޖެއްސުމެއްތަ.

  5. ބުރުމާބެ

    "ހަމައެހެންމެ، ބައިސްކަލާއި ހަމައެކަނި ދެ މީހުންނަށް އެރޭ ގޮތަށް ފަރުމާކޮށްފައި ހުންނަ އޮޓޯ ސައިކަލާއި މޮޓޯ ސައިކަލުގައި މުދާ އުފުލޭނީ އެ އުޅަނދެއްގައި ހަރުކޮށްފައިވާ ވަށިގަނޑަށް ނުވަތަ އެ އުޅަނދެއްގެ މަޑިދަށަށް ލައިގެންނެވެ." މިހެން އޮތިއްޔާ ބައިސްކަލުގަ ނޫނީ ސައިކަލުގަ ހެސްކިޔާފަ މުދާއުފުލޭނެ. މުދާ އަރުވާފަ މުދާމަތީގަ މަޑިއެއް ބޭއްވީމަ ނިމުނީ. އެއިރުން މުދާހުންނާނީ މަޑިދަށުގަ.... ހެހެހެހެހެ